English Edition
Dhivehi Edition
އިބްރާހީމް ރަޝީދު މޫސާ

ސެނެގޯލަކީ ހުޅަނގު އެފްރިކާގެ މުސްލިމު ޤައުމެކެވެ. އެ ރަށުގެ އާބާދީގެ 96 % އަކީ މުސްލިމުންނެވެ. 14 މިލިއަން މީހުން އުޅޭ މި ޤައުމުގައި ޝަޢުބާން މަހުގެ 29 ވަނަދުވަހުގެ އިރު އޮއްސުމުން މީސްތަކުން މަގުމައްޗަށާއި އައްސޭރި ސަރަޙައްދުތަކަށް ހަނދު ބެލުމަށްޓަކައި ނުކުންނާނެއެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އެ ޤައުމުގެ މީހުން ގެންގުޅޭ މި އާދަކާދައަކީ ކާބަފައިންގެ އަން ޒަމާނުއްސުރެ އެމީހުން ތަބާވަމުންދާ ރިވެތި އާދަކަދައެކެވެ. މި ގޮތަށް ހަނދު ފެނުނަސް އެ މީހުން ރޯދަ ހިފަން ފަށާނީ އެ ބަޔަކު ތަބާވާ އިމާމާ ރޯދަ ހިފަން އެންގެވުމުންނެވެ.

ސެނެގޯލުގެ ކޮންމެ މުސްލިމަކު ދެކޭގޮތުގައި ރަމަޟާން މަހުގެ ހަނދު ބެލުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. ހަނދު ފެނުމުން ނުވަތަ ސާބިތުވެ އެކަން އިޢުލާނު ކުރުމުން އެކަކު އަނެކަކާ ސަލާންގަލާންކޮށް ތަހްނިޔާ ބަދަލު ކުރުމަކީ ސެނެގޯލުގެ މުސްލިމުންގެ އާދައެކެވެ.

ސެނެގޯލުގެ މުސްލިމުން ރަމަޟާން މަހަށްޓަކައި ވަރަށް ދުރާލައި ތައްޔާރުވެއެވެ. އެ މީހުން ދެކޭ ގޮތުގައި މިއީ އެމީހުންގެ އިހްމާލުން ގެއްލިގެން ދިޔަ ދުވަސްތައް ހޯދުމަށްޓަކައި އަޅުކަން ކުރުމުގައި ގަދައަޅައި އިތުރަށް މަސައްކަތް ކުރުމަށް ލިބޭ ފުރްޞަތެކެވެ.

ރަމަޟާން މަހަށް ތައްޔާރުވެ ވަޑައިގަތުމަށްޓަކައި ޝައުބާން މަހުގެ ފަހު ހަފުތާގެ ތެރޭގައި ސެނެގޯލުގެ ޢިލްމުވެރިން ޢާއްމު ބައްދަލުވުމެއްގައި ރަމަޟާނީ ދުރޫސްތަކާއި ޕްރޮގްރާމްތަކާ ބެހޭ ތާވަލެއް އެކުލަވައިލައްވާނެއެވެ. މި ބައްދަލުވުމުން ކަނޑައަޅާ ދަރުސްތަކާއި ތަޤްރީރުތައް މެނުވީ ޓީވީއާއި ރޭޑިއޯއިން ދުރަކަށް ނުފޮނުވާނެއެވެ.

ޢާއްމު ގޮތެއްގައި ދަރުސްތަކާއި ތަޤްރީރުތައް ބާއްވާނީ މެންދުރު ނަމާދަށް ފަހުގައެވެ. ނިމޭނީ ޢަޞްރު ނަމާދުގެ ބަންގިއަށެވެ. ބައެއް ހިސާބުހިސާބުގައި ކޮންމެ ދުވަހަކު މި ދަރުސް ބާއްވާނެއެވެ. އަނެއްބައި ހިސާބުހިސާބުގައި ދަރުސްތައް ބޭއްވޭނީ ހަފުތާއަކު ދެ ދުވަހު ނުވަތަ ތިން ދުވަހުއެވެ.

ސެނެގޯލުގައި ހުރިހާ މިސްކިތްތަކެއްގައި ވެސް ތަރާވީޙު ނަމާދު ޤާއިމު ކުރެވޭނެއެވެ. އެ މީހުން ތަރާވީޙުގައި ކުރާނީ އަށް ރަކްޢަތެވެ. އަންހެނުން ތަރާވީޙު ނަމާދަށް ދިޔުމަކީ ސެނެގޯލުގައި ވަރަށް ޢާއްމު ކަމެކެވެ.

