English Edition
Dhivehi Edition

ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީޕާޓީ (ޖޭޕީ) އަށް މިއަދު ސޮއި ކުރައްވައިފިއެވެ.

އޭނާ އެޕާޓީއަށް ސޮއިކުރެއްވީ ޕީޕީއެމުން ވަކިކުރެއްވުމަށްފަހު އެއްވެސް ޕާޓީއަކާ ނުގުޅި ދުވަސްކޮޅަކު ހުންނެވުމަށްފަހުއެވެ. އުމަރު ކުރިންވަނީ ހަފްތާގައި ޖޭޕީއަށް ސޮއިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އުމަރު ޖޭޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖޭޕީގެ މައިޖަގަހަ މ.ކުނޫޒުގައި ހުންނަ “ޖުމްހޫރީ މާލަން” ގައެވެ.

ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު އުމަރު ވަނީ އޭނާގެ މެންބަރޝިޕް ފޯމު ޖޭޕީ ހިންގެވުމާ ހަވާލުވެ ހުންނެވި އެޕާޓީގެ ނާއިބު ލީޑަރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންނަރު އަބްދުﷲ ރިޔާޒާ ހަވާލު ކުރައްވައިފައެވެ.

އުމަރު ވިދާޅުވެފައިވަނީ ޖޭޕީއަށް ސޮއިކުރެއްވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް އެހީތެރިވެދެއްވުމަށް ކަމަށެވެ. އުމަރަކީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވި ބޭފުޅާއެވެ.

އުމަރު ވިދާޅުވީ އޭނާ ޖޭޕީއަށް ސޮއިކުރެއްވީ ވެރިކަން ބޭނުންފުޅުވެގެން ނޫން ކަމަށެވެ. އޭނާ މަސައްކަތް ކުރައްވާނީ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވާދަކުރެވޭގޮތް ހެއްދެވުމަށް ކަމަށެވެ. އެކަން އެގޮތަށް ނުވެއްޖެނަމަ ޖޭޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.