English Edition
Dhivehi Edition

ދުވަހަކީ އަހަރެން ކުޑަކޮށް ބަލިވެ އުޅުނު ދުވަހެއް ކަމުން ފިހާރަ ހުޅުވާގަޑިއަށް އެތަނުގައި އުޅޭ ކުއްޖާއަށް އޭނާ ކުރަންޖެހޭ މަސައްކަތް ކިޔައި ދިނުމަށްފަހު އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކަން ނަމްބަރެއް ނަގައިގެން ކިއުގައި މަޑުކޮށްގެން އިންދާ ކުއްލިއަކަށް އެތަނުގެ ތެރެ ހަލަބޮލިވާން ފެށިއެވެ. ކޮންމެވެސް ހާލުދެރަ ބަލިމީހަކު އިމަޖެންސީގައި ގެނެސްގެން މީހުން ހޭލަމޭލައަށް ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔައެވެ. އަހަރެންވެސް މިވަނީ ކީއްތޯ ބެލުމަށް އެމަންޒަރު ބަލަން ހުރީމެވެ. އެވަގުތު އެމީހުންގެ ތެރޭގައި ދަންނަހެން ހީވާ ގިނަ މޫނުތަކެއް ތިބުމުން އެދިމާއަށް އަހަރެން ދިޔައީމެވެ. އެތަނުން ދިމާވީ ޖަވާޒުމެންގެ ރިސޯޓުގައި މަސައްކަތް ކުރާ ދަންނަ ރައްޓެއްސަކާއެވެ.

“ކިހިނެއްވީ މިތަނުގައި؟ ކާކު ގެނެސްގެން މިއުޅެނީ”؟ ވެގެން އުޅޭގޮތެއް އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ.

“ޖަވާޒު…!” އޭނާގެ ޖުމުލަ ފުރިހަމަ ނުވަނީސް އަހަރެންގެ މެޔަށް ފިނިވެ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަފަދަ އިޙްސާސެއް ކުރެވުނެވެ.

“ޖަވާޒަށް ވީ ކީއް؟…ކީއްވެ މަށަށް ނޭންގީ…؟” އަހަރެން ހަޅޭލަވަމުން އިމަޖެންސީއާއި ދިމާއަށް ދުއްވައިގަތީމެވެ.

“ރީމާ..ނޭންގީއެއް ނޫން. މިއީ އިމަޖެންސީއެއް. އެއްވެސް މީހަކަށް ނޭނގޭ ޖަވާޒު ބަލިކަމެއް. ކުއްލިއަކަށް އެންމެންނަށް އެނގުނީ. ހާސްވެފައިތިބިވަރުން ގުޅާނުލެވިގެން އަދި މިއުޅެނީ” އޭނާ އަހަރެންގެ ފަހަތުން ދުވަމުން އައިސް ވެގެން އުޅޭގޮތް އޮޅުންފިލުވައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަންނަކަށް އެއްވެސް އެއްޗެއް އަޑެއް ނީވެއެވެ. ހިތުގެ ހިނގުން ހުރީ އަވަސްވެ މާނޭވާލެވެން ފަށާފައެވެ. ހަތަރެސްފައި ފިނިވެ މޫނުމަތިން އޮއްދާ ހިއްލާފައެވެ.

ކުޑައިރުކޮޅަކަށް ފަހު ޑޮކްޓަރާ އަހަންނަށް ބައްދަލުވެވުނެވެ. ޑޮކްޓަރު ބުނީ މިހާރު ޖަވާޒުގެ ހާލު އާދައިގެ ކަމަށާއި ނޭވާލާން އުނދަގޫވާތީ އޮކްސިޖަނާ ގުޅާފައި އޮތީކަމަށެވެ. އަދި މިވަގުތު ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިދިފައި އޮތްނަމަވެސް ޖަވާޒުގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަހަރެންނަށް ހަމަ ނޭވާލެވުނީ އެހާ ހިސާބުންނެވެ.

