English Edition
Dhivehi Edition

މިއަދު އަހަރެންނަކީ ނަން މަޝްހޫރު ލަވަކިޔުން ތަރިޔަކަށްވީމާ އެމީހުންވެ ތިބީ އުފަލުންނެވެ. އެއީ އެމީހުންނަށް ކޮށްދިން ހެޔޮކަންތަކުގެ އަގު ފައިސާއިން ނުދެއްކުނު ކަމުގައިވިޔަސް އެމީހުންގެ ދަރިޔަކު އެހާ މަޝްހޫރު ވެފައިވާތަން ފެނުން އެއީ އެމީހުނަށް ލިބޭ އުފަލަކަށްވާތީއެވެ.

އަހަރެންގެ ޕަރފޯމެންތައް ހައުސްފުލްވާން ފެށުމުން ޖޮއާން އަހަންނަށް އެކައުންޓެއް ހުޅުވާ ދިނެވެ. އަދި ކުރިގައި އަހަރެން ދިން ފައިސާތައްވެސް އަހަރެންގެ އެކައުންޓަށް ލައިދިނެވެ. އެމީހުން ބުނާ ގޮތުގައި އަހަރެން އެއްޗެއް ދިނުމަކީ އެމީހުންނަށް ކުރެވޭނެ އިހާނާތެކެވެ. އެމީހުން ކޮށްދިން ކަމެއް ކޮށްދިނީ އޭގެ ފައިދާއެއް ލިބޭނެ ކަމަކަށް ނޫނެވެ.

އަހަރެންގެ އިންސްޓިޓުއުޓްގެ ލަވަމުބާރަތުން އަހަންނަށް އެއްވަނަ ކިބޭނެކަން ކުރިންވެސް އެނގުނެވެ. އަހަންނަށް ލިބުނު އިނާމުތަކުގެ ތެރޭގައި ބޭނުން ގައުމަކަށް ދެހަފްތާގެ ދަތުރެއް އޮތެވެ. އެއީ ދިވެހިރާއްޖެ ވެސް ހިމަނައިގެންނެވެ. އެހެންވެ އެ ދަތުރު ކޮންމެހެންވެސް އަންނަން ގަސތު ކުރީމެވެ. އެކަމާ ސްޓޭންލީ މެންނެއް ނުގަބޫލެއް ނޫނެވެ. އެހެންކަމުން އަހަރެން ތާރީޚު ކަނޑައެޅީމެވެ. އެއީ އަހަރުނިމޭ ބަންދާ ދިމާކޮށް ބޭއްވުނު އިންޓަނޭޝަނަލް ސިންގިން ކޮމެޕެޓިޝަން ނިމުމުނ ދާގޮތަށެވެ. އެހެން ނޫނީ ރިސޯޓްތަކުގައި އެދުވަސްވަރު ހިމޭންކަމެއް ނޯންނާނެކަން އެނގޭތީވެސް މެއެވެ. ސްޓޭންލީމެންވެސް އެދުވަސްވަރު ދިޔައީ ކެމްބޯޑިއާއަށެވެ.

މިފަހަރު އަހަންނަށް އެއްވަނަކަށް ނާދެވުނެވެ. އެއީ ލަރީސާ ވާދަ ކުރަން އައިސް ހުރީމައެވެ. އެއީ މުޅި ދުނިޔޭގެ ރިކޯޑް ތިންފަހަރު ކާމިޔާބުކޮށްފައިވާ މޮޅު ލަވަކިޔުންތެރިއެއް ވީމައެވެ. އަހަންނަށް ލިބުނީ ތިންވަނައެވެ. އެއަކީ މައްސަލައެއް ކަމަކަށް އަހަރެން ނުދެކެމެވެ. އެއީ ވާދަ ކުރަމުންދަނީ މުޅި ދުނިޔޭންވެސް ހޮވާލެވޭފަދަ ލަވަކިޔުންތެރީން ކަމަށްވާތީއެވެ.

ޝިހާދުގެ ރިސޯޓަކީ ކޮބައިކަން އަހަރެން ކޮންމެވެސް ގޮތަކަށް ހޯދައިފީމެވެ. އަހަރެން ދިޔައީ އެ ރިސޯޓަށެވެ.

ވައިޓްސޭންޑް ރިސޯޓްވަނީ އަހަރެން ހީކުރިވަރަށްވުރެން ތަރައްގީ ކުރެވިފައިވާ ރިސޯޓަކަށެވެ. މިއަދު ރިސޯޓްގެ އޯނަރުގެ ގޮތުގައި ޝުހާދު ފެނިގެންދަނީވެސް ކުރީގައި އަހަރެން ނުދެކޭ ފަދަ ސްމާޓް މީހެއްގެ ގޮތުގައެވެ. އޭނާއަކީ އަބަދުވެސް ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. އެއީ އިރެއްގައި އަހަރެންގެ ފިރިމީހާކަން ހަނދާނެއް ނުނެތެއެވެ. އަސްލުގައި މިހާރުވެސް އަހަރެންގެ ފިރިމީހާ މެއެވެ. މިއަދު އޭނާ ފެންނަނީ އޭނާ ހިތްއެދޭފަދަ ދިރިއުޅުމެއް އުޅޭތަނެވެ. ރަށަށް އަންނަ ގެސްޓުންގެ ތެރޭން އޭނާ ހިތް ރުހޭ މީހަކު ފަސޭހަކަމާއެކު ކާމިޔާބު ކޮށްލައެވެ.

ޝުހާދު އަހަންނަށް ލޯބި ހުށަހެޅީ އަހަރެން ހީކުރިވަރަށް ވުރެން މާ އަވަހަށެވެ. އޭރު އަދި އެ ރިސޯޓްގައި ޝޯއެއް ވެސް ނުދެނީހެވެ. އޭނައަށް އަޅައިގަތީ ރަފުލްސް ހޮސްޕިޓަލުން ސަރޖަރީ ހެދި ޑޮކްޓަރުންގެ ކުޅަދާނަކަމުން އަހަންނަށް ލިއްބާދީފައިވާ ރީތި ސިފައާއެވެ.

އަހަރެން އައިއިރު މިހާ ފަސޭހައިން ޝުހާދު އަހަރެންގެ ޖާދޫގައި ޖައްސާލެވޭނެ ކަމަކަށް ހީއެއްވެސް ނުކުރަމެވެ. އަހަރެންވެސް ފުރުސަތުގެ ބޭނުން ކޮށްލީ ވަރަށް ރަނގަޅަށް އަހަރެންގެ މަގްސަދު ކާމިޔާބު ކޮށްލުމުގެ ނިޔަތުގައެވެ.

ވައިޓްސޭންޑްބޭންކް އޮންނަނީ ގުރައިދޫއަކާ މާދުރެއްގައެއް ނޫނެވެ. އެހެންކަމުން އަހަރެން އެރަށަށް ޒިޔާރަތް ކުރީމެވެ. އޭރަކު މަންމަ މޮޔައިންގެ ސެންޓަރަށް ގެންދިޔަ ކަމެއް އެނގިފައެއް ނެތެވެ. ބައްޕަވެސް އެހާ ބައްޔެވެ. ހަނދާނުގެ މައްސައެއް ޖެހިފައިވާތީ ވަކީން ހާލު ދެރަކަމަށް ދައްކައެވެ. އަހަރެން ބައްޕައާ އެކަހެރި ގޮތުގައި ބައްދަލުކޮށް ވާހަކަ ދެއްކީމެވެ. އަހަރެންނަށް ދިމާވި ހާދިސާތައް ކިޔައިދިނީމެވެ. އެހެންނަމަވެސް އަހަރެން އުންމީދުކުރި ކަހަލަ އެއްވެސް އުފަލެއްވެސް އަދި ހިތާމައެއްވެސް ބައްޕަގެ ކިބަޔަކުން ނުފެނުނެވެ. އަދި މަންމައާވެސް ބައްދަލު ކުރީމެވެ. މަންމަގެ ހާލުވެސް ވަކި ރަނގަޅެއް ނޫނެވެ. އަހަރެން ފެނުމުން މަންމަ އެތައެއް އިރެއްވަންދެން ބަލަހަށްޓައިގެން ހުއްޓެވެ. އަހަރެން ގެނައި ހަދިޔާދިނުމަށްފަހު އަހރެން ދާންފެށުމުން މަންމަ އަހަރެންގެ އަތުގައި ހިފަހަށްޓާލިއެވެ. އަހަރެންގެ ސޫރަ ބަދަލުވެފައި ހުރި ކަމުގައި ވިޔަސް މަންމައަށް އަހަރެން ދެނެގަނެވުމުގެ އިހްސާސްތައް އަހަންނަށް ފާޅުވެގެން ދިޔައެވެ. ކަރުނަ އޮބަހަށްޓަން ހިތްވަރު ކުރަމުން އެތަނުން އަހަރެން ދިޔައިމެވެ

ޝުހާދު ވަނީ އަހަންނަށްޓަކާ ނަފުސުން ގުރުބާންވާން ފަށައިފިއެވެ. އެނާގެ ޝުއޫރުތަކައި ލޯތި އަހަރެންގެ ކުރިމައްޗަށް ބަންޑުން ކުރަން ފަށައިފިއެވެ. މުޅި ދުނިޔޭގައިވެސް އަހަރެން ފަދައެއް ނުވާކަމަށް ބުނެ އިގުރާރު ވާން ފަށަިފިއެވެ. އަހަރެންގެ ފައިތިލަމައްޗަށް ވެއްޓި އާދޭސް ކުރަން ފަށައިފއެވެ.

މިއަދު އަހަންނަށް ކުރިމަތިވި މިއާ މުސީބާތާ ކުރިމަތިލުމަށް އަހަރެން ހިތްވަރު ކުރީމެވެ. އެއްކޮޅުން އަހަރެންގެ ފިރިމީހާއެވެ. އަނެއްކޮޅުން އަހަރެންގެ ގާތިލެވެ. ފުރަތަމަ ލޯތްބާނުލާ އިނެއްކަމަކު އިނުމަށްފު އޭނާދެކެ އިންތިހާއަށް އަހަރެން ލޯބިވެސް ވީމެވެ. މިއަދު ހަމަ އޭނާ އެވަނީ އަހަރެންގެ ފައިތިލައިގެ ދަށަށް ތިރިވެއެވެ.

އެއީ އާ އަހަރު ނިމުނުފަހުން ބޭއްވުނު ފުރަތަމަ ޝޯ އޮތް ރެއެވެ. އެހެންވެ ރަށުގެ ސްޓޭޖްދޮށަށް ވަރަށް ގިނަ ބަޔަކު އެއްވެ ތިއްބެވެ. ލަވަ ކިއުމަށް އަރަން އޮތީ ހުނަރު ހުރި ކޮންމެ މީހެކެވެ. އެހެންވެ އަހަރެންވެސް އެ ފުރުސަތުގެ ބޭނުން ކޮށްލީ އަހަރެންގެ މަގުސަދަކަށްޓަކައެވެ. ޝުހާދުގެ ހިތާ ރަނގަޅަށް ކުޅެލުމަށެވެ.

ދެން އައީ އަނެއްކާވެސް ހަނދުވަރީ ރޭތަކެވެ.ޝުހާދާއި އަހަރެންގެ ލޯބީގެ ނާޗަރަންގީ މުޅި ރިސޯޓަށް މަޝްހޫރުވެ އެންމެގެ ލޯމަތީގައި ފެނި އެންމެންގެ ދޫމަތީގައި އެވާހަކަ ދެކެވެމުން ދިޔައެވެ. އެކަމާ އެކަމުވެސް ބެހިއެއް ނޫޅެއެވެ. އެއީ ޝުހާދުގެ ރިސޯޓެވެ. އަހަރެންގެ ގޯއްޗާއި އަދި އެތަނުގައި ފަހުން އެޅި އިމާރާތުން ލިބެން ފެށި ކުލި އެރިސޯޓު ހޯދުމަށް ކުރި ޚަރަދުގެ ތެރޭގައި ހިމެނިފައިވެއެވެ.

ޝުހާދަކީ ވިޔަފާރީގައި މަކަރު ހެދުމަށް ދެވަނައެއް ނުވާފަދަ ކުޅަދާނަ މީހެކެވެ. އޭނާއަށް ލިބެން އޮންނަ ފައިދާއަކާ ދެމެދަށް އެކަކަށްވެސް ހުރަހެއް ނޭޅޭނެއެވެ.

މިއަދު އެކުޅަދާނަ މުއްސަނދި މަހުޖަނު އެވަނީ އަހަރެންގެ އެންމެ އިޝާރާތަކަށް މުޅި ޒިންދަގީ އަހަންނާ ހަވާލުކުރުމަށް ތައްޔާރުގަވެ.

އަހަރެންވެސް މިހާތަނަށް ތައްޔާރުވަމުން އައީ މި ދުވަހަށެވެ. އެހެންކަމުން ލަސްކުރުމެއްނެތި އަހަރެންގެ ރޭވުމާ އެއްގޮތަށް ކަންތައް ކުރިޔަށް ގެންދިޔައިމެވެ.

ރިސޯޓްގެ ކުޑަ ލޯންޗުގައި އަހަރެމެން ނައްޓާލީ ހިތް އުފާ ކުރުމަށެވެ. މުޅި ދުނިޔެއާ އެކަހެރިވެލުމަށެވެ. އަހަރެން ވަނީ ދާން އުޅޭ ހިސާބު ޖީޕީއެސްއިން ފާހަކަކޮށްފައެވެ. އެހެންވެ ޝުހާދު ދުއްވަމުން ދިޔައީ އަހަރެން ދެއްކި ދިމާއަށެވެ.

އެއީ ޝުހާދު މީގެ 5 އަހަރުގެ ކުރީން އަހަރެން ވައްޓާލާފައި ދިޔަ ފަރުބޭރެވެ. އޭނާ އެކަމަކާ ދެކޮޅެއް ނަހަދައެވެ. ކުރީފަހަރު އޭނާ އައީ މުދާތަކެއް އަތްމަތި ކުރުމަށް ރާވައިގެންނެވެ. މިފަހަރު މިއައީ އޭނާގެ ޖިންސީ ކަރުހިއްކުން ފިލުވުމަށް ރާވައިގެންނެވެ. މިދެކަންތަކުގެ ތެރޭން ބޮޑަށް ބޭނުންވާނީކޮންކަމެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

ފުރުސަތެއް ނުނަގާ އޭނާ އަހަރެންގެ މައްޗަށް ގަދަވެގަންނަން އައެއެވެ. ބާޒެއް ޝިކާރައަކަށް ޖެހިގަންނަހާ ހަލުއި ކަމާއެކުގައިެވެ. އަހަރެންގެ ހުޝިޔާރުކަންވެސް ވަކި ކުޑަެއް ނުވިއެވެ. އހަރެންގެ އަސްލު ސިފައިގައި ހައްދާފައިވާ މާސް އަހަރެން އޭރު އަޅައިފީމެވެ.

