English Edition
Dhivehi Edition

އަހަންނާއި ނަވީދުގެ ކައިވެނީގެ ބިންގާ އެޅުނީ އެހާ ހިސާބުންނެވެ. އެކަކު އަނެކަކަށް ދަސްކުރަން އިތުރު ވަގުތު ބޭނުން ނުވާތީއެވެ. ދެމީހުންގެ ޙަޔާތުގެ މާޒީގެ ޞަފްޙާތައް ދަސްވެފައިވާތީއެވެ. ދެ އާއިލާގެ މެމްބަރުން ވެސް މި ގުޅުމަށް ހިތުން ރުހުމުން އެއްބަސް ވީމައެވެ. ކަންވީވެސް ހަމަ އެހެންނެވެ. ނަވީދު އަހަންނަށް ނުހަނު ހެވެވެ. ހިތްއެދުމާއި އިޝްގީލޯތްބަކީ އަދި ވަކިއެއްޗެކެވެ. ނަމަވެސް ކުލުނާއި ގާތްކަމާއި ހިތްހެޔޮކަމަކީ ވެސް ދިރިއުޅުމެއް ނަގައި ކޮޅަށް ޖެހުމަށް މުހިއްމު ބައިތަކެއް ކަމާއި އޭގެ އެހީގައިވެސް އުފާވެރި ދިރިއުޅުމެއް ވޭތުކުރެވިދާނެކަން އަހަރެމެން ގަބޫލުކުރީމެވެ.

“ހިނގާ ދެން ދަމާ. މިހާރު ވަރަށް ގިނަ އިރުވެއްޖެ” ރަނގަޅަށް ކައިނިމުމުން ގޮނޑީގައި ހަމަޖެހިލަމުން ނަވީދު ބުންޏެވެ.

“ރީމާ ތި ކެއީ ވަރަށް ކުޑަކޮށް. ރަނގަޅަށް ކާން ވާނެ އިނގޭ. އެއީ އަހަރެން އެންމެ ބިރުގަންނަ ކަންތައް” އަހަރެންގެ ތަށްޓަށް ބަލައިލަމުން ނަވީދު ބުނެލިއެވެ.

“އަހަރެން ރަނގަޅަށް ކެއީމޭ. މަށަށް ހީވަނީ ނަވީދާއެކު އުޅެން ފެށުމުން ކާންދީ ދީ އަހަރެން ބެރަކަށް ހަދާލާނެހެން” ކުޑަކޮށް ހީނލަމުން އަަހަރެންވެސް ނަވީދާ ބައިވެރިވެލީމެވެ.

“އެހެންވާނީ ކަންނެތް މީހުން. ކައިގެން ކަސްރަތު ކުރީމަ ހުރިހާ އެއްޗެއް ހުންނާނީ ބެލެންސް ވެފައި. ކަންބޮޑުވާކަށް ނުޖެހޭނެ” ނަވީދު އަަހަރެންގެ އަތުގައި ހިފައިގެން ކޮޅަށް ތެދުވިއެވެ.

އަަހަރެމެން ދެމީހުން އަތުގައި ހިފާލައިގެން މަޑުމަޑުން ގޮނޑުދޮށުގެ ހިތްގައިމު މާހައުލުގައި ހިނގަމުން ދިޔައީމެވެ. މަޑު މަޑު ހިމުން ދޮންވެލިގަނޑުމަތީގައި އަހަރެން ހިނގަމުން ދިޔައީ ހުސްފައިގައެވެ. އެއްއަތުން ފައިވާނުގައި ހިފަހައްޓާލައިގެން ހުސްފައިގައި ހިނގަމުން ދިޔައިރު އަހަރެންގެ މާޒީގައި ހިނގާފައިވާ މިފަދަ އުފާވެރި ރޭތައް ހަނދާނުގެ ސްކްރީނަށް ފެނިގެއްލެމުން ދިޔައެވެ. އެ ރޭތަކާއި މިރެއާއި ހާސްބައި ތަފާތެވެ. ނަމަވެސް ފޫއްސެއް ނޫނެވެ.

