English Edition
Dhivehi Edition

މިދިޔަ އަންގާރަ ދުވަހު އައްޑޫސިޓީ ހިތަދޫ ލިންކުރޯޑުގައި ހިނގި އެކްސިޑެންޓުގައި ޕިކަޕް ދުއްވަންއިން މީހާ ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާއިން މިރޭ ބުނިގޮތުގައި އުމުރުން 33 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އެމީހާ ހައްޔަރު ކުރުމަށްފަހު ޕިކަޕްވެސް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ އެކްސިޑެންޓުގައި ދެމީހަކަށް ވަރަށްބޮޑަށް އަނިޔާވެ ދެމީހުންނަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އެކަކުވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ގދ. ވާދޫ، ނެސްޓް، އަރުޝަމް އިބްރާހީމެވެ. އޭނާގެ އުމުރަކީ 13 އަހަރެވެ. ވާދޫ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުން އައި އަރުޝަމް އައްޑުއަށް އައީ ޗުއްޓީއަށެވެ.

އެ އެކުސިޑެންޓުގައި ދެން އަނިޔާވީ ސ. މަރަދޫ، ހިރުނދު ގަސްދޮށުގޭ، ހުސައިން އަނަސްއެވެ. އޭނާގެ އުމުރަކީ 21 އަހަރެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު އޭނާވަނީ މާލޭ ފޮނުވައިފައެވެ. އެ އެކްސިޑެންޓުގައި އޭނާގެ ދެފައި ބިނދި ޅިނދުކައްޓަށްވެސް ވަނީ ގެއްލުން ވެފައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި އަނަސްއާއި އަރުޝަމް ދުއްވި ސައިކަލުގައި ޖެހިފައިވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ޕިކަޕެކެވެ. ޕޮލިސް މީޑިއާއިން ބުނީ މި ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ އެއްބާރުލުންވެސް ހުރިހާ ފަރާތްތަކުން ލިބެމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ދެ އުޅަނދުވެސް އެއްކޮޅަކަށް ދުއްވާފައިދަނިކޮށް ޕިކަޕް ސައިކަލުގައި ޖެހިގެންނެވެ.