English Edition
Dhivehi Edition

ސަންޖޭ ލީލާ ބަންސާލީގެ ‘ޕަދްމާވަތް’ އަކީ ފިލްމުގެ މަސައްކަތް ފެށި ދުވަހުން ފެށިގެން ގިނަ އުދަގޫތަކާއި ދަތިތައް ކުރިމަތިލާން ޖެހިފައިވާ ފިލްމެކެވެ

އިންޑިއާގެ ރާޖްޕުތް ގައި ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމާއިި ގުޅިގެން ‘ރާޖްޕުތް ކާނީ ސެނާ’ ގުރޫޕުން ވަނީ ފިލްމާއި ދެކޮޅަށް އެކިކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ފިލްމުގެ މަސައްކަތް ހުއްޓުވުމުގެ ގޮތުން ފިލްމުގެ ސެޓު ހަލާކުކޮށްފައިވާއިރު ފިލްމު ދައްކަން ހަމަޖެހިފައިވާ ތާރީހުގައި ފިލްމު ނުދެއްކުމުގެ އިތުރުން މި ފިލްމާއި ގުޅިގެން ސްކޫލަކަށްވެސް ވަނީ ހަމަލާދީފައެވެ

މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޕަދްމާވަތް ގައި ހިމެނޭ ‘ގޫމަރް’ ލަވައަށް ސްކޫލްގެ އަހަރީ ދުވަހު ކުދިންތަކެއް ނަށުމާއި ގުޅިގެން ކާނީ ގުރޫޕުންވަނީ ސްކޫލަށް ހަމަލާދީފައެވެ. މިއަދު ހެނދުނު މަދްޔަ ޕްރެދޭޝްގެ ސްކޫލަށް ދިން ހަމަލާގައި އެއްކުއްޖަކު ޒަހަމްވެފައިވާއިރު މި ހަމަލާގެ ސަބަބުން ގިނަ ބައަކަށްވަނީ ޝޮކެއް ލިބިފައެވެ

ފިލްމާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު އެ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ފިލްމު ރިލީޒްވިޔަ ނުދޭނެކަމަށެވެ. އަދި ފިލްމު ރިލީޒްވިޔަ ނުދިނުމަށް ސިނާމާތަކުގެ ކުރިމަތީގައި މުޒާހަރާކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ގުރޫޕުން ވަނީ ބުނެފައެވެ