English Edition
Dhivehi Edition

މާޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަރުމަންގެ ބޮރޯޝިޔާ ޑޯޓްމަންޑްގެ ޓްރައިލް އެއްގައި ބައިވެރިވާން އުޅޭކަމަށް ދުނިޔޭގެ އެންމެ ބާރު ދުވުން ތެރިޔާ އުސައިން ބޯލްޓް ބުނެފިއެވެ.

ދުނިޔޭގެ 100 މީޓަރު އަދި 200 މީޓަރުގެ ރިކޯޑް ހަދާފައިވާ 31 އަހަރުގެ އުސެއިން ބޯލްޓް ވަނީ އޮލިންޕިކްސް ރަންމެޑަލް މެޑަލް އާއި ވޯލްޑް ޗެމްޕިއަން ޝިޕްގެ ރަން މެޑަލް ވެސް ހޯދާފައެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްއަށް ވަރަށް ބޮޑަށް ސަޕޯޓް ކުރާ އުސައިން ބޮލްޓް ބުނީ މާޗް މަހުގައި މިއޮތީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެނާ ޑޯޓްމަންޑްގެ ޓްރައިލްއިން ފާސްވެއްޖެ ނަމަ ފަރިތަކުރުން ތަކުގައި ބައިވެރިވާން ތައްޔާރަށް ހުރި ކަމަށެވެ.

“މާޗު މަހުގައި މި އޮތީ ޓްރައިލް.ޑޯޓްމަންޑްއިން ނިންމާނީ އަހަރެންނަށް މިކަން ވާނެ ތޯ ނޫނީ ނުވާނެ ތޯ.ކޮންމެ ގޮތަކަށް ވިޔަސް ދުވުން ހުއްޓާލުމަށް ފަހު ފުޓް ބޯޅަ ކުޅެން އެއީ އަހަރެން ވަރަށް ބޭނުންވި ކަމެއް”އުސެއިން ބޯލްޓް ބުންޏެވެ.

ޖެމެއިކާގެ ދުވުން ތެރިޔާ ބުނީ އެނާ މޮޅެތި ފުޓް ބޯޅަ ކުޅުންތެރިންގެ ކުރި މައްޗަށް ނިކުންނަން ބިރު ނުގަންނަ ކަމަށާއި ބޭނުމީ ދުވުމުން ކާމިޔާބު ހޯދި ފަދައިން ފުޓްބޯޅައިން ވެސް ކާމިޔާބު ހޯދަން ކަމަށެވެ.

“އަހަރެންގެ އެންމެ ބޮޑު އުންމީދަކީ ކޮންމެވެސް ދުވަހަކުން މެންޗެސްޓަރ ޔުނައިޓެޑްގެ ޖާރޒީގައި މެޗެއް ކުޅުން އެކަމަކު ޑޯޓްމަންޑުން ފުރުސަތު ލިބިއްޖެނަމަ ފަރިތަކުރުން ތަކުގައި ބުރަކޮށް މަސައްކަތް ކޮށް ކާމިޔާބު ހޯދަން މަސައްކަތް ކުރާނަން މިއިން ކޮންމެ ކުލަބެއްގައި ވެސް ތިބީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން ކަމަށް ބޮލްޓް ބުންޏެވެ.

ބޮލްޓް ބުނީ މީގެ ކުރިން ވެސް ފުޓް ބޯޅަ ކުޅެން ބޭނުން ވެގެން ޔުނައިޓެޑްގައި މިހާތަނަށް ކޯޗުކަން ކޮށްދިން އެލެކްސް ފާގަސަން އާއި ވެސް ވާހަކަ ދައްކާފައިވާނެ ކަމަށާއި ފާގަސަންގެ ފަރާތުން އެދެވޭ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ.