English Edition
Dhivehi Edition

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގާ އައިސްޕްލާންޓުގައި މަރާލާފައި އޮއްވައި ފެނުނު ޅ. ހިންނަވަރު އިސްމާއީލް އުމަރުގެ ހަށިގަނޑު މިއަދު ވަޅުލައިފިއެވެ. އޭނާގެ ހަށިގަނޑު ވަޅުލައިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އިހަވަންދޫ ސަހަރާގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއީލްގެ ޖަނާޒާގެ ހުރިހާކަމެއް ކޮށްދެއްވީ އެރަށު ކައުންސިލުންނެވެ. އޭނާގެ ޖަނާޒާގައި އެރަށުގެ ކައުންސިލްގެ ބޭފުޅުންނާއި، މިފްކޯގެ ބޭފުޅުންނާއި، އާއިލާގެ ބޭފުޅުންގެ އިތުރަށް އެރަށުގެ ގިނަމީހުން ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިއްސެ ހިނަވާފައިވަނީ އެރަށުގައި އަލަށް އިމާރާތްކޮށްފައިވާ ހިނަވާގޭގައެވެ. އެތަން ނިންމުމަށްފަހު އަދި ރަސްމީކޮށް ނުހުޅުވައެވެ. އެހެންނަމަވެސް އެތަންހުރީ ކައުންސިލާ ހަވާލުކޮށްފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިސްމާއީލަކީ އެ ގޭގައި ފުރަތަމަ ހިނެވި މީހާއެވެ. އިހަވަންދޫ އައިސްޕްލާންޓުގައި މަސައްކަތްކުރި އުމުރުން 54 އަހަރުގެ އިސްމާއީލް މަރާލައިފައި އޮއްވައި ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި 5 ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކީ އައިސްޕްލާންޓުގައި މަސައްކަތްކުރި މީހެކެވެ. އެ ފަސްމީހުން ހދ. ކުޅުދުއްފުށްޓަށް ގެންދިޔުމަށް ފުލުހުން މިހާރު ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. “ހައްޔަރުކޮށްފައިވާ ބިދޭސީން މިރަށުން ފުރުވާލުމަށް އުޅެނީ. ހީވަނީ ފުރަތަމަ ގެންދަނީ ކުޅުދުއްފުށްޓަށްހެން. އެތަނުން މާލެ ގެންދިޔަސް ގެންދާނީ،” އޭމީހާ ބުންޏެވެ. އޭނާ ބުނީ އިސްމާއީލްގެ ފޯނާއި ވޮލެޓާވެސް މިހާރު ފެނިފައިވާ ކަމަށެވެ. އެ އެއްޗެހި ދެއްކިކަމަށްވަނީ ފުލުހުންގެ ބަންދުގައިތިބި ބިދޭސީން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިކަން ފުލުހުންގެ މީޑިއާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.