English Edition
Dhivehi Edition

އައްޑޫސިޓީގެ މީދޫ ޝަމްސުއްދީން ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމަށް ސ. މަރަދޫފޭދޫ ފިނިވާގެ ސުލްތާން ރާމިޒް ހަމަޖައްސަވައިފިއެވެ.

ސުލްތާން އަކީ އައްޑޫހައިސްކޫލުގެ ސައިންސް ޑިޕާޓްމަންޓުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ސުލްތާން އަކީ އެސްކޫލުން ރާވައި ހިންގި ގިނަ ހަރަކާތްތަކެއްގައި އެންމެ އިސްކޮށް ހީވާގި ކަމާއެކު މަސައްކަތް ކުރެއްވި ގިނަ ދަރިވަރުންތަކެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.

މީދޫގައި އެންމެ ގިނަ ދުވަސްވީ ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމަށް ސުލްތާން ހަމަޖެއްސެވީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

ޕްރިންސިޕަލެއްގެ މަގާމުގެ ފުރަތަމަ ތަޖުރިބާ އާއި ގުޅިގެން ސުލްތާން ވިދާޅުވީ ސްކޫލަކީ ކާމިޔާބު ތަނަކަށް ހެދުމަށް ބެލެނިވެރިންނާއި ދަރިވަރުން އަދި މުދައްރިސުންނާ ގުޅިގެން ހިތްވަރާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.

2017 ވަނަ އަހަރު ނިމުނު އިރު ޝަމްސުއްދީން ސްކޫލުގައި ޕްރިންސިޕަލަކަށް ހުންނެވީ އަބްދުﷲ ނާހިދެވެ. ނާހިދަކީ އަހަރުގެ ފަހުކޮޅުގައި ސްކޫލުގެ ހިންގުމާ ވަގުތީ ގޮތުން ޙަވާލުވެލެއްވެވި ޕްރިންސިޕަލެކެވެ.

ޝަމްސުއްދީން ސްކޫލުގައި 2018 ވަނަ އަހަރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔައިވައިދޭ ގޮތަށް ހަމަޖައްސަން އުޅުމުން އެ ސްކޫލުގެ ގިނަ ބެލެނިވެރިންތަކެއް ވަނީ އެކަމާ ދެކޮޅަށް ޕެޓިޝަނެއް އެކުލަވާލާފައެވެ. އަދި ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން އައްޑޫއަށް ކުރެއްވެވި ދަތުރުފުޅުގައި މީދޫއަށް ޒިޔާރަތް ކުރެއްވުމުން ސްކޫލުގެ ބެލެނިވެރިންތަކެއް ވަނީ އެ ޕެޓިޝަނުގެ ވާހަކަ ހުށަހަޅުއްވާ އެކަމާ ބެލެނިވެރިން ދެކޮޅު ކަމަށް ދަންނަވާފައެވެ. ސަބަބެއް ކަމަށް ބެލެނިވެރިން ހުށަހަޅުއްވާފައިވަނީ ސްކޫލުގައި ޖާގައިގެ ދަތިކަން ނެތުމާއި ސެކަންޑްރީ ލެވެލް އަށް ކިޔަވައިދިނުމަށް ބޭނުންވާ ރިސޯސް ނެތުން ކަމުގައެވެ. އަދި އެފަދަ ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ސްކޫލެއް ހުޅުމީދޫގައި ހުރިއިރު އެތަނުގެ ބޭނުން ހިފުމަކީ ދަރިވަރުންނަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ޝަމްސުއްދީން ސްކޫލުގައި ކިޔެވުން ފަށާފައިވަނީ ބެލެނިވެރިން އެދޭގޮތަށް ޕްރީސްކޫލުން ފެށިގެން ގްރޭޑް 7 އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ.