English Edition
Dhivehi Edition

ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ 77 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސުރިޔާއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް އަވަށްޓެރިކަމާއި ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބިނާވެގެން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްރީލަންކާގެ މިނިވަން ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ދެމެހެއްޓެނިވި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ސްރީލަންކާގެ މިނިވަންދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ އިސްތިޢުމާރީ ހިމާޔަތުގެ ދަށުން އެ ޤައުމު މިނިވަންވި ދުވަހާ ގުޅުވައިގެންނެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން އެ ޤައުމު މިނިވަންވީ 1948ވަނަ އަހަރުއެވެ.