English Edition
Dhivehi Edition

އަފްރާޝީމްގެ މަރާއެކު އިސްލާމީ ޝަރީއަތް ގައިމުކުރުމަށް ހަރު އަޑުން ގިނަ ބަޔަކު ގޮވަމުން ދިޔަ އިރު އޭރުގެ ސަރުކާރުން ބުނެފައިވަނީ މަރުގެ ހަގީގަތް ހޯދުމަށް ނުފޮރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާނެކަމުގައެވެ. ގާނޫނީ ވަކީލަކާ މަޖިލީސް މެމްބަރެއްގެ މަރާއެކު ގިނަ ރައްޔަތުން އުއްމީދުކުރީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމުވެ މީހުން މެރުމުގެ ސިލްސިލާއަށް ނިމުމެއް އަންނާނެކަމަށެވެ

އެހެން ނަމަވެސް 2013 ވަނަ އަހަރު ނިމިގެން ދިޔައީ މި މައްސަލައަށް ހައްލެއް ނުލިބި 3 މީހުންގެ މަރާއެކުގައެވެ. 2013 ވަނަ އަހަރު މުހައްމަދު ހުސެއިން މަރާލާފައިވާއިރު އެ އަހަރު 15 ޖުލައި ގައި އިސްމާއިލް ނިޒާރު މަރާލާފައިވަނީ އޭނަގެ ކޮއްކޮ ކަމަށް ހީކޮށެވެ. އަހަރު ނިމިގެން ދިޔައީ ހުސެއިން ވަހީދު ނަމަކަށް ކިޔާ ޒުވާނެއްގެ މަރާއެކުގައެވެ

2014 ވަނަ އަހަރަކީ ގުރޫޕް މާރާމޭރީތަކުގައި ގިނަ ބަޔަކު މަރަލާފައިވާ އަހަރެކެވެ. މި ގޮތުން އަޑިޕާކު ސަރަހައްދުގައި ހިނގި ގުރޫޕް ހަމަނުޖެހުމެއްގެ ތެރޭގައި މުހައްމަދު މާޒިން މަރާލާފައިވާއިރު މަސްއޮޑިގޭގައި ފިލާފައި އޮއްވާ ހަތަރު މީހުންގެ ގުރޫޕަކުން ހަމަލާދިނުމުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދަނިކޮށް އަހްމަދު މަފާޒު މަރުވެފައިވަނީ، އަލޯރާ ފަރްނީޗާ ކައިރިން އޭނާ އަތުލުމަށްފަހު ދިން ހަމަލާތަކަށް ފަހުގައެވެ. މީގެ އިތުރުން ސްމާޓް މޯބައިލް ކައިރިން އަހްމަދު އަސީލްއަށް ދިން ހަމަލާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައިވަނީ އައިޗީއެމް ހޮސްޕިޓަލަށެވެ. 2014 ވަނަ އަހަރު އުމުރުން 79 އަހަރުގެ އަލީ ރަޝީދު މަރާލާފައިވާއިރު އެ އަހަރު އަލީ ޝިހާމް ކިޔާ ޒުވާނަކުވެސް ވަނީ މަރާލާފައެވެ