ދެމީހުން އެކީގައި ހިނގާލާފައި ގޮސް ވޯޓަރ ވިލާތަކަށް ދާން އޮންނަ ޑެކް މައްޗަށް އެރީމެވެ. އޭރު ވައިރޯޅި ކުޑަކޮށް ބާރުވާން ފެށިއެވެ. ހަނިހަނި ފާލަމުގެ މަތިން ހިނގާފައި ދިޔައިރު އަހަރެން ހުރީ ކުޑަކޮށް ބިރުގަނެފައެވެ. ނަވީދުގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހިނގަމުން ދިޔައިރު ވައިރޯޅި އާއެކު އަހަރެން މޫދަށް ވެއްޓިދާނެއޭވެސް ބައެއްފަހަރު ހިތަށް އަރަމުން ދިޔައެވެ. ކައިރިން ލާފައި ދިޔަ ގެސްޓުންވެސް އަަހަރެމެން ފެނުމުން މަޑުކޮށްލާފައި ރޭގަނޑުގެ ސަލާމް ކުރަމުން ދިޔައެވެ. ނަވީދު އެ އެންމެންނަށް ޖަވާބު ދެމުން ކުރިއަށް ދިޔައިރު އަހަރެން ހުރީ ހަމަހިމޭނުންނެވެ.

10 ވަރަކަށް މިނެޓްގެ ހިނގާލުމަކަށް ފަހު އަހަރެމެންގެ ރޫމަށް އާދެވުނެވެ. ރޫމަށް ވަދެވުމާއެކު ނަވީދު ފެށީ އޭނާގެ ނުނިމި ހުރި މަސައްކަތްތައް ނިންމާލެވޭތޯއެވެ.

“ރީމާ ނިދާލާ. އަހަރެން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. ކޮންމެހެންވެސް މާދަމާއަށް މިތަނުން ގިނަ ކަންކަން ނިންމަން ޖެހޭ” ނަވީދު އޭނާގެ ލެޕްޓޮޕް ހުޅުވާލަމުން މޭޒުގެ އެއްފަރާތެއްގައި ހުރި ކަރުދާސްތައް ނަގައި އެއަށް ސަމާލުކަން ދިނެވެ.

ނިދި ނައި ނަމަވެސް ކޮޓަރީގައި ހުރި މަޑު އެހާމެ އަރާމު އެނދުގައި އަަހރެން ޖައްސާލީމެވެ. އަދި ތަނުގެ ހަމަހިމޭންކަން އިހްސާސް ކުރަމުން ދެލޯ މަރާލީމެވެ. ދެވަނަ ސިކުންތުގައި އަަހަރެން ސިހިގެން ދިޔައީ ކައިރީގައި އޮތް ފޯނުގެ މެސެޖް އެލާޓަށެވެ. ފޯނަށް މެސެޖެއް އަންނަ އަޑު އިވިއްޖެއްޔާ މިހާރުވެސް އަހަރެން ސިހެއެވެ. އަތްފައި ތުރުތުރު ލައެވެ. ގިނަ ދުވަސްތަކެއް ވަންދެން އަހަރެންގެ ފޯނަށް އައި އަޑުނެތް މެސެޖް ތަކުގެ މަތިން ހަނދާންވެ ހަށިގަނޑަށް ވަރުބަލިކަން އިހްސާސް ކުރެވެއެވެ. ކުރީގެ ފިރިމީހާ ޖަވާޒު މޫނު އަަހަރެންގެ ޚިޔާލީ ސްކްރީނުގައި ވަށައިގެން އެނބުރެން ފަށައެވެ.

ޖަވާޒުގެ ވަކިވުން އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. އެހާ އުފާވެރި ލޯބިވެތި ދިރިއުޅުމެއް އަހަރެންގެ އަތުން ބީވެގެން ގޮސް ޙަޔާތް އެފުށްމިފުށަށް ޖެހި މުޅިން އެހެން މީހަކަށް އަހަރެން ވާން ޖެހިދާނެ ކަމަކަށް ހިތަށް ވެސް ނުގެނެވެއެވެ. ނަމަވެސް ހަގީގަތަކީ މިއީއެވެ. ދުނިޔެ ހިނގަނީ ތޮށަލިދުޅައަށޭ މީހުން ބުނެހަދަނީ މިހެންވެގެން ކަމަށް ވެސް ވެދާނެއެވެ.

އަަހަރެން އެނދުގައި ހަމަޖެހިލަމުން ދެލޯ މަރާލީމެވެ. އަދި އަނދިރީގެ ތެރެއިން ޖަވާޒުގެ ހިނިތުން ވެފައިވާ މޫނު ހޯދަން ފެށީމެވެ. އެ އުފާވެރި ދިރިއުޅުމުގެ ހަނދާންތަކުގެ ތެރެއަށް ފީނަން ފެށީމެވެ.

