English Edition
Dhivehi Edition

ކޮޕާ ޑެލްރޭ ފުރަތަމަ ބުރުގައި ރޭ މި ސީޒަންގައި އަދި މެޗަކުން ބަލިވެފައި ނުވާ ބާސެލޯނާ އާއި އެސްޕަނިއޯލް ބައްދަލު ކުރި މެޗު އެސްޕަނިއޯލް އިން ކާމިޔާބު ކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ކޮޕާ ޑެލްރޭ އެސްޕަނިއޯލްއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 88 ވަނަ މިނެޓްގައި އޮސްކާ މެލަންޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކޮޕާ ޑެލްރޭގައި ރޭ ކުޅުނު މެޗުގައި އެސްޕަނިއޯލްއިން މޮޅުވި ނަމަވެސް ބާސެލޯނާއަށް ވަނީ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުކޮށްލާފައެވެ. މި ގޮތުން ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އާޖެންޓީނާގެ ލިޔޮނަލް މެސީ ފޮނުވާލި ޕެނެލްޓީވެސް ވަނީ ނާކާމިޔާބު ވެފައެވެ.

މެޗަށްފަހު އެސްޕަނިއޯލްގެ ކޯޗު ކުއިކް ސަންޗެޒް ފުލޮރޭޒް ބުނީ މެޗަކުން ބަލިވެފައި ނުވާ ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލި ކޮށް ބާސެލޯނާ ބަލިނުވެ ހޯދަމުން އައި ރިކޯޑް ސުމަކަށް ހެދުން ވެގެން ދާނީ ތާރީހީ މޮޅެއް ކަމަށެވެ.

އަދި ކޯޗް ފުލޮރޭޒް އިތުރަށް ބުނީ ރޭގެ މެޗުގައި ލަނޑު ޖެހި މެލެންޑޯ އަކީ އެސްޕަނިއޯލްގައި އެންމެ ކުޑަ އިރު ވެސް ޓްރެއިނިން ހަދަމުން ދާ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަށް އެކުލަބްގެ ހުރިހާ ރިކޯޑުތައް މުގުރާލައި ތާރީހުގެ ތެރޭގައި ރަން އަކުރުން ނަން ފެވިދާނެކަމަށެވެ.