ޖަވާޒުގެ މެސެޖެއްވެސް ނުލިބޭތާ ދެދުވަސްވަރު ވެފައިވާތީ އޭނާ ބަލިކަމެއް ވެސް އަހަންނަށް އޮތީ ނޭނގިފައެވެ. ނުވަތަ ޖަވާޒު އަންގަން ބޭނުންނުވީއެވެ. އަހަރެން އިންތިޒާރުކުރީ ޖަވާޒު ނިދާހޭލަންދެންނެވެ.

ދެތިން ގަޑިއިރުފަހުން ޖަވާޒު ހޭލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ވަރުގަދަކޮށް ބިޔަކޮށް ހުރި ހަށިގަނޑު ކުޑަކޮށް ކަމީނާވެސް ހިކިފައި ހުރިހެންވެސް އަހަންނަށް ހީވިއެވެ. އެއްގައުމެއްގައި ދިރިއުޅުނު ނަމަވެސް އަހަންނާ ޖަވާޒާ މި ދިމާވީ ފުރިހަމަ 6 މަސް ދުވަހަށް ފަހުގައެވެ. އޭނާގެ އަޑެއްވެސް ނީވޭތާ އެހާދުވަސްވެއްޖެއެވެ. އަހަރެން ބޭނުންވީ އެނދުގައި އޮތް ޖަވާޒުގެ ހަށިގަނޑުގައި ބައްދައިގެން އޮވެ ރޯށެވެ. ޝަކުވާ ކުރާށެވެ. މިދުރުމިނަށް އަހަންނަށް ކެތް ނުކުރެވޭނެ ކަމަށް ބުނެ ކުރީގެ އުފާވެރި ދިރިއުޅުމަށް އެނބުރި ދިއުމަށް އެދި އާދޭސް ކުރާށެވެ. ނަމަވެސް އަހަންނަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެތަނުގައި ޖަވާޒުގެ ރިސޯޓުގެ ގިނަ ރައްޓެހިން އޭނާގެ ހާލު ބެލުމަށް ތިބީމައެވެ.

އަހަރެން ފެނުމުން ޖަވާޒު ގަދަކަމުން ކަހަލަ ގޮތަކަށް ހީނލިއެވެ.

“މީ އެއްވެސް ކަމެއް ނޫން. ގޭސްޓްރިކް މައްސަލައެއް. ރޭގައި ކެވުނު އެއްޗަކުން ކަންތައް މާބޮޑުވީ” ވެގެން އުޅޭގޮތް އޮޅުންފިލުވައިދޭން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އަހަންނަށް އޭނާގެ އަޑުން ވެސް ވަރަށް ބޮޑަށް ބަލިކަން ފާހަގަކުރެވުނެވެ.

ޖަވާޒު އެއްބަސް ނުވިނަމަވެސް އަހަރެން ބާރު އެޅީ ރާއްޖެއިން ބޭރަށް އިތުރުފަރުވާއަށް ދިއުމަށެވެ. ރަނގަޅު ޗެކަޕެއް ކޮށް ވެގެން އުޅޭގޮތް ހޯދުމަށެވެ. އަހަންނަށް ޔަގީނާ ގާތަށް އެނގޭކަމަކީ ޖަވާޒަށް ކޮންމެވެސް ކަހަލަ ބައްޔެއްގެ އުނދަގޫ ފޯރަމުންދާ ކަމެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޖަވާޒު އެއްބަސްވީ ވަރަށް މަސައްކަތުންނެވެ. އޭނާ އެއްބަސްވުމާއެކު ޖެހިގެން އައި ދުވަހުގައި އަހަރެމެން އިންޑިއާއަށް ފުރީމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އަދިވެސް ބޭސްފަރުވާއަށް އެންމެ ރަނގަޅީ ހަމަ އިންޑިއާ ކަމަށްވުމުންނެވެ.