ޖަވާޒާ އަހަންނާ ދިމާވީވެސް ހަމަ އިއްތިފާގަކުންނެވެ. އޭރު އަަހަރެން މަސައްކަތް ކުރަމުން ދިޔައީ ރިސޯޓެއްގެ އެޗް އާރު އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައެވެ. ރިސޯޓުގެ ވަޒީފާއަކަށް ކުރިމަތިލާފައި އޮތް ކެންޑިޑޭޓަކާ ބެހޭ މައުލޫމާތު ހޯދާލުމަށް ކުރީގައި އޭނާ މަސައްކަތް ކުރި ރިސޯޓުގެ އެޗްއާރާއި ގުޅައިގެން މައުލޫމާތު ހޯދުން ވީ ބުރަ ކަމަކަށެވެ. އެކޮޅުގެ އެޗްއާރު މެނޭޖަރުގެ ބިޒީކަމުން ގިނަފަހަރަށް ފޯނަށް ޖަވާބުވެސް ނުދެވެނީއެވެ. ކުރި މެއިލް އަކަށް ވެސް ޖަވާބެއް ނުމެއާދޭމެއެވެ. އެކަމާ އަަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. އެޗްއާރު މެނޭޖަރުގެ ފޯނަށްއަހަރެން ގުޅީ މި ހިތްހަމަ ނުޖެހުމާވެސް އެކުގައެވެ.

އެކޮޅުން ވާހަކަ ދެއްކީ ޒުވާން ފިރިހެނެކެވެ. އަޑު ބަރުވެފައި ރީއްޗެވެ. ނަމަވެސް އަހަންނަކަށް އެކަމެއް މުހިއްމެއް ނުވިއެވެ. ފުރަތަމަ ވެސް އަަހަންނަށް ކުރެވުނީ ޝަކުވާއެވެ. އަހަރެންގެ ރުޅިގަނޑު މަތަކުރަން ޖެހުނީ އެކޮޅުން ވާހަކަ ދެއްކި ޒުވާނާއަށެވެ. އެއީ ސަމާސާ މިޒާޖެއްގެ ވެރިއެއް ނޫންނަމަ އަހަންނެކޭ އެއްފަދައިން ޒުވާބަކުން ނިންމާލީހެވެ. ނަމަވެސް އެކޮޅުން ވާހަކަ ދެއްކި ޖަވާޒު އަހަރެންގެ ޝަކުވާ އަޑުއެހީ މަޖާވެފައި އިނދެގެންނެވެ. ފޯނުކޯލު ނިމިގެން ދިޔައީ އަހަރެންގެ ރުޅި މަތަވެ އެކަކު އަނެކަކަށް އެކުވެރި ވެގެންވެސް މެއެވެ.

އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން އަހަރެމެން މަސައްކަތުގެ ކަންކަމުގައި ފޯނުން ވާހަކަ ދައްކައެވެ. އެގޮތަށް ފެށިގެން ދިޔަ ގުޅުން ވަރުގަދަވެ އެގުޅުމަށް އިތުރު ނަމެއް ދެވުނީ ދެމީހުންނަށް ވެސް ނޭނގި ތިބެއެވެ. މާލޭގައި އަހަރެމެން ފުރަތަމަ ބައްދަލުވި ދުވަހުވެސް ގާތް ދެމީހުންނަށް އޮތީ ވެފައެވެ. ގާތްގަނޑަކަށް ހެން ލޯބީގެ ގޮތުން ގުޅި ދެމީހުން ދެމީހުންނަށް ހިތްކިޔަން ފަށާފައެވެ. އަލަށް ބައްދަލުވި ދުވަހުވެސް އެއްވެސް ބީރައްޓެހި ކަމެއް ނެތި އަހަރެމެން އަނގަތަޅަމުން ސަމާސަ ކުރަމުން ދިޔައެވެ. ދުވަސްވީ ދެ ލޯބިވެރިން ފަދައިންނެވެ.

އުފާވެރި ދުވަސްތަކަކަށް ފަހު އެގުޅުން ކައިވެންޏަކަށް ބަދަލުކުރުމަށް ދެމީހުން ވެސް ބޭނުންވިއެވެ. އެކަކު އަނެކަކަށް ހިތްއެދޭ ސިފަތައް ހުރެމެ ދެމީހުން ދެމީހުންނަށް ލޯބިވެސް ވާތީމެއެވެ.

