English Edition
Dhivehi Edition

ހއ. އިހަވަންދޫގައި ހިންގާ މިފްކޯގެ އައިސްޕްލާންޓުގައި މަރާލައިފައި އޮއްވާ ފެނުނު އިސްމާއީލް އުމަރުގެ އާއިލާގެ މީހުން އިހަވަންދުއަށް ހިނގައްޖެއެވެ. އެމީހުން އެރަށަށް ގޮސްފައިވަނީ މިރޭ 2:00 އެހައިކަންހާއިރު ހަނިމާދޫ މަގުންނެވެ. އާއިލާގެ މީހުންނާއެކު މިފްކޯގެ ބައެއް މީހުންވެސް އެރަށަށް ދިޔައެވެ. އިސްމާއީލްގެ އާއިލާގެ މީހުން އެރަށަށް ދިޔުމުގެ ކަންކަން ހަމަޖައްސައިދިނީ މިފްކޯއިންނެވެ. އާއިލާގެ ހައެއްކަ މެންބަރުން އެރަށަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިސްމާއީލް އުމަރަކީ ޅ. ހިންނަވަރު އަތިރީގޭ މީހެކެވެ. އޭނާއަކީ އިހަވަންދޫ އައިސްޕްލާންޓުގެ މެކޭނިކެކެވެ. އެތަނާ ހަވާލުވެ ހުރީވެސް އޭނާއެވެ. އާއިލާ މީހުންނަށް އަދި އިސްމާއީލްގެ ހަށިގަނޑު ނުދައްކައެވެ. އެމީހުންނަށް ހަށިގަނޑު ދައްކާނީ މާލެއިން އިހަވަންދުއަށްދާ ޑޮކްޓަރަކު ގޮސް ހަށިގަނޑު ބެލުމަށްފަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޑޮކްޓަރުވީ އެރަށަށް ދިޔުމުގެ މަގުމަތީގައެވެ. އިސްމާއީލްގެ ހަށިގަނޑު މިހާރިވީ އެރަށު ސިއްހީ މަރުކަޒުގައެވެ. އިސްމާއީލަކީ އަންބެއް އަދި ދަރިއެއް ހުންނަ މީހެއް ނޫނެނެވެ. އޭނާއަށް ލިބުނު ދެ ކުދިންވެސްވަނީ މަރުވެފައި ކަމަށްވެއެވެ. އިސްމާއީލް މަރާލި މައްސަލައާ ގުޅިގެން ފުލުހުންވަނީ ބަންގްލަދޭޝްގެ މީހަކު ހައްޔަރު ކޮށްފައެވެ. އިސްމާއީލް މަރާލައިފައި އޮއްވައި ފެނިފައިވަނީ އިއްޔެ ހަވީރު 4:30 އެހައިކަންހާއިރުއެވެ.