2015 ވަނަ އަހަރަކީ މީހުން މެރުން އިރުތުވެގެން ދިޔަ އަހަރެކެވެ. އެ އަހަރު ޖުމްލަ 9 މީހުން މަރާލާފައިވާއިރު ތުއްތު ކުއްޖަކުވެސް ވަނީ މަރާލާފައެވެ.28 ޖެނުއަރީއަށް އަލިވިލިގެން އައީ މަންމައެއްގެ އަނިޔާވެރިކަމުން މަރުވެފައިވާ އުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލުގެ ހަބަރާއެކުގައެވެ. އެތައް އަނިޔާއެއް ދިނުމަށްފަހު މަރާލާފައިވާ އިބްތިހާލުގެ ހަބަރާއެކު އަނެއްކާވެސް ދިވެހިން ތެޅިގަތީ އިންސާފަށް ގޮވަމުންނެވެ.ސޯޝަލް މީޑިއާގައި ހިއުމަން ރައިޓްސް އާއި ޖެންޑާއަށް ފާޑުކިޔުންތައް ބަންޑުންވަމުން ދިޔައެވެ. އިސްލާމީ ޝަރީއަތް ގާއިމުކުރުމަށް ހަރު އަޑު ގޮވަމުން ދިޔަ ނަމަވެސް ޖެހިގެން އައި ފެބްރުއަރީ މަހު އަނެއްކާވެސް އިތުރު މީހަކު ވަނީ މަރާލާފައެވެ.ހ.ހަންޑްރަޑް ފަލާވާ ކައިރީގައި އިން ޖައިލަމް އަހަމްދު ޝަކިރުއަށް 8 އިންޗީގެ ވަޅިއަކުން ދިން ހަމަލާތަކަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. މާޗް މަހު ހަތަރު މީހުން މަރާލާފައިވާއިރު އަލީ ޒިޔަދަމް މަރާލާފައިވަނީ ހަށިގަނޑުގެ ހަތަރުތަނަކަށް ވަޅިން ހަމަލާދިނުމަށްފަހުގައެވެ. މީގެ އިތުރުން ޅިޔަނުކެފޭ ކައިރިން ޝާހީން މިޔާ މަރާލާފައިވާއިރު ބިލާލު މަރާލާފައިވަނީ އޭނާއަށް ގިނަ އަނިޔާތަކެއް ކުރުމަށްފަހުގައެވެ. މީގެ އިތުރުން 29 މާޗްގައި ނޫރު ހަސަން އާދަންފުޅު މަރާލާފައިވާއިރު ބާދްޝާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ތެރެއިންނެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުސެއިން ޝާރިއުއަށް ދިން ހަމަލާތަކުގައި މަރުވެފައިވާއިރު ނަމާދުން ފައިބައިގެން ދަނިކޮށް ރ.އުގޫފާރު އިސްމާއިލް އަބްދުއްﷲ މަރާލާފައިވަނީ މޭމައްޗައް ވަޅިން ހަމަލާދިނުމަށްފަހުގައެވެ

2016 ވަނަ އަހަރު ޖެނުއަރީ 7ވަނަ ދުވަހު ހައްވާ ޒުހާ ފެނިފައިވަނީ މަރާލުމަށްފަހު މަގުމައްޗައް އެއްލާލާފައި އޮއްވައެވެ. އިބްތިހާލުގެ މަރަށް އިންސާފު ނުލިބިގެން އުޅެނިކޮށް އަނެއްކާވެސް އުމުރުން 4 އަހަރުގެ ޝައިހާ މަރާލުންވެގެން ދިޔައީ ގިނަ ދިވެހިންނަށް ސިހުމެއް ގެނުވި ކަމަކަށެވެ. 2 މާޗް 2016 ގައި ވިޔަފާރިވެރިޔާ އަލީ އަބްދުއްﷲ މަރާލާފައިވަނީ ގިނަ ފައިސާތައް ފޭރުމަށް ފަހުގައެވެ. ހަމަލާދިނުމަށްފަހު އައިޗީއެމްއެޗް ކައިރިއަށް އެއްލާލާފައި އޮއްވާ ނާޝިދު މޫސާ ފެނިފައިވައިވާއިރު މަރުވެފައިވަނީ ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށެވެ. 4 ޖޫންގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ފާތިރު މުހައްމަދު މަރުވެފައިވާއިރު، ހަތަރު މީހުންގެ ގުރޫޕަކުން ދިން ހަމަލާތަކުގައި އަހްމަދު އިރްޝާމް ހިލްމީ މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށް އައިޗީއެމްއެޗަށެވެ

