English Edition
Dhivehi Edition
އައްޑޫސިޓީގެ މޭޔަރއަލީ ނިޒާރު: ފޮޓޯ އައްޑުސިޓީ ކައުންސިލް

2024 ވަނަ އަހަރު އައްޑޫސިޓީގެ ރައްޔިތުންނަށް ކާމިޔާބީތަކެއް ހޯދައި ދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން އިއްޔެ ނެރުނު ވޭތުވެދިޔަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓުގައި ބުނެފައިވަނީ އެ ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ، ރައްޔިތުންނަށް ހެވާއި ލާބަ ހޯދައި ދިނުން ކަމަށާއި އެ އަމާޒަށް ވާޞިލް ވުމަށް 2024 ވަނަ އަހަރު ކައުންސިލުން އެކުލަވާލި މަސައްކަތްތައް ތާވަލާއި އެއްގޮތަށް ރާވައި ހިންގާފައިވާ ކަމަށެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ ކަންކަމުގެ ތެރޭގައި އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީކުރުމަށާއި ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރެވުނު ކާމިޔާބު ހަރަކާތްތައް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އައްޑޫގެ މަލަމަތި ރީތި ކުރުމަށް ކުރެވުނު މަސައްކަތް ތަކާއި ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ މަގުޞަދުގައި ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ.

މިއާއެކު ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އައްޑޫސިޓީގެ އެކިއަވަށްތަކުން ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ކަނޑައަޅައިދީ އިންވަކިކޮށް ރަޖިސްޓްރީހަދައި ދިނުމަށް ކުރެވުނު މަސައްކަތް ތަކާއި ގުޅިފައިވާ ރަށްތަކުގެ އަލަށް ހިއްކި ބިންތަކުގެ ލޭންޑުޔޫޒް ޕްލޭން ހެދުމުގެ ގޮތުން ކުރެވުނު މަސައްކަތް ހިމަނާފައިވެއެވެ.

ދަނޑުވެރިކަން ކުރިއަރުވައި ދަނޑުބިންތަކުން މިހާރަށްވުރެ ބޮޑު ނަފާއެއް ލިބޭނެ ގޮތް ހެދުމަށް ދަނޑުބިންތައް ދޫކުރުމަށް އުސޫލެއް ފާސްކޮށް އަމަލު ކުރަން ފަށާފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެކިއެކު މުއައްސަސާތަކާއި ގުޅިގެން ރައްޔިތުންގެ ކުރިއެރުމާއި ކާމިޔާބީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްގެ ގޮތުގައި 2024 ފާހަގަ ކޮށްލެވޭ ކަމަށް ކައުންސިލުން އާންމުކުރި ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.