English Edition
Dhivehi Edition

އިނގިރޭސިލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ދެވަނަ ޑިވިޝަންގެ ބްރިސްޓަލް ސިޓީއާ ރޭ ބައްދަލުކޮށް 2-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. މިއީ މިސީޒަންގައި މެޗަކުން ބަލިނުވެ މެންޗެސްޓާ ސިޓީ ކުރިއަށްގެންދާ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ ބްރިސްޓަލް އިން ލަނޑެއް ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބޮބީ ރިޗީޑް ވަނީ ބްރިސްޓަލްއަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް ދެވަނަ ހާފް ފަށައިގެން ވަރަށްކުރީކޮޅު ކެވިން ޑިބްރޭނާގެ ގޯލުން ސިޓީވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުން ސިޓީ މޮޅުވި ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށް ދިނީ ސާޖިއޯ އަގުއޭރޯއެވެ.

ސިޓީ އާއި ބްރިސްޓަލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެރޭގައެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ފައިނަލަށް ދެވޭނެ އެވެ.

ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޗެލްސީ އާއި އާސެނަލް އެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖެގަޑިން 1:00 ގައެވެ.