English Edition
Dhivehi Edition

އިކުއެޓޯރިއަލް ބެޑުމިންޓަން ފިއެސްޓާ މާދަމާ ހެނދުނު އައްޑޫސިޓީ ހިތަދޫ ޔޫތު ސެންޓަރުގައި ފަށާނެއެވެ.

ޑިސެމްބަރު 15 އިން 24 އަށް ކުރިއަށް ގެންދާ މި ފިއެސްޓާގައި ހިމެނެނީ ޖުމްލަ 4 އިވެންޓެވެ. އެއީ ޕެރަ-ބެޑްމިންޓަން، ވިމެން އިން ބެޑްމިންޓަން، ޝަޓަލް ޓައިމް، ލެވެލް އެކެއް ކޯޗިން އެވެ.

ހިތަދޫ ޔޫތު ސެންޓަރުގައި މާދަމާ އޮންނާނީ ޕެރަ-ބެޑްމިންޓަންއެވެ. ޕެރަ-ބެޑުމިންޓަންއަކީ ދިވެހިރާއްޖެއަށްވެސް އަދި އޭޝިއާއަށްވެސް ވަރަށް އައު ކުޅިވަރެކެވެ. “ދިވެހިރާއްޖެއަށް މުޅިން އަލަށް ޕެރަ-ބެޑުމިންޓަން ކޯޗިންއާއި، އިންޓްރޮޑަކްޝަންއާއި، ކުލެސިފިކޭޝަނާއެއްކޮށް މިތައާރަފްކުރަނީ އައްޑުއަތޮޅުގައި” މި ފެސްޓިވަލް އިންތިޒާމް ކުރުމުގައި އިސްވެ އުޅުއްވާ ބޭފުޅަކު ވިދާޅުވިއެވެ. ޕެރަ-ބެޑުމިންޓަންއަކީ ފިޒިކަލީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެކެވެ.

މިމަހު 16 ވަނަ ދުވަހު އޮންނާނީ ވިމެންއިން ބެޑުމިންޓަން އިވެންޓެވެ. އެ އިވެންޓް ކުރިއަށްދާނީ ތިން ސްޓޭޝަނެއްގައެވެ. އެއީ ހެނދުނު 8:00 އިން 10:00 އަށް ފުރަތަމަ ސެޝަން ކުރިއަށްދާނީ ހޮރައިޒަން އެކެޑަމީގައެވެ. މެންދުރުފަހު 3:30 އިން 6:00 އަށް ކުރިއަށްދާނީ ހިތަދޫ ޔޫތު ސެންޓަރުގައެވެ. ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށްދާނީ މަރަދޫފޭދޫ ޔޫތު ސެންޓަރުގައެވެ. މި އިވެންޓުގައި އަންހުންނަށްހުރި ފުރުސަތުތަކާއި ކުޅިވަރުގައި ނުވަތަ ބެޑުމިންޓަންގައި އަންހެނުން ބާރުވެރި ކުރުމަށް ކުރެވިދާނެ ކަންކަން ބުނެދެވޭނެއެވެ.

މިމަހު ސާތާރަވަނަ ދުވަހު ކުރިއަށްދާނީ ޝަޓަލް ޓައިމް އިވެންޓެވެ. އެއީ ބެޑްމިންޓަން ފަށައިގަންނަ މީހުންނާއި ކުދިންނަށް ޚާއްސަ އިވެންޓެވެ. އެ އިވެންޓު ކުރިއަށްދާނީ އެދުވަހު ހެނދުނު ހިތަދޫ ޔޫތުސެންޓަރުގައެވެ.

އަށާރަވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހަށް ކުރިއަށްދާނީ ލެވެލް އެކެއްގެ ކޯޗިން ޕްރޮގްރާމެވެ. މި އިވެންޓުގައި ބައިވެރިވެވޭނީ ކޮންމެވެސް ވަރަކަށް ކޯޗިންގެ ދާއިރާގައި އުޅެ ބެޑުމިންޓަން ބެކްރައުންޑެއް ހުރިމީހުންނަށެވެ. “އެއީ ފުދޭވަރެއްގެ ޓަފް ކޯހެއް. އޭގައިދާނެ ގްރޫޕްވޯކާއި، އަމިއްލައަށް ޕްރޮޖެކްޓު ހުށަހެޅުން ހިމެނޭނެ. އޭގައި ތިއަރީއާއި ޕްރެކްޓިކަލްވެސް ހިމެނޭނެ. އެއީ އޯލްއިން ވަން ސެޝަނެއް،” އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

މި ކޯސް ފުރިހަމަކުރާ މީހުންނަށް ބެޑުމެންޓަން ވޯލްޑް ފެޑެރޭޝަނުން ލެވެލް އެއްކެއްގެ ކޯޗިން ލައިސަންސެއް ލިބޭނެއެވެ. މި ކޯހުގައި ބައިވެރިވުމުގެ ކުރިން ޝަޓަލް ޓައިމްގައި ބައިވެރިވުމަށް ބާރު އަޅުއްވާ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

މި ފިއެސްޓާ ނުވަތަ މި ފެސްޓިވަލަކީ އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ޔޫތު ސެންޓަރާއި، މަރަދޫ ޔޫތު ސެންޓަރާއި، އައްޑޫ ބެޑްމިންޓަން ކުލަބާއި، ހޮރައިޒަން އެކަޑަމީގެ ޚާއްސަ އެހީއާއެކު ބާއްވާ ފެސްޓިވަލެކެވެ. އޭގެ އިތުރަށް މެޑުމެންޓަން އޭޝިއާ، ބެޑުމިންޓަލް ވޯލްޑް ފެޑެރޭޝަން، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ، އައިއޯސީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަންވެސް މި ފިއެސްޓާއަށް ލިބިފައިވާ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

މި ފިއެސްޓާ އައްޑޫގައި ބޭއްވުމުގެ މަގުސަދަކީ އައްޑޫގައިތިބި ބެޑުމިންޓަންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމެވެ. އައްޑުއަކީ މިހާރުވެސް ބެޑުމިންޓަންގެ ފޯރިވަރަށް އޮންނަ ސިޓީއެކެވެ.