މަރުގެ ގިނަ އިންޒާރުތަކަށްފަހު ޔާމީން ރަޝީދު މަރާލާފައިވަނީ ވަޅިން ކަރުގެ 35 ތަނަކަށް ހަމަލާދިނުމަށްފަހުގައެވެ. ޔާމީންގެ މަރާއެކު ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުން ކެކި އިތުރިގަތް މަންޒަރު ފެނިގެން ދިޔައެވެ. އެހެންނަމަވެސް އިންސާފާ ޝަރީއަތުގެ ވާހަކަ ވަކި ހިސާބަކުން މަޑުޖެހިފައިވަނިކޮށް މިފްކޯ އައިސްޕަލާންޓްގައި މަސައްކަތްކުރަމުން ދިޔަ އިސްމާއިލް އުމަރުވަނީ މަރާލާފައެވެ. ލޮނުޒިޔާރްތަމަގު ޓާމިނަލް ކެފޭ ކައިރީގައި ހަމަލާދިން ނަދީމް އަބްދުއްﷲ މަރުވެފައިވަނީ އޭގެ ދެ ދުވަސްފަހުން ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށެވެ. ކަރަށާ މޭމައްޗަށް ދިން ހަމަލާތަކުގައި މުހައްމަދު އަނަސް މަރުވުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުންތައް ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެގެން ދިޔައެވެ. އަނަސްގެ މަރު ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކޮށް ދެއްކި ވާހަކަތަކާއެކު އެ މަރުވެސް ވެގެން ދިޔައީ ސިޔާސީ ހަތިޔާރަކަށެވެ. މީގެ އިތުރުން 19 އަހަރުގެ މޫސާ އަހްމަދު އާއި ހާރިސް އަބްދުލް ގަފޫރުގެ މަރާއެކު އަނެއްކާވެސް އިންސާފާ އިސްލާމީ ޝަރީއަތުގެ ވާހަކަ އަޑު ހަރުކޮށް ދެކެވެން ފެށިއެވެ

ކޮންމެ މަރަކާއެކުވެސް އިވިގެން ދަނީ މުޅިންވެސް އެއްވާހަކައެކެވެ. އިންސާފު ނުލިބޭ ވާހަކައެވެ. އިސްލާމީ ޝަރީއަތް ގައިމުކުރުމަށް ގޮވާލާ އަޑެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު މީ ‘ހުސްވާހަކަ’ އަށްވެ ނިމިގެންދަނީއެވެ. މީހެއްގެ މަރުގެ ހަބަރާއެކު ކެކި އުތުރިގެން އަންނަ ޝުއޫރުތައް ދެ ދުވަހުން ނިމި އެ ވާހަކަތައް ހަނދާންނެތިގެން ދަނީއެވެ. އަނެއްކާވެސް އަނެއް މަރާއެކު އެ ވާހަކަތައް ދެ ފަހަރަކު ދައްކާލުމަށްފަހު ނިންމާލަނީއެވެ

އިންސާފު ހޯދައިދޭން ތިބި ފަރާތްތަކުން އެކަން ކުރި ފަރާތްތައް ‘ކުށްވެރި’ކޮށްލުމުން ނިންމާލަނީއެވެ. މީހާގެ މަރަށް ފަސް ހަ އަހަރު ވެގެންދާއިރުވެސް އިންސާފު ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. އިސްލާމީ ޝަރީއަތް ގާއިމުކުރާ ވާހަކަ ދައްކާލުމަށްފަހު އަމަލީ މަސައްކަތެއް ނުފެނި ނިންމާލަނީއެވެ. އިންސާފު ހޯދައިދިނުމަށް ދައްކާ ވާހަކަ އަމަލުން ކުރާތަން ހަމަ ފެންނާނެ އެއްގޮތެއްވެސް ނެތެވެ. ކޮންމެ ކަމެއް ސިޔާސީކޮށް ބޮޑު ޕާޓީތަކުން އެއް ޕާޓީ އަނެއް ޕާޓީގެ ބޮލުގައި އިލްޒާމު އަޅުވައި ސިޔާސީ މަންފާ ނަގަމުންދާއިރު އިންސާފަށް އެދިއެދި ތިބި އަތައް އާއިލާއެއްގެ އިހްސާސްތަކާއި ކުޅެވެމުންދާކަން އެ ފަރާތްތަކަށް ނޭގެނީ ބާއެވެ؟ ނޫނީ ހަމަ އިންސާފު ހޯދުމަށް، ހޯދައިދިނުމަށް ތެދުވެރި ކަމާއެކު މަސައްކަތްކުރާނެ އެއްވެސް ބަޔަކު ނެތީބާ؟