English Edition
Dhivehi Edition

ރިސޯޓުގެ ހިތްގައިމު ދޮންވެލި ބީޗްގައި ހަދާފައިވާ ޚާއްޞަ ބީޗް ޑިނަރ މޭޒުދޮށުގައި އަހަރެން އިށީނދެގެން އިނީމެވެ. ވަށައިގެން ހިތެއްގެ ސިފައިގައި ދޮންވެލިން ހަދާފައިވާ ތަނުގައި ބަހައްޓާފައި ހުރި މޭޒުމަތި ވަނީ އެންމެ ފުރިހަމަ ރޮމޭންޓިކް ޑިނަރ އަކަށް ތައްޔާރުކޮށްފައެވެ. މޭޒުގެ ވަށައިގެން ޖަހާފައިވާ ހުދު ދިދަފޮތިތަކުގައި ވައިރޯޅި އަޅައިގަންނައިރު އިވޭ އަޑު ހިތްގައިމެވެ. ކުރިމަތިން ދިއްލާފައި ހުރި ދަރުފުނި ގަދައަށް އަނދަމުން ދާއިރު މާހައުލަށް ފެތުރިފައިވަނީ އެއިން ގެނެސްދޭ ރަން އައްޔެވެ. ހިތްގައިމު މަޑުމަޑު މިޔުޒިކަކާއެކު މޫދުގެ ލޮނުގަނޑުން އުފެދޭ ރާޅު ބާނިތަކާއި ބީއްސާލާ ކުދި ރާޅުތަކުގެ ނާނާގެ އަޑު ނުހަނު އަރާމެވެ. ހަމަ އެއާއެކު މޭޒުމަތީގައި އަތުރާފައިވާ މީރު ކާނާގެ ވަހުން ބަނޑުފުރޭހައިވެއެވެ.

މިއީ އަހަރެމެންގެ ހަނީމޫނަށް ޚާއްޞަކޮށްގެން ރިސޯޓުން ދިން ރޮމޭންޑިކް ޑިނާއެކެވެ. އަހަރެންގެ ފިރިމީހާ ނަވީދަކީ މި ރިސޯޓުގެ ހިއްސާ އޮންނަ ފަރާތެކެވެ. ނޫންނަމަ ގާތްގަނޑަކަށް ރިސޯޓް އޯނަރޭވެސް ބުނެވިދާނެއެވެ. މި ހިތްގައިމު މާހައުލުގައި އަހަރެންގެ ކުރިމަތީގައި އިށީނދެގެން މަޑުމަޑުން އޮރެންޖް ޖޫސްތަށި ހުސްކުރަމުން އޭނާ ދިޔައެވެ. އަހަރެން އިނީ ކުރިމަތިގައިވާ މާހައުލަށް ގެއްލިފައެވެ. ނަމަވެސް ދުރުން މި މަންޒަރު ބަލާ މީހަކު، މިއީ ހާދަ ހިތްގައިމު އުފާވެރި މަންޒަރެކޭ ބުނެފާނެއެވެ. އެކަމަކު ހަގީގަތަކީ އަހަރެމެންގެ ދެމެދުގައި އެފަދަ ގުޅުމެއް ނެތް ކަމެވެ. ރޮމޭންޓިކް ވީ ހަމައެކަނި މާހައުލު ކަމެވެ. އެތަނުގައި ތިބީ ހަމަ ދެ ބީރައްޓެހިންނެވެ. ނުވަތަ ރަޙްމަތްތެރިންނެވެ. ލޯބިވެރިންނެއް ނޫނެވެ.

ކުއްލިއަކަށް އަހަރެންގެ ދެލޯ ކަރުނުން ތެމުނެވެ. އަރުތެރެފުރި ބާރުވިއެވެ. ދެލޮލުގައި ހުރި ކަރުނަ ފޮހެލީ ނަވީދު ދިން ރުމާލުންނެވެ.

“ރީމާ…ހިތްވަރު ކުރަންވާނެ. އަހަންނަށް އެނގޭ ރީމާ ތިޔަ ވިސްނަނީ ކޮންކަމަކާކަން. ތިޔަ ކަމުން އަރައިގަންނަން ވަގުތު ނަގާނެކަންވެސް އެނގޭ. އެކަމަކު ތިޔަކަހަލަ ހިތްވަރުގަދަ އިންސާނުން ފިނޑިވެގެން ކަމަކު ނުދާނެ” ނަވީދު އަހަންނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައިވަނީ އޯގާތެރިކަމެވެ.

