English Edition
Dhivehi Edition

ފޭދޫގައި ރޭ ހިނގި އެކްސިޑެންޓުގައި ބޮލަށް އަނިޔާވި މުހައްމަދު އަސްވާގަށް އިތުރު ފަރުވާދިނުމަށް މިއަދު މާލެ ފޮނުވަން ތައްޔާރުވެއްޖެއެވެ.

މިހާރު އޭނާއަށް ފަރުވާދެމުން ގެންދަނީ ހިތަދޫރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އައިސީޔޫގައެވެ. އެޗުއާރުއެޗު ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެކުއްޖާ މާލެ ފުރުވާލަނީ ޗާޓަރޑް ފުލައިޓެއްގައި ކަމަށެވެ. އޭނާ ފުރުވާލާނީ މިއަދު 2:00 ގައި ކަމަށްވެސް ނަޖީބު ވދާޅުވިއެވެ. “ރޭގެ އެކްސިޑެންޓުގައި އަނިޔާވެ ހާލުދެރަވި ކުއްޖާ ޗާޓަރޑް ފުލައިޓެއްގައި މިއަދު ދޭއްޖަހާއިރު މާލެއަށް ފުރުވާގޮތަށްވަނީ ހަމަޖެހިފައި،” ނަޖީބު ވިދާޅުވިއެވެ.

ފޭދޫގައި ހުންނަ ޕީޕީއެމް އޮފީސްކުރިމަތީގައި ރޭ ހިނގި އެކްސިޑެންޓުގައި އެޒުވާނާގެ ބޮލަށްވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ. އޭނާގެ އިތުރަށް 16 އަހަރުގެ ކުއްޖަކަށްވެސް ވަނީ އެކްސިޑެންޓުގައި އަނިޔާވެފައެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ނުވިޔަސް ގައިގެ ބައެއްތަންތަންވަނީ މަށައިގެންގޮސްފައެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެކުދިންނަކީވެސް ހިތަދޫ ކުދިންނެވެ. އެ ކްސިޑެންޓުވީ އެ ދެކުދިން ދުއްވި ސައިކަލް ކޮންޓްރޯލް ނުވެގޮސް މަގުމަތީގައި ހިނގާފައިދިޔަ މީހެއްގެ ގައިގައި ޖެހުމުންނެވެ. އެ ހާދިސާގައި އެ މީހާއަށްވެސް ވަނީ އަނިޔާވެފައެވެ. ރޭ ފޭދޫ ސިއްހީމަރުކަޒުން އޭނާއަށް ފަރުވާދިނުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައިވަނީ އެޗުއާރުއެޗަށް ބަދަލުކޮށްފައި ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.