English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިއަދު ހަވީރު ފެށި “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފޭދޫ ޔުނައިޓެޑުން ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. އެ ޓީމް މިއަދުގެ މެޗު ކާމިޔާބުކުރީ މަރަދޫ އެފްސީއާ ބައްދަލުކޮށް 2-0 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީވެސް ޔުނައިޓެޑް ފްރެންޑްސް އިންނެވެ. މެޗުގެ 30 ވަނަ މިނިޓުގައި އެޓީމަށް ލީޑުނަގައިދިނީ އެޓީމުގެ ޖާޒީނަމްނަރު 4 ހަސަން އައްސަދެވެ. އޭގެ 6 މިނިޓް ފަހުން މެޗުގެ 36 ވަނަ މިނިޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޖާޒީ ނަމްބަރު 3 ހުސައިން ލަތީފެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި މަރަދޫ އެފްސީއަށްވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފައެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް ފްރެންޑްސްވަނީ 3 ޕޮއިންޓް ހޯދައި މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.

މެޗަށްފަހު ޔުނައިޓެޑް ފްރެންޑްސް ޓީމުގެ ކެޕްޓަން އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަހުމަދު ސައީދު (އައްމަޓީ) ބުނީ ފުރަތަމަ މެޗުން މޮޅުވާން ހުރިހާކުޅުންތެރިންވެސް ނުކުތީ ވަރަށް ވަރުގަދަ އަޒުމަކާއެކުކަމަށެވެ. “ފެށުން ރަނގަޅުވެ ތިން ޕޮއިންޓް ލިބުމަކީ މުބާރާތުގައި ކުރިއަށްދިޔުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް،” ކަމަށެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް ފްރެންޑްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ހުސައިން ލަތީފެވެ. އޭނާއަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އަލީ އިހުސާނެވެ.
މުބާރާތުގައި މާދަމާ ހަވީރުވެސް މެޗެއް ކުޅޭނެއެވެ. ބައްދަލުކުރާނީ ފޭދޫ މެޖެންޓާއި، ހިތަދޫ ނެކްސެސް އެވެ. މެޗު ފަށާނީ ހަވީރު 4:00 ގައެވެ. މެޗު ކުޅޭނީ ފޭދޫ ފުޓުބޯޅަ ދަނޑުގައެވެ.

މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭ ގޮތަކަށެވެ. އެގޮތަށްކުޅެ ސެމީއަށްދާނީ އެންމެގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ. ފައިނަލުގައި ކުޅޭނީ ސެމީގައި ކުޅެ މޮޅުވާ ދެޓީމެކެވެ. ފައިނަލް އޮންނާނީ މިމަހު 26 ވަނަ ދުވަހުއެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.