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ތަފާތު ޑޮކްޓަރުންނަށް ދައްކައި ޓެސްޓުތައް ހަދަން ފެށުނެވެ. ފުރަތަމަ ރިޕޯޓާއެކުވެސް ޑޮކްޓަރުގެ މޫނުމަތިން ފެނުނު މަންޒަރުން ގޯހެއް އުޅޭކަމަށް އަހަންނަށް ހީކުރެވުނެވެ. ހުރިހާ ޓެސްޓުތަކުގެ ނަތީޖާ ލިބި ޑޮކްޓަރުންގެ ފައިނަލް ރިޕޯޓް އިއްވި ދުވަހު އަހަރެން ރޮމުންރޮމުންގޮސް ދެލޯ ދުޅަވިއެވެ. އަހަރެމެންގެ ލޯބީގެ ހަޔާތުގެ ހުޅުކޮޅު ނިވެނީކަމުގެ ބިރުވެރި އިހްސާސް ކުރެވުނެވެ.

“ޖަވާޒު އެވަނީ ގޮހޮރުގެ ކެންސަރުގެ ފުރަތަމަ ސްޓޭޖްގައި” ޑޮކްޓަރުގެ އެޖުމުލަ އަހަންނަށް އަޑުއިވުނީ ހިސްޓީރިއާ ޖެހިފައިވާ މީހަކު ވަރަށް ދުރުން ބުނެލި ޖުމުލައެއްގެ ގޮތުގައެވެ.

“ރީމާ ކަންބޮޑުވާކަށް ނުޖެހޭ. ޖަވާޒު އެހެރީ ބޭސްފަރުވާއިން ސަލާމަތް ކުރެވޭ ހިސާބުގައި. ނަސީބެއް އަވަހަށް ފަރުވާ ފެށުނުކަން. ދެތިން ކީމޯ އަކާއެކު ބޭހުގެ އެހީގައި ޖަވާޒުގެ ބަލި ފަސޭހަވެދާނެ ކަމަށް އަހަރެމެންނަށް ގަބޫލު ކުރެވޭ. ޖަވާޒަކީ ހިތްވަރު ގަދަ މީހެއް. ރީމާގެ ހިތްވަރާއި ލޯބި މިކަމަށް ބޭނުންވަނީ” ޑޮކްޓަރު އަހަންނަށް ހިތްވަރުދިނެވެ.

ކަރުނައިން ފުސްވެފައިވާ ލޮލަކުން ޑޮކްޓަރަށް ބަލަން އިނދެ އަހަންނަށް އަހާލެވުނީ ޖަވާޒު ހަމަ ހަގީގަތުގައި ވެސް ރަނގަޅު ކުރެވިދާނެތޯއެވެ. އަހަރެންގެ ސުވާލުގެ ޖަވާބުގައި ޑޮކްޓަރު ހިނިތުންވެލަމުން އާނއެކޭ ބުނެ އަހަންނަށް ހިތްވަރުދިނެވެ.

ޖަވާޒު އޮތް ރޫމަށް ވަންއިރު އުޑުތިލަމަތިން އޮށޯވެގެން ދެލޯމަރާލައިގެން އޭނާގެ އެނދުގައި އޮތެވެ. ރިޕޯޓުތަކުގެ ވާހަކަ އޭނާއަށް ކިޔައިދޭން އަހަންނަށް ދަތިވިއެވެ.

އަހަރެންގެ ފިޔަވަޅުގެ އަޑުއިވިގެން ޖަވާޒު ދެލޯ ހުޅުވައި ބަލައިލިއެވެ. އޭނާގެ ދެލޮލުގެ ރަތް ކުލަ ގަދައެވެ. ރޮނީކަމަށް ވެސް ވެދާނެއެވެ. އަހަރެން ދުވެފައިގޮސް ޖަވާޒުގެ އަތުގައި ހިފައި އޭނާގެ އަތްތިލަ އަހަރެންގެ އަތުގެ ތެރެއަށް ލީމެވެ.

“ރޮނީތަ؟” އަހަންނަށް އަހާލެވުނެވެ.

“އުހުނ..ނިދިފައި އޮތީމާ ދެލޯ ރަތްވީހެން ހީވަނީ. ކޮންކަމަކާ ރޯންވީ؟” ގަދަކަމުން ހީނލަމުން ޖަވާޒު ބުނެލިއެވެ.

