English Edition
Dhivehi Edition

މިޞްރު ސަރުކާރުންނައި ތައިލެންޑު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން- ރެޒިޑެންޓް ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ވަކިވަކިން ބޭއްވި މި ދެ ރަސްމިއްޔާތުގައި މިސްރުގެ ސަފީރު ޙުސައިން އެލް ސަހަރޓީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޔާމީނަށް އެރުވުމަށްފަހު ރައީސްވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވައިފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަހަރަކީ ރާއްޖެއާއި މިޞްރާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 29 އަހަރު ފުރޭ އަހަރުކަމަށެވެ. އަދިވެސް ދެ ގައުމުގެ ގާތް އެކުވެރި ގުޅުމަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ވަރަށް އަހައްމިއްޔަތުކަން ދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މިޞްރުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ދެއްވާ ކަމަށެވެ. އަދި އަލް-އަޒްހަރު ޔުނިވަރސިޓީއިން ގިނަ އަދަދެއްގެ ދިވެހިން ތަޢުލީމު ހާސިލުކުރަމުންދާކަމަށް ވިދާޅުވިއެވެ. އަލް-އަޒްހަރު ޔުނިވަރސިޓީއިން ކިޔަވަން ޝައުގުވެރިވާ ދިވެހި ޒުވާނުން އިތުރުވަމުންދާތީ ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕް ފުރުޞަތު އިތުރުކޮށްދެއްވުމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި، 2019 އިން 2020 ވަނަ އަހަރަށް، އ.ދ. ގެ ސެކިއުރިޓީ ކައުންސިލުގެ ނޮން ޕަރމަނަންޓް މެމްބަރަކަށް ވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގައި އެއްބާރުލެއްވުން ދެއްވުމަށް މިޞްރުގެ އާ ސަފީރުގެ އަރިހުން އެދިވަޑައިގެންނެވިވެ. އެމަނިކުފާނު ވިދާޅުވީ އ.ދ.ގެ ހުރިހާ ގުނަވަނެއްގައިވެސް މަސައްކަތްކުރުމުގެ ހަމަހަމަ ފުރުޞަތު ކޮންމެ ޤައުމަކަށްވެސް އޮންނަންޖެހޭ ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދުނިޔެ ހޫނުވަމުންދާ މައްސަލަ ފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިޞްރުގެ އާ ސަފީރު ވަނީ އެގައުމުގެ ރައީސާއި، ބޮޑުވަޒީރުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކޮށްދެއްވާފައެވެ. އަދި، މިޞްރުގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ޗުލާމަނީ ޝާރޓްސުވޭން ވެސް މިއަދުވަނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ތައިލެންޑުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށްވެސް ތަހުނިޔާ ވިދާޅުވެ މަރުހަބާ ދެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯރނަށާއި، ބޮޑުވަޒީރު ޕްރަޔުތު ޗާން އޮޗާއަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި، ތައިލޭންޑާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އިސްކަންދެއްވާކަން ރައީސުޖްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރު ކުރެއްވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ
.
މި ބައްދަލުކުރެއްވުމުގައި ތައިލެންޑްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝައުޤުވެރިކަން ފާޅުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެރުވިއެވެ.

މި ދެ ބައްދަލުކުރެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޑޮކްޓަރ މުޙައްމަދު އާސިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.