އަހަރެންގެ އާއިލާއިން މި ކައިވެންޏަށް ރުހުމުގެ ބަސް ދިން ނަމަވެސް ޖަވާޒުގެ އާއިލާއިން އެކަމާ މުޅީން ދެކޮޅެވެ. އެމީހުން ބޭނުންވީ ޖަވާޒު އޭނާގެ އަމިއްލަ ރަށުން މީހަކާ އިންނާށެވެ. މަންމަމެން މުސްކުޅިވީދުވަހު އެމީހުންގެ ހާލު ބެލުމަށް ގޭގައި އިންނާނެ ގެވެހި އަންހެން ކުއްޖަކަށް އެމީހުންތިބީ އެދިއެދިއެވެ. އަހަންނަކީ މިހާރުވެސް ރިސޯޓެއްގެ އިސް މަގާމެއް އަދާކުރަމުންދާ އަންހެންކުއްޖަކަށް ވުމުން އެމީހުން ބޭނުންވާ ފަދަ ދަނބިދަރިއަކަށް އަހަންނަށް ނުވެވޭނެ ކަމަށް ޖަވާޒްގެ މައިންބަފައިން ބުންޏެވެ.

އެކަމުގައި ޖަވާޒު ދެކޭގޮތް ތަފާތެވެ. މިޒަމާނަކީ އަންހެން ވިޔަސް ފިރިހެން ވިޔަސް އެމީހެއްގެ ކުރިއެރުމާއި ގާބިލިއްޔަތު ހުރި މިންވަރަކުން މަސައްކަތް ކުރާނެ ބައެއް ކަމާއި އޭނާއަށް ކަމުދަނީވެސް އެކަހަލަ ސިފަހުންނަ އަންހެން ކުދިން ކަމަށް މައިންބަފައިންނަށް ވިސްނައިދޭން އުޅުނެވެ. ނަމަވެސް އެގޮތަށް އާއިލާއިން އެއްބަސް ނުވުމުން އާއިލާއަށް އެންގުމަކާވެސް ނުލައި ޖަވާޒު އަހަންނާއި ކައިވެނިކުރީއެވެ.

އަހަރެމެންގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެކެވެ. ޖަވާޒަކީ ފިރިއެއްގެ ގޮތުގައި ލިބުމަށް ކޮންމެ އަންހެންކުއްޖަކުވެސް އެދޭނެފަދަ ލޮބުވެތި ފިރިއެކެވެ. އަހަންނަށް ޖަވާޒު ވަރަށް ހެވެވެ. ޖަވާޒާ ކައިވެނިކުރެވުމުން އަހަރެންގެ މުޅި ދިރިއުޅުން ފުރިހަމަވީއޭ އަހަރެންގެ ހިތަށް އެރިއެވެ. އޭރުވެސް ދެމީހުން ދިޔައީ ރިސޯޓުގެ ވަޒީފާ އަދާކުރަމުން ކަމަށް ވުމާއެކު ލިބޭ ޗުއްޓީތަކުގައި ތަފާތު އެކި ގައުމުތަކަށް ގޮސް ބުރުޖަހަމެވެ. ބައެއްފަހަރު ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހަދަމެވެ. މުޅި ދިރިއުޅުން އޮތީ އަބަދުވެސް ހަނީމޫނެއްގެ ގޮތުގައެވެ.

އަހަރެމެންގެ ކައިވެންޏަށް 2 އަހަރު ފުރުނުއިރުވެސް ދަރިއަކު ނުލިބުން އެއީ ދިރިއުޅުމުގައި ޖެހުނު ކުންޏަކަށް ވެގެން ދިޔައެވެ. ތަފާތު ގިނަ ޑޮކްޓަރުންނަކަށް ދެއްކުނު ނަމަވެސް އެންމެންގެ ޖަވާބަކީ އެކައްޗެކެވެ. ދެމީހުން ކުރެން މީހެއްގެ މައްސަލައެއް ނެތް ކަމެވެ. އަދި ހަމަ ވަގުތު ނުޖެހެނީއެވެ.