ކުރިމަތީގައި އިން އަހަރެންގެ ފިރިމީހާއަށް ބަލާލީމެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހަރުދަނާ ކަމެވެ. އުމުރުން 50 ހާއި ގާތްކުރަމުން ދާ ނަވީދުގެ ބޮލުގެ އެކިތަންތަނުން ފެންނަން ހުރި ހުދުކުލައިގެ އިސްތަށިތަކުން އޭނާގެ މޫނުގެ ހައިބަތު އިތުރުކޮށްދެއެވެ. އަޅާފައި ހުރި ނަމްބަރު އައިނުން އޭނާގެ މޫނު މައްޗަށް އިތުރު ސީރިއަސް ކަމެއް ގެނެސްދެއެވެ. ނަވީދުގެ މިހުރިހާ ސިފަތަކަކީ އަހަންނަށް ވަރަށް ކަމުދިޔަ ސިފަތަކެވެ. ޚާއްޞަކޮށް އޭނަގެ މަޑުމައިތިރި އަޚްލާގާއި ރިވެތި ސިފަތަކެވެ. އަަހަރެމެންގެ ދެމީހުންގެ ދެމެދުގައި ނެތީ ލޯތްބެވެ. ނަމަވެސް އިޙްތިރާމާއި ކުލުނާއި ގާތްކަން އެބައޮތެވެ.

ނަވީދާ އަހަންނާއި ދިމާވީ މީގެ ދެމަސް ކުރިންނެވެ. ލަންޑަނުން ރާއްޖެއަށް އަހަރެން ކުރި ދަތުރުގައި އަހަރެންގެ ދަތުރުގެ ބައިވެރިއަކަށް ވީ ނަވީދެވެ. އެމިރޭޓްސްގެ ބިޒްނަސް ކުލާހުގައި ހޭދަވި 10 ގަޑި އިރުގެ ދަތުރު ނިމިގެން ދިޔައީ ދެމީހުން ދެމީހުންނަށް ތައާރަފްވެ ގާތް ރަޙްމަތްތެރިންނަށް ވެގެންނެެވެ.

ނަވީދު އައީ އޭނަގެ ވިޔަފާރި ކަމެއްގައި ލަންޑަނުގައި ހުރެފައެވެ. އަހަރެން ލަންޑަނަށް ދިޔައީ ކީއްކުރަންތޯ ނަވީދު ކުރި ސުވާލަށް އަހަރެންގެ ބަސް ހުއްޓުނެވެ. ދޭންވާ ޖަވާބު ނޭނގި މަޑުކުރެވުނެވެ. ނަވީދު އަހަންނާމެދު ޝައުގުވެރިވީ އެހާ ހިސާބުންނެވެ.

އަހަރެންގެ ހަޔާތުގައި ދިމާވި ހިތްދަތިވާހަކަތައް ނަވީދާ ހިއްސާކުރީ އެދަތުރުގައެވެ. ގާތްގަނޑަކަށް ދަތުރުގެ ބޮޑުބައި ހޭދަވީ އަހަރެންގެ ވާހަކަތަކުގައެވެ. ނަވީދު އަހަންނަށް ހިތްވަރު ދިނެވެ.

“ދިރިއުޅުމުގައި ހިތްދަތި ކަންކަމާ ކެރިގެން ކުރިމަތިލާ މީހުންނަކީ ހަގީގީ ކާމިޔާބުވެރިން” އަހަންނަށް ހިތްވަރު ދެމުން ނަވީދު ބުންޏެވެ.

ދަތުރު ނިމިގެން މާލެ އާދެވުނު އިރު އަހަރެމެންނަކީ ގާތް ދެ ރަޙްމަތްތެރިންނެވެ. ނަމަވެސް ކައިވެންޏަކާ ހަމައަށް މިގުޅުން ހިނގައިދާނެ ކަމަކަށް އަހަރެން ހިއްޔެއް ނުކުރަމެވެ. އެއީ އުއްމީދު ކުރި ކަމެއްވެސް ނުމެ ނޫންމެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ނަވީދަކީ ކާމިޔާބު އާއިލާއެއްގެ އެއް ތަނބެވެ. އޭނާގެ ދުލުން ހަޔާތުގެ ވާހަކަތައް ކިޔައި ނުދިންނަމަވެސް އޭނަގެ ބޭރުފުށުގެ ސިފަތަކަށް ބަލާލުމުން އެއީ ދިރިއުޅުމުގައި ކާމިޔާބު މީހެކޭ އަހަރެންގެ ހިތް ބުނެދިނެވެ. އޭރު ނަވީދާ ބެހޭ ގޮތުން އަހަންނަށް އެނގޭމިންވަރަކީ އެއީ ކޮންމެވެސް ވިޔަފާރިވެރިއެއް ކަމެވެ. އަހަރެން އިތުރަކަށް ނުވެސް އަހަމެވެ. އަހަންނަކީ އަބަދުވެސް އަނގަގަދަ މީހެއް ކަމުން އަހަރެންގެ ޙަޔާތުގެ ހުރިހާ ވާހަކަތަކެއް ކިޔައިދެވުނީއެވެ.

