އިސްލާމިކް މިނިސްޓްރީގެ އެކި މަގާމްތަކުގައި ތިބޭ މުވައްޒަފުންނަށް ރާއްޖެ އިން އުމްރާ އަށް މީހުން ގެންދާ ކުންފުނިތައް ނުހިންގޭ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރަނީ އެ މިނިސްޓްރީން ކަމަށް ވާތީ، އަމަލީ ގޮތުން މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އުމްރާ ކުންފުންޏެއްގައި ނޫޅެވޭނެ ގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިހާރު، އުމްރާ ކުންފުނިތައް ހިންގާ މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންވެސް ހިމެނޭއިރު އިސްލާމިކް މިނިސްޓްރީން އަންނަނީ ހައްޖާއި އުމްރާއަށް މީހުން ގެންދާ އުސޫލުތައް އިސްލާހުކޮށް، ލުއި ފަސޭހަ ގޮތްތައް ހެދުމަށް މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން އުމްރާއަށް ދިއުމަށް ކުންފުނިތަކަށް ފައިސާ ދެއްކާ ފަހުން އުމްރާއަށް ނުދެވޭ މައްސަލަތައް ފެންމަތިވަމުން އަންނައިރު މިފަދަ ގުރޫޕުތަކާއި މެދު މިނިސްޓްރީން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.