English Edition
Dhivehi Edition

އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި އާސެނަލްއާއި ދެވަނަ ޑިވިޝަނުގެ ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު 4-2 ލަނޑުން އޭސެނަލް ބަލިވުމުން ވަރަށްބޮޑަށް ހިތްހަމަ ނުޖެހޭކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އާސެނަލްއަކީ އިނގިރޭސި އެފްއޭކަޕުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އެހެންކަމުން މިފަހަރު އެޓީމް ނުކުތީ ތަށި ދިފާއުކުރުމަށެވެ. އެހެންނަމަވެސް ވެންގާ ރެފްރީއަށް ފާޑު ކިޔުމުން އޭނާއަށްވަނީ އާސެނަލް ނޮޓިންހަމް ފޮރެސްޓާ ބައްދަލުކުރި މެޗުގައި ޓީމަށް އިރުޝާދުދޭން ބެންޗަށް ދެވޭގޮތްނުވެފައެވެ. ވެންގާ ބުނީ ބެންޗަށް ނުދެވި ކުޅިބަލަން ހުންނަން ޖެހުމުން ވަރަށްބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ.

ދެވަނަ ޑިވިޝަންގެ ފޮރެސްޓްގެ ދަނޑުގައި ކުޅުނު އެ މެޗުން އާސެނަލް ބަލިވުމުން އެޓީމަށްވަނީ މުބާރާތުގެ ތިންވަނައިންވެސް ކަޓައިފައެވެ. މިއީ އެ މުބާރާތުގެ ތިންވަނައިން ކެޓި ފުރަތަމަފަހަރުވެސްމެއެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ މެޗަށްފަހު ކޯޗު އާސެން ވެންގާ ބުނީ އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ފެންނަންޖެހޭ ވަރުގެ ކުޅުމެއް ނޫންކަމަށެވެ. އެހެންކަމުން އެއީ ހިނިއަންނަ ވަރުގެ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ވެންގާ ބުނީ ޖުމްލަގޮތެއްގައި ރޭގެ މެޗު ފޮރެސްޓް ކުޅެފައިވަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ.

ނޮޓިންހަމް ފޮރެސްޓަކީ އިނގިރޭސި ފުޓްބޯޅައިގައި މަޝްހޫރު ނަމެކެވެ. ޔޫރަޕުގެ ޗެމްޕިއަންކަން 1979 ވަނަ އަހަރާއި 1980 ވަނަ އަހަރު ހޯދައިފައިވެއެވެ. އޭގެ އިތުރުން ފޮރެސްޓުން ވަނީ އިނގިރޭސި ލީގު ޗެމްޕިއަންކަން 1978 ވަނަ އަހަރު ހޯދައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދައިފައެވެ.