English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ކެފޭއަކަށް ގޮސް ކެއުމަށް ފަހު ބިލު ނުދެއްކި މީހަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކެއުމަށް ފަހު ބިލު ނުދައްކައިގެން ކެފޭއިން ރިޕޯޓު ކުރުމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި، ހަނދުވަރުދޭގޭގެ އުމުރުން 23 އަހަރުގެ ޔާސިން ރަޝީދެވެ.

އޭނާ ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީއެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ހުއްދަ ނޫން ހިދުމަތެެއް ހޯދުމުގެ ތުހުމަތެވެ.

މި މައްސަލައިގައި ޔާސީން ވަނީ ކެފޭއިން ކެއި ކަމަށާއި ބިލް ނުދައްކާ ކަމަށް އެއްބަސްވެފައެވެ. އޭނާ ވަނީ ބިލު ދެއްކުމަށް ބޭބެއަށް ގުޅިކަމަށާއި، ނަމަވެސް ފަހުން ބޭބެގެ ފޯނު އޮތީ ނިވިފައިކަމަށް ބުނެފައެވެ. އިތުރަށް ކޯޓު އަމުރުގައި ވާގޮތުން ޔާސީން ވަނީ އެ ފައިސާ ފަހުން ފޮނުވި ކަމަށް ބުނެފައެވެ. ނަމަވެސް އެ ބިލަށް ފައިސާ ދައްކާފައި ނުވާކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކޮށްފައިވާކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

ޔާސީން އަކީ ކެފޭތަކަށް ގޮސް މީގެކުރިންވެސް ކެއުމަށް ފަހު ބިލް ނުދައްކާ ހުރި ފަރާތެއް ކަމަށް އާއިލާ އާއި ހަވާލާދީ އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ބުނެފައެވެ.