ކައިވެންޏަށް 6 އަހަރު ފުރުނު އިރުވެސް އެ ވަގުތެއް ނުޖެހުނެވެ. ފަހުން ފަހުން އައިސް އެއީ މާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ޖަވާޒުގެ އާއިލާއިން އެކަން ނެގިއެވެ. އެންމެ ފުރަތަމަ ވެސް މި ކައިވެންޏަށް އެމީހުން ނުގަބޫލެވެ. އަދި މިހާރު ކަންތައްވެފައިވާ ގޮތުން އެމީހުންނަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތު ވެސް ލިބުނީއެވެ. އެމީހުން ބުނަމުން ދިޔައީ ދަރިއަކަށްޓަކައި ޖަވާޒު އެހެން ކައިވެންޏެއް ކުރުމަށެވެ. އަދި އަހަރެން ދޫކޮށްލުމަށެވެ. ނަމަވެސް ޖަވާޒު އެމީހުންގެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ދިންހެނެއް ހިއްޔެއް ނުވެއެވެ.

ކަންތައްތައް އެހެން އޮތް ނަމަވެސް ފަހަކަށް އައިސް ޖަވާޒު ކޮންމެވެސް ވަރަކަށް ބަދަލުވަމުންދާކަން އަހަންނަށް ފާހަގަކުރެވުނެވެ. އަހަންނާ ވާހަކަ ދައްކާލަން ޖަވާޒަށް ލިބޭ ވަގުތު މަދުވާން ފެށިއެވެ. އެއީ ބިޒީ ކަމުން ވާ ކަމެއް ކަމަށް ޖަވާބު ބުނެއެވެ. ނަމަވެސް ޖަވާޒުގެ ދިރިއުޅުމުގެ މުޅި ތާވަލު އަހަންނަށް އެނގޭއިރު އެ ބަހަނާ އަކީ އަހަންނަށް ގަބޫލުކުރެވޭ އެއްޗަކަށް ނުވިއެވެ. ކިތަންމެ ބިޒީވިއަސް އަހަންނާ ވާހަކަ ދައްކާނެ ވަގުތު ކުރީގައި ޖަވާޒަށް ލިބިފައި މިހާރު ނުލިބޭން ޖެހޭ ސަބަބެއް އޮންނާނެ ކަމަށް އަހަރެން ގަބޫލުކުރީމެވެ. އެހެންނަމަވެސް އެކަހަލަ ކޫސަނި ވާހަކަ ދައްކައިގެން ދިރިއުޅުން ޚަރާބު ކުރަން އަހަރެން ބޭނުމެއް ނުވިއެވެ. ޖަވާޒު ގުޅާ ފަހަރަކުން އަހަރެން ވެސް ވާހަކަ ދައްކަނީއެވެ.

ރިސޯޓުގެ ވަޒީފާއިން ކެނޑިގެން މާލޭގައި އަމިއްލަ ފިހާރައެއް ހުޅުވައި ވިޔަފާރި ކުރުމުގެ ޚިޔާލު ދިނީ ޖަވާޒެވެ. އޭރު އަހަރެމެންގެ ދެމީހުންގެ ދެމެދުގެ ގުޅުން ކިތަންމެ ހީނަރުވެފައި އޮތް ނަމަވެސް އަހަރެންގެ އަމިއްލަ ވިޔަފާރިއެއް ކުރުމަށް ޖަވާޒު ބާރުއެޅިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ އެހެންމީހަކަށް ބަރޯސާ ނުވެ އުޅުމަށް ހިތްވަރުދިނެވެ. އަހަންނަށް ވިސްނުނީ ޖަވާޒު އަހަރެން ދޫކޮށް ދާން އުޅޭ ކަމެވެ. އެއީ ކޮންމެވެސް ހިސާބަކުން ވެދާނެ ކަމެއްކަމަށް އަހަރެންގެ ހަވަނަ ހިއްސު އަހަންނަށް ބުނެދޭން ފެށިއެވެ. ދިރިއުޅުމުގެ ކަންތައްތައް މިހާރު ގޮސްފައިވާ ހިސާބުން އެއީ ވުން އެކަށީގެންވާ ކަމެއްކަމަށް އަހަރެން ވިސްނީމެވެ.

ޖަވާޒުގެ އެހީތެރިކަމާއެކު މާލޭގައި ހެދުންވިއްކާ ފިހާރައެއް އަހަރެން ހުޅުވީމެވެ. ފިހާރައިގެ ހުރިހާ މިލްކިއްޔާތެއް އޮތީ އަހަރެންގެ ނަމުގައެވެ. ފިހާރައަށް ބޭނުންވާނެ ހުރިހާ ސާމާނެއް ގަންނަން ދިޔައީ އަހަންނާ ޖަވާޒެވެ.

