English Edition
Dhivehi Edition
ހެޕީމާކެޓްގެ އާ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުގައި ޕަބްލިކް ސެކްޓަރ ތަމްސީލުކުރާ ދެ މެމްބަރުންގެ ގޮތުގައި މުހައްމަދު އަލީ ޖަނާހު (ޖަނާ) އަދި ކެޕްޓަން އަލީ އިހުސާން އައްޔަނުކޮށްފިއެވެ.

އެމްއެމްއޭގެ ބޯޑަށް ޖަނާ އައްޔަންކުރެއްވީ ކުރީގެ މިނިސްޓަރު އަދި ސަންލޭންޑްގެ ހިއްސާދާރު ހުސެއިން ހިލްމީގެ ބަދަލުގަ އެވެ. އިހުސާން އައްޔަން ކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްގެ ބަދަލުގައެވެ.

އެމްއެމްއޭގެ ބޯޑުގައި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ދެ މެމްބަރަކު ތިބެން ޖެހޭއިރު، އެ މެމްބަރުން އައްޔަނުކުރާނީ އެމްއެމްއޭގެ ގަވަރުނަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

މައުލޫމާތު ލިބޭގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެމްއެމްއޭގެ ބޯޑަށް ޖަނާ އާއި އިހުސާން އައްޔަނުކޮށްފައިވަނީ މިއަދުގައެވެ.

ޖަނާ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނި، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ޗެއާމަނެވެ. އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލުކުރާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސެވެ.

ކެޕްޓަން އަލީ އިހުސާނަކީ ހެޕީ މާކެޓް ޓްރޭޑިންގް ކުންފުނީގެ ޖެނެރަލް މެނޭޖަރެވެ. އޭނާއަކީ މީގެ ކުރިން ގައުމި ދިފާއީ ބާރުގެ އާމަރީ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ދަރިކަލުންވެސް މެއެވެ.

ޖުމްލަ ހަތް މެމްބަރުން ހިމެނިވަޑައިގަންނަވާ އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި އެ ބޭފުޅުންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ނައިބު އަބްދުލް ހަލީމް އަބްދުލް ޣަފޫރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ބޯޑުގައި ކުރިން ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބަދަލުގައި އިތުރު ބޭފުޅަކު އަދި އައްޔަން ނުކުރައްވަ އެވެ.