“ރިޕޯޓް ތައް ލިބިއްޖެ” އަޅައަޅައިގަންނަމުން އަހަރެން ބުނީމެވެ.

“އެހެންތަ؟ ރީމާ ބޭރުގައި ހުއްޓާ އެންމެފުރަތަމަ ޑޮކްޓަރު އައީ މިތަނަށް. ރިޕޯޓްގެ ވާހަކަ ބުނި. މާބޮޑު ކަމެއްނޫނޭ ބުނީ” ޖަވާޒު ހަމަޖެހިލަމުން ބުންޏެވެ.

އަހަންނަށް އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ޖަވާޒުގެ މޫނުގައި ޖެހޭހިސާބުގައި އޮށޯވެ އޭނާގެ ހިތުގެ ހިނގުމުގެ އަޑުއަހަން އަހަރެން އޮތީމެވެ. ޖަވާޒަށް މި ރިޕޯޓުގައި ވާއެއްޗެއް އަހަންނަށް ވުރެ މާކުރިން އެނގިފައި އޮތުންވެސް އެކަށީގެންވެއެވެ. އޭނާގެ ހަރަކާތްތަކުން އަހަންނަށް އެކަން ފާހަގަކުރެވުނެވެ. ހުރިހާ ކަމަކާއެކުވެސް މިވަގުތު އަހަރެން ހިތްވަރު ކުރަން ޖެހޭނެކަން އަހަންނަށް އެނގެއެވެ.

ޖަވާޒުގެ ކެންސަރ ފަރުވާ އެހާހިސާބުން ފެށުނެވެ. ކީމޯ ދޭން ފެށުމުން ބޮލާއި ހަށިގަނޑުން އިސްތަށިފައިބައި މީހާ ހިކި އަނަރޫފަވާން މާގިނަ ދުވަސްތަކެއް ނުނަގައެވެ. އަހަރެން ޖަވާޒުގެ އާއިލާއަށް ވެސް މި ޚަބަރު ދިނީމެވެ. ޖެހިގެން އައި ދުވަހު އޭނާގެ ދެ ދައްތަ އަކު އިންޑިއާއަށް އައެވެ. އެމީހުންނަކީ ދުވަހަކުވެސް އަހަންނާއި ގުޅުން ރަނގަޅު ބައެއް ނޫނެވެ. އަހަރެން ހީކުރީ ހޮސްޕިޓަލުގައި މިފަދަ ޙާލުގައި އަހަރެމެންވަނިކޮށް އައިސް އެމީހުންގެ އެހީތެރިކަމާއި ހިތްވަރު އަހަންނަށް ވެސް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންވީ އެގޮތަކަށް ނޫނެވެ. އެމީހުން ބޭނުންވީ އަހަރެން އެތަނުން ފޮނުވާލުމަށެވެ. ދައްތަމެންނަށް ޖަވާޒު ބެލޭނެކަމަށް ބުނެ އަހަރެން މާލެދިއުމަށެވެ. އެހެނަސް ޖަވާޒު އެހާލުގައި ދޫކޮށްލާފައި އަހަންނަށް ނުދެވޭނެކަން އެމީހުންނަށް ނޭނގުނީތީ އަހަރެން ހައިރާންވިއެވެ. އެމީހުންގެ ހިތުގައި ރަހުމުގެ ކުނޑިފަށެއް ހައި މިންވަރުވެސް ނެތީތީ ހައިރާންވިއެވެ.

ފުރިހަމަ ދޮޅުމަސް ދުވަސް އިންޑިއާގައި ހޭދަކުރުމަށް ފަހު އެނބުރި މާލެއައި އިރު ޖަވާޒުގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅެވެ. މާލެ އައުމާއެކު އޭނާ ބޭނުންވީ ރިސޯޓަށް އެނބުރި ދާށެވެ. ދުވަސްކޮޅަކަށް މާލޭގައި މަޑުކޮށްލާ އަރާމުކުރުމަށް އަހަރެން އެދުނީމެވެ. ނަމަވެސް ފުނިޖެހިފައި ހުރި މަސައްކަތް ނިންމާލުމަށް އޭނާ ހަމަ ކޮންމެހެންވެސް ދާން ޖެހޭނެ ކަމަށް ބުނެ ޖެހިގެން އައި ދުވަހު ޖަވާޒު ރިސޯޓަށް އެނބުރި ހިނގައްޖެއެވެ.