ސެނެގޯލުގެ ގިނަ މިސްކިތްތަކުގައި ރަމަޟާން މަހު ދެ ފަހަރަށް ޤުރްއާން ޚަތިމުކުރާނެއެވެ. އެއީ ތަރާވީޙުގައި ކުރާ ޚަތިމަކާއި ތަހައްޖުދު ނަމާދުގައި ކުރާ ޚަތިމެކެވެ.

ރަމަޟާން މަހުގެ ވެށްޓަކީ ސެނެގޯލުގައި ވަރަށް ރޫޙާނީ ވެށްޓެކެވެ. މީހަކު މި މަހުގައި އެއްވެސް ކަހަލަ މުންކަރާތެއް ކޮށްފި ނަމަ އެހެން އެންމެން އެކަމާ ދެކޮޅުހަދައި އިންކާރު ކުރާނެއެވެ. ސެނެގޯލުގެ ޣައިރު މުސްލިމުން ، މުސްލިމުންގެ އެއްވެސް ދީނީ ކަމަކާ މެދު ދުރުން ވިޔަސް އަދި ގާތުން ވިޔަސް އެއްޗެއް ނުބުނާނެތެވެ.

ސެނެގޯލުގެ ރަމަޟާނީ ޖައްވަށް ބަލާ އިރު އެއީ ދުވާލު ވަރަށް ޙަރަކާތްތެރި ރޭގަނޑު ވަރަށް ހަމަހިމޭން ޖައްވެކެވެ. އިރުއޮއްސުނީއްސުރެ ގޮސް ފަތިސް ވަންދެން މަގުމަތި އޮންނާނީ ވަރަށް ހަމަހިމޭންކޮށެވެ. މުވާޞަލާތީ ޢާއްމު ވަސީލަތްތައްވެސް (ބަހާއި ޓެކްސީ ފަދަ އުޅަނދުތައް ) މަގުމަތިން ވަރަށް މަދުން މެނުވީ ނުފެންނާނެތެވެ. ތަރާވީޙު ނަމާދު ނިމުމާ އެކު އެންމެން ގެއަށްގޮސް އޮށޯވެދާނެތެވެ. ރޭގަނޑު ހޭލައިއުޅުމުގެ އާދައަކީ އެމީހުންގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ.

ފަހު ދިހައިގެ ރޭތަކުގައި އިޢުތިކާފަށް ތިބޭ މީހުން ވަރަށް މަދުން ނޫނީ ނުފެންނާތެވެ. ނަމަވެސް ލައިލަތުލް ޤަދްރި ވިލޭރޭ އިޙްޔާކޮށް ދިރުވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެމީހުން ދެކޭ ގޮތުގައި އެއީ ރަމަޟާން މަހުގެ 27 ވިލޭރެއެވެ. އެ ރޭ ފަތިސް ވަންދެން މިސްކިތުގައި އަޅުކަން ކުރުމާއި ޤުރްއާން ކިޔެވުމުގައި ހޭލައި ތިބޭނެތެވެ.

ސެނެގޯލުގެ މުސްލިމުން ރޯދަ ވީއްލާނީ ހޫނު އެއްޗަކުންނެވެ. ނުވަތަ އާދައިގެ ފެންފޮދަކުންނެވެ. އެމީހުން ބުނާ ގޮތުގައި މަޢިދާއަށް އެންމެ ރަނގަޅީ ހޫނު އެއްޗެއްސެވެ. އެއަށްފަހު ރޯދަވީއްލުމުގެ ކެއުމެވެ. މިއީ ސެނެގޯލުގެ އެކި ހިސާބުގައި ތަފާތު އެއްޗެކެވެ. ހާރު ވެސް އޮތީ ހަމަ މި ކަހަލަ ގޮތަކަށެވެ.

ސެނެގޯލުގެ މުސްލިމުން ރޯދަވީއްލުމަށްޓަކައި ރޯދަވީއްލުމުގެ ދޮލަނގުތައް ތައްޔާރު ކޮށް މިސްކިތް ދޮށަށް ފޮނުވައެވެ. ހަމަ އެފަދައިން ފިޠުރު ޒަކާތް ނެރުމުގައި އަވަސްވެ ގަނެތެވެ. މިއީ އެމީހުން ދެކޭގޮތުގައި ސެނެގޯލުގެ ފަޤީރު މުސްލިމުންނަށްޓަކައި އަދާކުރަން ޖެހޭ ވާޖިބެކެވެ.

* މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.