މާލެ އައިފަހުންވެސް ނަވީދު އަހަންނަށް ގުޅައެވެ. ޙާލު ބަލައެވެ. ނަވީދު މާލޭގައި ހުރިއްޔާ ކޮފީއަކަށް ކޮންމެވެސް ތަނަކަށް ދައުވަތު ދޭނެއެވެ. އަހަރެމެންގެ ގުޅުން ބަދަހިވަމުން އައީ އެގޮތަށެވެ. ގާތްވީ އެކަނިވެރި ދިރިއުޅުމުގައި ލިބެމުން ދިޔަ އިންތިހާދަރަޖައިގެ އަޅާލުމުގެ ސަބަބުންނެވެ. އަހަންނަކީ ހީވާގިކަމާއެކު ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ މީހެއް ނަމަވެސް ދިމާވި ހާދިސާއިން އަހަރެންގެ ދިރިއުޅުން އޮތީ ހުއްޓިފައެވެ. މީހާ ހުރީ ގަނޑުވެފައެވެ. އަހަރެން ދެވަނަ ފަހަރަށް މަސައްކަތުގެ މައިދާނަށް ނިކުންނަށް ހިތްވަރު ލިބުނީ ނަވީދުގެ ސަބަބުންނެވެ. ކެނޑިނޭޅި ތަކުރާރުކޮށް ދެމުންދިޔަ ހިތްވަރުގެ ސަބަބުންނެވެ. ނަވީދާ އަހަރެން ދިމާވުމަށް ތަގުދީރުގައި ރޭވިގެން ދިޔަ ދިއުމަށް އަހަރެން ހިތުގެ އަޑިން ޝުކުރު ކުރީމެވެ.

އެއީވެސް އެކަހަލަ ކޮފީއަކަށް ދިޔަ ރެއެކެވެ. ނަވީދު އެރޭ އައީ ކުޑަ ޕާރުސަލެއް ވެސް ހިފައިގެންނެވެ. އެއީ ކީއްކުރާ ޕާރުސަލެއްތޯ އަހަރެން ސުވާލުވެސް ކޮށްލީމެވެ. އޭގެ ޖަވާބު އޭނާ ދިނީ ހިނިތުންވެލުމަކުންނެވެ. އެރޭވެސް އާދައިގެ މަތިން އަހަރެމެން މަޑުމަޑުން ތިބެ ކޮފީ ބޮމުން ވާހަކަ ދައްކަމުން ދިޔައީމެވެ. އަހަރެން އަލުން މަސައްކަތް ފެށިވާހަކަ ނަވީދަށް ކިޔައިދިނީމެވެ. ހިތްވަރާއެކު އަލުން އަމިއްލަ ފިހާރައިގެ މަސައްކަތާ ހަވާލުވި ކަމަށް ބުނުމުން ނަވީދު ވަރަށް އުފާވިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފާލަމުން “ތޭންކްސް” އޭ ބުނެލިއެވެ. އެއީ އެއްވެސް އަސަރެއް ނެތް ބީހިލުމެކެވެ. ނަމަވެސް މާނަ ފުނެވެ.

ނަވީދު ގެނައި ޕާރުސަލް އަހަންނަށް ދިއްކޮށްލީ އެވަގުތުއެވެ.

“މިއީ އަހަންނަށް ތަ؟ ” އަހަރެން ހައިރާންވެގެން އިނދެ ސުވާލުކޮށްލީމެވެ.

“އާނ. އަހަންނަށް އެނގޭ ރީމާގެ އަމިއްލަ އުފަންދުވަސް ވެސް ހަނދާނެއް ނުހުންނާނެކަން” ހިނިތުންވެލަމުން ނަވީދު ބުނެލިއެވެ.