ޖަވާޒު އަމިއްލައަށް މުޅީން ރަނގަޅުވީ ކަމަށް ދެކިގެން ރިސޯޓަށް ދިޔަނަމަވެސް އޭނާގެ ހާލު ރަނގަޅު ނޫނޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ކޮންމެ ވަގުތަކު ބޭސް ކާންޖެހޭ ގަޑިއަށް އަހަރެން ޖަވާޒަށް މެސެޖް ކުރަމެވެ. ރިސޯޓަށް ދެވުމާއެކު އޭނާ ފޯނާ ދުރުވެ މެސެޖުން ވާހަކަ ދައްކަން ފެށިއެވެ. އަހަރެންގެ މެސެޖްތަކަށް ޖަވާޒު ބަރާބަރަށް ޖަވާބު ދެއެވެ. އެހެންވެ ފޯނު ނުކުރާތީ އަހަރެން ކުރާ ޝަކުވާ ނުކޮށް ހުއްޓާލީމެވެ. އިތުރު ޝަކުވާތަކެއް ކޮށްގެން ހަމަނުޖެހުން އުފައްދާކަށް އަހަރެން ބޭނުމެއްނުވީއެވެ. އޭނާ ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ހުރީވިއްޔާ އަހަންނަށް އެންމެ ހެވެ. ނަމަވެސް އަހަރެންގެ ހިތް އަބަދުވެސް ދިޔައީ ބިރުގަންނަމުންނެވެ. ފަރުވާތެރިކަމާއެކު ޖަވާޒު ބޭސްނުކައިފިއްޔާ ނިކުމެދާނެ ނަތީޖާ އާމެދު އަހަރެން އިންނަނީ އަބަދުވެސް ކަންބޮޑުވެފައެވެ. ފޯނަށް އަންނަ މެސެޖް އެލާޓްގެ އަޑަށް ވެސް އަހަރެން ދަނީ ސިއްސައިގެންނެވެ. ނުވަގުތެއްގައި މީހަކު ފޯނަށް ގުޅައިފިއްޔާވެސް އަހަރެންގެ ހިތް އަވަސްވާން ފަށައެވެ. އެހެންނަމަވެސް އަހަރެން ބިރުގަންނަނީ އެއްވެސް ކަމަކާނުލައޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. ޖަވާޒުގެ ޑޮކްޓަރުން އޮތީ އޭނާ ނުރައްކަލުން ސަލާމަތް ވެފައިވާ ކަމަށް ބުނެފައެވެ. ރަނގަޅު ފަރުވާއޭނާއަށް އެދަނީ ލިބެމުންނެވެ. ދެން އަހަރެން ހާސްވެ މިކަންބޮޑުވަނީ އެއްވެސް ކަމަކާ ނުލައޭ ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމެވެ. ފަހަރެއްގައި ޖަވާޒު އަހަރެންގެ ކައިރީގައި ހުރިނަމަ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނީހޭ ހީވެއެވެ. ނުވަތަ ފޯނުން ރަނގަޅަށް ވާހަކަ ދައްކާނެނަމައޭ ހިތަށް އަހަރަށް އެވެ. ނަމަވެސް އަޑުނެތް މެސެޖްތަކެއް ފިޔަވައި އޭނާގެ އިތުރުޚަބަރެއް އަހަންނަކަށް ނުވެއެވެ. އެންމެ ބޮޑަށް އަހަރެން ކަންބޮޑުވަމުން ދިޔައީ މި ސަބަބާހެދިއެވެ.

-ނުނިމޭ-

1 ކޮމެންޓް
ރޯޒީ
ޖެނުއަރީ 21, 2018
ވަރަށް ބެސްޓު