English Edition
Dhivehi Edition

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން “ރާއްޖޭގެ ބުކް އޮފް ރެކޯޑްސް” ލޯންޗުކޮށްފިއެވެ.

“ވިސިޓް މޯލްޑިވްސް ބުކް އޮފް ރެކޯޑްސް” ގެ ނަމުގައި ތަޢާރަފު ކުރެވުނު މިފޮތަކީ ޤައުމުގެ އާދަޔާ ޚިލާފު ކާމިޔާބީތައް ފާހަގަކޮށް، އެ ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި އައު ބާބެއް ތަޢާރަފުކުރުން ކަމަށް ވީއެމްސީން ވިދާޅުވިއެވެ. މީގެ އިތުރުން “ބުކް އޮފް ރެކޯޑްސް” އަކީ ރާއްޖޭގައި ހާސިލުކުރެވޭ އާދަޔާ ޚިލާފު ކާމިޔާބީތައް ލިޔެކިޔުމުން ބަލަހައްޓައި، މިފަދަ ރެކޯޑުތައް ދަމަހައްޓާ، އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށާ ޤައުމީ ފެންވަރުގެ މަސައްކަތެއްކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މިއީ ރާއްޖެއަކީ ހަމައެކަނި “ސަން، ސޭންޑް، އަދި ބީޗް” މަންޒިލެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، ސްޕޯޓްސް ޓޫރިޒަމް ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖޭގެ ތަފާތުކަން ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރާ މުހިންމު މަސައްކަތެއްކަމަށްވެސް ވީއެމްސީއިން ފާހަގަކުރެއްވިއެވެ.

ބުކް އޮފް ރެކޯޑްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މިއީ އަހަރަކަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އަދި ޖިނިސް ވޯލްޑް ރެކޯޑްސްގެ މިންގަނޑުތަކާ އެއްގޮތަށް، ބުކް އޮފް ރެކޯޑްސްގެ ވެބްސައިޓާއި އެހެނިހެން ވަސީލަތްތައް ވީއެމްސީގެ ޓީމުން ތައްޔާރުކޮށްފައިވާ ކަމަށާއި، މި މަޝްރޫޢުގެ ކުރިއެރުން ގަވާއިދުން ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިއުރީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި ގެސްޓްހައުސް އަދި ކައުންސިލް ތަކާއި ސްކޫލްތަކަށް ވެސް ބުކް އޮފް ރެކޯޑްސް ހުޅުވާލާ ކަމަށެވެ.

“ޖުމްލަކޮށް ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭގޮތަށް އަޅުގަނޑުމެން މި ރެކޯޑް މި ހުޅުވާލެވެނީ. އަޅުގަނޑުމެން ބޭނުންވަނީ ތަފާތު ހުނަރުތައް ބަލައިގަނެ އެމީހުން އެކުރާ މަސައްކަތްތައް ދެނެގަތުން. މި ރެކޯޑް ހަދާ ކޮންމެ ފަރާތަކަށްވެސް ސެޓްފިކެޓެއްްގެ އިތުުރުން ކޮއިންއެއްވެސް ލިބޭނެ.” ޝިއުރީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ މި ރެކޯޑު ފޮތުގެ ސަބަބުން ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށާއި އުންމީދަކީ މިއަންނަ އަހަރުގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް އަންނަން ވާއިރަށް މި ފޮތުގައި ގިނަ އަދަދެއްގެ މީހުންގެ ރެކޯޑުތައް ހުރުންކަމަށެވެ.

ބުކް އޮފް ރެކޯޑްސްގެ ދަށުން ރާއްޖޭގައި ގާއިމްކުރާ އެކި ރެކޯޑުތަކުގެ ފުރިހަމަ މައުލޫމާތު ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ވެބްސައިޓެއް މެދުވެރިކޮށް، ރާއްޖޭގައި ގާއިމްކުރާ ރެކޯޑުތަކުގެ މައުލޫމާތު އާންމުންނަށްވެސް ފެންނާނޭ ގޮތަށް ބެލެހެއްޓޭނެކަމަށްވެސް ވީއެމްސީއިން ވިދާޅުވެއެވެ.