އެ ދަތުރުގައި އަހަންނަށް ފާހަގަ ކުރެވުނީ ޖަވާޒުގެ ބަސް މަދުކަމެވެ. ކުރިން ނުވާގޮތަށް މާ ގިނައިން ބަލިވާ ކަމެވެ. އެކަމާ ސުވާލުކުރުމުން ކެވުނު އެއްޗެއްގެ ސަބަބުން ބަނޑު ގޯސްވެ ވައިގެ އުނދަގޫ ވަނީ ކަމަށް ޖަވާޒު ބުންޏެވެ. ނަމަވެސް ޑޮކްޓަރަށް ދައްކާކަށް ޖަވާޒު ގަބޫލެއް ނުވިއެވެ.

ފިހާރަ ހުޅުވި އެތަނުގައި މަސައްކަތް ކުރަން ފެށުމުން އަހަރެންވެސް ވަރަށް ބިޒީވިއެވެ. ކުރާ ކޮންމެ ކަމެއް އެންމެ ރަނގަޅަށް ފެންވަރުގައި ކުރެވޭތޯ ބެލުމަކީ އަހަރެންގެ އަބަދުގެވެސް ޓާގެޓެވެ. އެހެންކަމުން އަލަށް ފެށި މި މަސައްކަތް ވެސް އަހަރެން ކުރަމުން ދިޔައީ ދުވާލެއް ރޭގަނޑަކަށް ބެލުމެއް ނެތިއެވެ. ޖަވާޒަށް ވުރެ ވެސް މާ ބޮޑަށް އަހަރެން ބިޒީވީއެވެ. އެހެންކަމުން ޖަވާޒު ގުޅާތޯ އަހަރެން ގިނަފަހަރު ނުވެސް ބަލަމެވެ. ޖަވާޒުވެސް އަހަންނަށް ގުޅުމުގެ ބަދަލުގައި މެސެޖް ކޮށް ވާހަކަ ދައްކަމުން ދިޔައެވެ.

މާގިނަ ދުވަހެއް ނުވެ ވިޔަފާރި ކުރިއަރައި އަހަރެންގެ ފިހާރައަކީ މާލޭގައި މަޝްހޫރު ތަނަކަށް ވެއްޖެއެވެ. ކުރަންޖެހޭ މަސައްކަތް އިތުރުވެ ރާއްޖޭން ބޭރަށް މުދާގަންނަން ދާންޖެހޭފަހަރުތައް ގިނަ ވެއްޖެއެވެ. ފަހުންފަހުން އައިސް ބޭރަށް ދަނީ އަހަރެން އެކަންޏެވެ. ކުރީގައި ޖަވާޒާއެކީ ގޮސް ގޮސް އަހަންނަށް ހުރީ ވިޔަފާރީގެ ވައްޓަފާޅި ވަރަށް ރަނގަޅަށް ދަސްވެފައެވެ.

ފިހާރައިގެ ކަންތައްތަކުގައި ބިޒީކޮށް އުޅެމުންވެސް އަހަންނަށް ކަމެއް ފާހަގަކުރެވެމުން ދިޔައެވެ. އަހަރެންގެ އެއްވެސް ކޯލަކަށް ޖަވާޒުގެ ޖަވާބެއް ނާންނަ ކަމެވެ. އޭގެ ބަދަލުގައި ދައްކަންވާ ހުރިހާ ވާހަކަތަކެއް ބަރާބަރަށް މެސެޖްގެ ޒަރީއާއިން ދައްކަމުން ގެންދާ ކަމެވެ. އެކަމާ ސުވާލުކުރުމުން ބިޒީކަމުން ގުޅާނެ ވަގުތެއް ނުލިބެނީ ކަމަށާއި ބޭނުންވާ ޖަވާބުތައް މެސެޖުން ނަމަވެސް ދޭ ކަމަށް ޖަވާޒު ބުންޏެވެ.

