ފުލުހަކު ދުއްވި ކާރު އެކްސިޑެންޓުވުމުން، އެކަން ރިޕޯޓު ނުކުރި މައްސަލައެއް ފެންމަތިވެ އެ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ 1:00 އެހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެން މީހާ ދުއްވި ކާރުން އެރޭ ހުޅުމާލޭ ފިތުރޯނު މަހު ވެމްކޯ ކައިރިން އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓުުވެފައިވާ ކަމަށެވެ. އެކްސިޑެންޓު ހިނގުމުން އަނިޔާވި މީހާ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދިން ނަމަވެސް މި މައްސަލަ ރިޕޯޓުކޮށްފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓާއި ގުޅިގެން ކޯޓުގައި އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފުލުހުންނަށް ރިޕޯޓުނުކޮށް، ފިލީ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައެވެ.