ޤައުމީ ފަތުރުވެރިކަމުގެ ދުވަހު، ދިވެހި ފަތުރުވެރިކަމުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުންގެ މަސައްކަތް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ވަޒީރު ވަނީ ރާއްޖޭގައި މި ދާއިރާގައި މަސައްކަތް ކުރައްވަވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެއް މަންޒިލަށް ވެފައެވެ. މި ކާމިޔާބީގެ އަސްލަކީ، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި އަދި މި ދާއިރާއާ ގުޅުންހުރި އެހެނިހެން ހުރިހާ ތަނެއްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ނުގުޑާފަދަ ހިތްވަރާއި، ފަތުރުވެރިންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުމަށް އެ ބޭފުޅުން ކުރާ ބުރަ މަސައްކަތެވެ. ފަތުރުވެރިކަމުގެ ކޮންމެ ހިދުމަތަކަށް އަރާ ފަތުރުވެރިޔާ ދެކެނީ، ރާއްޖޭގެ ރީތިކަމާއި، މެހެމާންދާރީގެ މިސާލެއްގެ ގޮތުގައެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން “ރާއްޖޭގެ ބުކް އޮފް ރެކޯޑްސް” ލޯންޗުކޮށްފައެވެ. މިއީ ރާއްޖޭގެ ފަތުުރުވެރިކަން އިޝްތިހާރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
މިއީ ރާއްޖެއަކީ ހަމައެކަނި “ސަން، ސޭންޑް، އަދި ބީޗް” މަންޒިލެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، ސްޕޯޓްސް ޓޫރިޒަމް ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖޭގެ ތަފާތުކަން ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރާ މުހިންމު މަސައްކަތެއްކަމަށްވެސް ވީއެމްސީއިން ފާހަގަކުރެއްވިއެވެ.