މަސައްކަތުގައި ބިޒީވިވަރުން ޖަވާޒާއެކީ ޗުއްޓީއެއް ހަދާލާނެ ވަގުތެއްވެސް އަހަންނަށް ނުލިބޭކަން އިހްސާސްކުރެވުނެވެ. އެވާހަކަ އަހަރެންވެސް މެސެޖްކޮށްފައި ޖަވާޒަށް އެންގީމެވެ. ރަނގަޅު ޗުއްޓީއަކަށް ރާއްޖެއިން ބޭރަށް ނަމަވެސް ދިއުމަށް އެދޭކަމަށް ބުނީމެވެ. ނަމަވެސް ޖަވާޒު އެކަމަކަށް އެއްބަހެއް ނުވިއެވެ. ޗުއްޓީއެއް ނެގޭވަރަށް ވުރެ އޭނާ މާ ބިޒީއެވެ.

ފަހަކަށް އައިސް އަހަރެންގެ ގިނަ ވަގުތުތައް މިކަންތައްތަކާ ދޭތެރޭ ވިސްނުމުގައި ހޭދަވާން ފެށިއެވެ. އަނެއްކާ ޖަވާޒު އެހެން ދިމާއަކަށް ދަނީ ނޫންބާވައޭވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ނުވަތަ އަހަރެންގެ މަތިން މުޅިން ފޫހިވީއޭވެސް ބައެއްފަހަރު ހީވެއެވެ. މިހާރު އެންމެ ކުޑަމިނުން ޖަވާޒުގެ އަޑެއްވެސް ނީވޭތާ ބަރާބަރު 6 މަހަށް ވުރެ ގިނަވެދާނެއެވެ. މުޅީންވެސް ވާހަކަ ދައްކަނީ މެސެޖުންނެވެ. މީހަކު ބިޒީވިއަސް މިއީ ދެން ބޮޑުވަރުކަން އަހަންނަށް އެނގެއެވެ. މިކަމާ ދެރަވެގެން އަހަރެން މެސެޖްކޮށް އެވާހަކަ ބުނީމެވެ. ޖަވާޒުގެ ޖަވާބު ވަރަށް ކުރެވެ.

“ފޯނުން އަހަރެން ވާހަކަ ދައްކާ ހިތް ނުވަނީ. އެކަމަކު ރީމާ ބޭނުންހުރިހާ ވާހަކައެއް މިހާރުވެސް މެސެޖްކޮށް މި ދައްކަނީއެއްނު” ޖަވާޒުގެ މި ޖަވާބުން އަހަންނަށް ކުރެވެމުންދިޔަ ހީތަކަކީ މުޅިން ތެދު ކަންތައްތަކެއްކަން ޔަގީންވިއެވެ. ކުރީގައި ނުހަނު އުފަލުން އުޅެމުން އައި އަހަރެމެންގެ ދިރިއުޅުމަށް ބައެއްގެ އެސްފީނާ ޖެހުނީކަމަށް ބެލީމެވެ. ނުވަތަ ބަޔަކު ސިހުރު ހާހޫރަ ހަދައިގެން އަހަރެމެން ވަކިކުރަން އުޅެނީއޭވެސް ހިތަށް އެރިއެވެ.

ފިހާރައިގެ މަސައްކަތުގައި ވެސް އަހަރެންގެ ފޯރި ގެއްލެން ފެށިއެވެ. އުއްމީދެއްނެތް ރާސްތާއެއްގައި ހިނގަމުން ދާއިރު މަންޒިލަކަށް ފޯރާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ދަތުރުވެރިއެއް ފަދައިން އަހަރެންވެސް މަސައްކަތުގެ މަތިން ފޫހިވާން ފެށިއެވެ. އަބަދުވެސް ޖަވާޒުގެ މެސެޖަކަށް އިންތިޒާރު ކުރެވެން ފެށިއެވެ. ފޯނުން އަންނަ މެސެޖް އެލާޓަކީ ދިރިއުޅުމުގެ ބަޔަކަށް ވާން ފެށިއެވެ. އަހަންނަށް އަންނަ ބަދަލުތައް މެސެޖްކޮށްގެން ޖަވާޒަށް އަންގައިދެމެވެ. އެކަމާ ޖަވާޒު އެއްޗެކޭ ނުބުނެއެވެ. އޭނާ ސުވާލު ކުރާނީ މުޅީންހެން ވިޔަފާރީގެ ކަންތަކާއެވެ.

-ނުނިމޭ-

1 ކޮމެންޓް
ރޯޒީ
ޖެނުއަރީ 19, 2018
ޥަރަށް ރީތި