English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖެއްގެ ބޮލަށް ހަމަލާދީ ޒަޚަމްކޮށްފިއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ހިތަދޫ، ޕޫލްބަހާރީގޭ ޒަޔާނަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަކީ 16 އަހަރުގެ ކުއްޖެއް ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.

ހިތަދޫ ޝީޝާ ޝޯރޫމް ހުންނަ ސަރަހައްދުގައި ހިނގި މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ހަމަލާދީފައިވަނީ ސައިކަލަކުންދިޔަ ބައެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ދަނގަޑަކުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ހާދިސާއަށްފަހު މިރޭ އޭނާވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. ހޮސްޕިޓަލުން ވިދާޅުވީ އެ ހަމަލާގައި އެ ކުއްޖާގެ ބޮލުގެ ދެތަނެއް ޒަޚަމްވެފައިވާ ކަމަށެވެ. އެއްތަނުގެ ދިގުމިނަކީ 8 އިންޗިއެވެ. އަނެއް ޒަޚަމުގެ ދިގުމިނުގައި 3 އިންޗި ހުރިކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. އެހެންނަމަވެސް ފުންމިނެއް އެނގިފައެއް ނުވެއެވެ. ހޮސްޕިޓަލުން މިހާރުވަނީ ޒަޚަމްތައް ފަހައިފައެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް އަދިވެސް އޭނާ ހޮސްޕިޓަލުން ދުލެއް ނުކުރެއެވެ.

ޓެގު