English Edition
Dhivehi Edition
ގއ. މާމެންދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ލޯކަލް އެމްވީ

މީގެ 18 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރާލި މައްސަލައިގެ ޝަރީއަތް އަނެއްކާވެސް އަލުން ބަލަން ފަށައިފިއެވެ.

މާމެންދޫގައި 2006 ވަނަ އަހަރު ގްރޫޕަކުން ގޮސް ލަކުޑި ބުރިން ހަމަލާދީ ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބް މަރާލި މައްސަލަ ދަށު ކޯޓުން ބަލަން ފެށި ތިން ވަނަ ފަހަރެވެ.

މި މައްސަލާގައި 2008 ވަނަ އަހަރު އޭރުގެ ޖިނާއީ ކޯޓުން މަރަން ހުކުމްކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ބައި އަލުން ބަލަން 2019 ވަނަ އަހަރު ހައި ކޯޓުން ވަނީ އަންގާފައެވެ. އަދި ހައި ކޯޓުން އޭރު އަންގާފައި އޮތީ މާމެންދޫ ޕިންކްލައިޓް މުހައްމަދު ޝިފްރާޒާއި އެރަށު މާސް، އަލީ މަސްއޫދު ސައީދުގެ ބައި އަލުން ބެލުމަށެވެ. ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ނިންމީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމްގައި ބުނީ މުޅި މައްސަލަ އަލުން ބަލަން އަންގާފައި ވަނިކޮށް ދަށު ކޯޓުން ޝަރީއަތުގެ ކުރީގެ މަރުހަލާގައި މައްސަލަ ބޭރުކޮށްލުމަކީ އެ މައްސަލަ އަލުން ބެލުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ ހައި ކޯޓުގެ ނިންމުމެއް ބޮލާލައި ޖެހުން ކަމަށާއި އެހެންވެ، މައްސަލާގެ ޝަރީއަތް ހިންގަން ކްރިމިނަލް ކޯޓަށް އަނެއްކާވެސް އެންގިކަމަށެވެ. އެ އެންގުމާ ދެ އަހަރުވި ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ގާޒީ އިބްރާހިމް ޒިހުނީ ވަނީ ދައުވާ ލިބޭ މީހުންނަށް ވަކީލުން ހޯދަން ފުރުސަތު ދެއްވައިފައެވެ.