ހަމަ ހަގީގަތުގައި ވެސް އަހަރެން އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. ޚުދު އަހަންނަކީ ކާކުކަންވެސް ހަނދާނެއް ނެތް ކަހަލައެވެ.

އަހަރެން ނަވީދަށް ޝުކުރު އަދާކުރަމުން ޕާރުސަލް އެއްފަރާތުގައި ބޭއްވީމެވެ.

“ކަނޑާލަ ބަލަ. ކޮންއެއްޗެއްތޯވެސް ބަލަން ވާނެއެއްނު” ނަވީދު އަހަންނަށް ބަލަން އިނދެ ބުނެލިއެވެ.

އަހަރެން ޕާރުސަލް ކަނޑާލީމެވެ. އެއީ ވަރަށް ލޯބި އަނގޮޓިއެކެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. މިކަހަލަ އެއްޗެއް ނަވީދު ދިނީތީއެވެ.

އެވަގުތު ނަވީދު އަހަރެންގެ އަތުން އަނގޮޓި އަތުލިއެވެ. އަދި އަހަރެންގެ އަތްތިލައިގައި ހިފަމުން އަހަންނާ ދިމާއަށް ފުންކޮށް ބަލައިލިއެވެ.

“އަހަރެންގެ އަންބަކަށް ރީމާ ވެދާނަންތަ؟” ކުއްލިއަކަށް ނަވީދު ކުރީ އަހަރެން ހީވެސް ނުކުރާފަދަ ސުވާލެކެވެ. އަމުދަކުން އަހަރެންގެ އެއްވެސް ހިއްސެއް އެފަދަ ސުވާލަކަށް ތައްޔާރުވެސް ވެފައި ނެތްފަދަ ސުވާލެކެވެ.

“ނަވީދު…؟ އަހަރެން؟ ކޮބާ ނަވީދުގެ އާއިލާ؟ ކޮބާ ވައިފް؟ އަހަންނަށް ވެސް ކުރެވުނީ ސުވާލުތަކެކެވެ.

“އަހަރެން މީހަކާ އިނީ ކޮން ދުވަހަކު؟ އަހަރެން އާއިލާއެއް ބިނާކުރަން އަދި ކިރިޔާ މި ވިސްނީ” ހީނލުމަކާއެކު ނަވީދު ބުނެލިއެވެ.

“އެކަމަކު އަހަރެން…!” އަހަންނަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

“އަހަންނަށް ރީމާގެ ހަޔާތުގެ ހުރިހާ ކަމެއް އެނގިހުރެ މި ގުޅުމަށް މިއެދުނީ. އަހަރެން ރީމާއަށް އެހީވާން ބޭނުން. އަހަރެން ބޭނުންވާ ގޮތަށް އެހީވެދެވޭނީ އަހަރެންގެ މީހަކަށް ރީމާ ވެގެން. ހަމަ އެކަނި އަހަރެންގެ ވައިފްގެ ލޭބަލް ރީމާ ގަބޫލުކޮށްދީ. އަހަންނަށް އެނގޭ ރީމާ އަކީ ކިހާ ކާމިޔާބު މީހެއްކަން. ދިރިއުޅުމުގެ މިދަނޑިވަޅުގައި ކޮންމެވެސް މީހެއްގެ އެހީތެރިކަން ނުލިބިއްޖެނަމަ ރީމާގެ ތިޔަ ވުޖޫދު ގެއްލިދާނެ ކަމަށް އަހަރެން ބިރުގަނޭ. މި ފިޔަވަޅު އަހަރެން އެޅި ސަބަބަކީ މިއީ” ނަވީދު ވާހަކަ ދެއްކީ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެއެވެ.

އަހަންނަކަށް ދެކޮޅަށް އެއްވެސް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ބޮލުގެ އިޝާރާތުން ނަވީދުގެ ހުށަހެޅުން ގަބޫލުކަމަށް ބުނީމެވެ. އެވަގުތު އަހަރެންގެ އިނގިލީގައި ނަވީދު އަނގޮޓި އަޅުވާލިއެވެ.

ނަވީދުގެ ހަޔާތުގެ ސަފްޙާތައް އަަހަންނަށް ކިޔައިދިނީ އެރެއެވެ. އެއީ އަހަންނަށް ވެސް މިހާރު އެނގެން މުހިއްމު ވާހަކަތަކަކަށް ވީމައެވެ.

ނަވީދުގެ ވާހަކަތަކުން އެނގުނުގޮތުގައި ސްކޫލު ދުވަސްވަރުން ފެށިގެން އޭނާ ލޯބިވި އަންހެން ކުއްޖަކު ހުއްޓެވެ. އެއީ ނިޔާޝާ އެވެ. ނިޔާޝާ އާއި އެކު އުފާވެރި ހަޔާތެއްގެ ފޮނި ހުވަފެންތައް ނަވީދު ދެކުނެވެ. ސްކޫލް ނިންމުމަށްފަހު އަމިއްލަ މަސައްކަތާއި ހިއްމަތުން މަސައްކަތްކޮށް އެދެމީހުން ތައްޔާރުވަމުން ދިޔައީ އަލަތު ކައިވެންޏަށެވެ. ނަމަވެސް ތަގުދީރު އެހުވަފެން ފުރިހަމަ ވިޔަކަ ނުދިނެވެ. އޭރު ނިޔާޝާވެސް ދިޔައީ ޔުނިވަރސިޓީގައި ޑިގްރީއަށް ކިޔަވަމުންނެވެ. އެއީ ކިޔެވުމަށް މޮޅު ހިތްއަލި ދަރިވަރެކެވެ. ދުނިޔޭގެ ހުރިހާ ކަމަކަށް ވުރެންވެސް ކިޔެވުން އޭނާއަށް މުހިއްމު ކަހަލައެވެ. ނިންޖާއި އަރާމަށް ވުރެ އޭނާގެ ފިލާވަޅުތައް މާ މުހިއްމެވެ. ރޭގަނޑު ހަތަރުދަމު ހޭލާ އިނދެ ކިޔެވުމަކީ ނިޔާޝާގެ އާދައެވެ. ނިދުމާއި ކެއުން މަދުކަމުން އޭނާގެ ހަށިގަނޑު ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް އަނަރޫފަވަމުންނެވެ. ނަވީދު ކިތަންމެ ފަހަރަކު އެވާހަކަ ނިޔާޝާ އާއި ދައްކައެވެ. އެކަމަކު ނިޔާޝާ ބޭނުންވީ އެމީހުންގެ ކައިވެނި ކުރެވޭއިރު އެންމެ ކުޑަމިންވަރުން ޑިގްރީފެންވަރުގެ ސެޓްފިކެޓެއް ނަމަވެސް އޭނާގެ އަތުގައި އޮތުމަށެވެ. އެއީވެސް މުޅީ ޔުނިވަރސިޓީން ފަޚުރުވެރި ވަނަ އަކާއެކުގައެވެ.

މި އުއްމީދުގައި ކުރަމުން ދިޔަ މަސައްކަތަށް ނިމުން އައީ ހަމަ ކުއްލިއަކަށެވެ. ކުރީގައިވެސް ބަނޑުގައި ރިއްސުމާއި މޭނުބައިކުރުން ފަދަ އުނދަގޫތައް ނިޔާޝާ އަށް ކުރިމަތިވީ ނަމަވެސް އާދައިގެ ޕެއިން ކިލަރ އަކުން ފުއްދާލާ ނިޔާޝާ ބަލިއެނދުގައި އޮންނަން ޖެހުނީ ޔުނިވަރސިޓިގެ އިމްތިހާނު ފެށެން ހަފްތާއަކަށް ވެެެފައިވަނިކޮށެވެ. އޭނާވީ އާދައިގެ ބައްޔެއް ނޫނެވެ. ތަފާތު ރިޕޯޓުތަކަކަށް ފަހު ޑޮކްޓަރުން އިއްވީ ހިތާމަވެރި ޚަބަރެކެވެ. ނިޔާޝާގެ ލިވަރ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިކަމާއި އޭނާ ހަނގުރާމަކުރަމުން އެދަނީ ލިވަރ ކެންސަރުގެ އެންމެ ފަހު ސްޓޭޖްކަމަށް ޑޮކްޓަރުން އިއްވި ޚަބަރުން ނަވީދުގެ ދުނިޔެ ފުނޑުފުނޑުވިއެވެ. ނިޔާޝާގެ ބަލީގެ ސިއްރަކީ ގިނަ ދުވަސްތަކެއްވަންދެން ހަށިގަނޑަށް ބޭނުންވާ ނިދި ނުލިބުމާއި ރަނގަޅު ކާނާ ނުކެއުން ކަމަށް ވެސް ޑޮކްޓަރުން ބުނެދިނެވެ. ހަމައެއާއެކު ބަލިވާ ކޮންމެ ފަހަރަކު ތަދުކަނޑުވާލަން ކަމުން ދިޔަ ޕެއިން ކިލަރ ތަކަކީ އޭނާގެ ހަށިގަނޑު ފަނާކުރަމުން ދިޔަ ވިހަކަން އޭރު ނިޔާޝާއަށް ނޭނގުނީތީ ޑޮކްޓަރުން ކަންބޮޑުވިއެވެ.

އަތުގައި ހުރި ހުރިހާ ފައިސާއެއް ޚަރަދުކޮށްގެން ވެސް ނިޔާޝާ ސަލާމަތް ކުރަން ނަވީދު ބޭނުންވިއެވެ. ނަމަވެސް ފުރުސަތެއް ނެތެވެ. މަރުގެ ގޮވާލުމަށް އިޖާބަދޭން ނިޔާޝާއަށް ޖެހުނީ އުމުރުން އެންމެ 20 އަހަރުގައެވެ.

އާއިލާއާއި ގާތް އެކުވެރިން އަދި ކުޑައިރުގެ ލޯބިވެރިޔާ ދޫކޮށް މަރުގެ ހަމަހިމޭން ނިދީގައި ނިޔާޝާ ނިދީ އޭނާ ކެނޑިނޭޅި ކުރަމުންދިޔަ އުއްމީދު ފުރިހަމަ ވާން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.

ނިޔާޝާގެ މަރާއެކު ނަވީދުގެ ޙަޔާތަށް ވެސް ހުއްޓުން އައެވެ. ނަމަވެސް އޭނާ ކެތްތެރިކަން ހޯދީ އޭނާގެ އީމާންތެރިކަން ވަރުގަދަކޮށްގެންނެވެ. އަގީދާ ވަރުގަދަކޮށްގެންނެވެ. މަރުވެގެންދާ މީހުންނާއެކު ދިރިތިބީންނަކަށް ނުދެވޭނެ ކަމާއި ކޮންމެ ވެސް އެއްދުވަހަކުން އެއްސިފައެއްގައި އޭނާވެސް މަރުގެ އުނގުގައި ނިދަން ޖެހޭނެކަން ގަބޫލުކޮށްގެންނެވެ. އެއީ ދުނިޔޭގެ އާދަކަން ހިތަށް ވިސްނައިދީގެންނެވެ. ނަމަވެސް ނިޔާޝާއަށް ފަހު އޭނާގެ ހަޔާތަށް އިތުރު އަންހެނަކު ގެންނަ ހިތެއް ނަވީދު ނުވިއެވެ. މުޅި އުމުރު ނިޔާޝާގެ ހަނދާނުގައި ވޭތުކުރުމަށް އޭނާ ބޭނުންވިއެވެ. އެދެމީހުންގެ ދުވަސްވީ ލޯތްބަށްޓަކައި މިވަރުގެ ގުރުބާނީއެއްވުމަކީ ފާފައެއް ނޫންކަމަށް ހިތަށް ވިސްނައިދިނެވެ.

“ރީމާ އާއި ބައްދަލުވެ ރީމާގެ ހަޔާތުގެ ވާހަކަތައް އަޑުއިވި މިދެމެދުގައި އުފެދުނު ގާތްކަން އަހަރެންގެ މި ގުރުބާނީގެ މަތިން ހަނދާންނެތިއްޖެ. އެއީ ގުރުބާނީ އެއް ނޫންކަމާއި މޮޔަ ކަމެއްކަން ވިސްނިއްޖެ. އަހަރެންވެސް އުމުރުގެ ބާކީ އޮތްބައިގައި އެކުގައި ހޭދަކުރާނެ ހިތްހެޔޮ އެކުވެރިއަކު ބޭނުން. ހިތްވަރުގަދަ އަންހެނަކު އަހަރެންގެ ހަޔާތުގައި ވެސް ހުރުން ބޭނުން. އަހަރެން ރީމާ މި މަގާމަށް ގެންނަން ބޭނުންވި ސަބަބަކީ މިއީ” ނަވީދު ކިޔައިދިނެވެ.

-ނުނިމޭ-

1 ކޮމެންޓް
ރޮޒީ Shareef
ޖެނުއަރީ 19, 2018
ވާހަކަ ވަރަށް ސަޅި ދެވަނަ ބައި ކިޔަން ބޭނުން