English Edition
Dhivehi Edition

ރާއްޖޭގައި މިހާރު ބޭނުންކުރަމުން ގެންދާ ރުފިޔާގެ ތެރެއިން، 2017 ވަނަ އަހަރުގެ މޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 5 (ފަހެއް) ރުފިޔާގެ ކަރުދާހު ނޫޓުތަކަކީ، ފެށޭއަހަރުގެ ޖަނަވަރީ މަހުގެ 1 ވާ ހޯމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫންކަމުގައި ރައީސް މިއަދު ކަނޑައަޅުއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިގޮތަށް ކަނޑައެޅުއްވީ، ގާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށްވެސް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

އެ ނޫޓުތައް، ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރަކަށް ބަދަލުކުރުމަށްޓަކައި، 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅާ ފަރާތްތަކަށް، ހުށަހަޅާ ނޫޓުގެ ނުވަތަ ނޫޓުތަކުގެ ސިއްކައިގެ އަގު، އެ އޮތޯރިޓީން ލިބިދޭގޮތަށްވެސް ރައީސް ވަނީ ހަމަޖައްސަވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.