އޭނާ އައިސް އަހަރެންގެ މޫނު އޭނާއާ ދިމާއަށް އަނބުރާލިއިރު އޭނާއަށް ލިބުނު ޝޮކް އަހަރެން ބަލަން އިނީމެވެ. ލޯބީގެ އިންތިހާއިން ނަފްރަތުގެ އިންތިހާއަށް ފަޅި ސިކުންތެއްގެ ތެރޭގައި ބަދަލުވާ މަންޒަރު އޭނާގެ މޫނުން އަހަންނަށް ފެނިގެން ދިޔައެވެ.

“ސާރާ! ކަލޭ! “

އޭނާ އަހަރެންގެ ގައިގައި ފިރުމާލަން ދިއްކުރި އަތް މިހާރު އެއައީ އަހަރެންގެ ކަރާ ދިމާއަށްވެ. “އަހަރެންގެ މުދާތަކެއް ކަލެއަކަށް ދަމައެއް ނުގަނެވޭނެ!”

އޭނާގެ އަތް ދަނގަޑު ދައްޗެއްހާ ގަދައެވެ. އަހަރެންގެ ނޭވާ ހާސްވެގެން ދިޔައެވެ. “އަހަރެންގެ މުދަލާ އަހަންނާ ދެމެދަށް އަންނަ ކޮންމެ މީހަކަށް ކަލެއަށް މީގެ ކުރީގައި ހެދިގޮތް ކަލޭ ހަނދާން ހުންނާނެ. ކަލޭގެ ބައްޕައަށް ހެދިގޮތް އޭނައަކަށް ބުނެދޭކަށް ނޭގޭނެ.”

ދެން އޭނާ ދެވަނަފަހަރަށް އަހަރެން ގެ ފުރާނަ ދުއްވާލަން އަތަށް ލެވުނުހާ ބާރެއްލިއެވެ.

އެއީ އަހަރެންގެ ނޭވާގެ އެންމެ ފަހު ވަގުތުކޮޅެވެ. އޭނާގެ ބާރުގަަދަ އަތެއް އަހަރެންގެ ކަރަކުން ނައްޓައެއް ނުލެވުނެވެ. އަހަރންގެ ހޭވެރިކަން ހުސްވާން ގާތްވިއެވެ.

ދެން އަހަރެން މިފަދަ ދަނޑިވަޅަކަށް ތައްޔާރުވެފައިވާ ޓްރޭނިންގެ އުކުޅުތައް ބޭނުން ކޮށްލީމެވެ.

އެއާއެކު ވީއެއް ނުވީއެއް ނޭގި އޭނާ ވިއްސައިގެންގޮސް ލޯންޗު ތެރެއަށް ޖެހުނެވެ. އަހަރެންވެސް ފުއްލާއެއްހާ ހަލުވިކަމާއެކު އިތުރު ކަރާޓީ ޗޮޕެއް ޖެހުމަށްފަހު އޭނާގެ ހަކަތަ ދުއްވާލީމެވެ. އަދި އޭނާގެ އަތް ފުރަގަހަށްވާގޮތަށް ޕްލާސްޓިކް ކްލަާސްޕެއް އަޅުވާލީމެވެ.

އޭރު އައި ނައި ދިމާއެއް ނޭގި ޕޮލިސް ލޯންޗް އެތަނަށް ކައިރިކޮށްލިއެވެ. އެއީ އަހަރެންގެ ރޭވުން ޕޮލިސްއަށް އަންގާފައިވަތީއެވެ.

އަހަރެން ރިސޯޓަށް ފޭބުމަށްފަހު އެރަނގަޅު ޕޮލިސް ކޮމާންޑަރަށް ޝުކުރު އަދާކުރީމެވެ.

މިހުރިހާ ވާހަކަތަކެއް ނޫހަށް އެރިއިރު އަހަރެން ފުރައިގެން ސިންގަޕޯރއަށް ހިނގައްޖެއީމެވެ.

މިއަޖާއިބު ހާދިސާ އަހަރެންގެ މާޒީގެ ހިތާމެވެރި ޑައިރީގެ ފަހު ސަފްހާގައި ލިޔެލީމެވެ.

ނިމުނީ