މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސާދާގެ، އަހްމަދު ފިރާގު (46އ) އާއި ކ. ކާށިދޫ / ޝަރަފް، ސާލިމް ނަސީރު (43އ) އެވެ.
އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެމީހުން އެވަގުތު ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.6 ގްރާމް ހުރި އިރު މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހްމަދު ފިރާގަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ސާލިމް ނަސީރަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.