English Edition
Dhivehi Edition

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.

މިކަމާ ގުޅިގެން ތަޢުލީމާ ބެހޭ ވުޒާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުން މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި މި ފަދަ މައްސަލަތައް އެ ވުޒާރާގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅުއްވަމުންގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުން އިލްތިމާސްކުރައްވާފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު ދަށުން ކުއްޖާގެ ޒާތީ މައުލޫމާތު އާންމު ވެދާނެތީ، ސްކޫލް އަދި ޓީޗަރުގެ މައުލޫމާތް ހާމަކުރެވެން ނެތްކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.