English Edition
Dhivehi Edition

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބަހައްޓާ ދެޖެނެރޭޓަރު މެއިން ނެޓްވޯކާ ގުޅުމަށްޓަކައި ހޮނިހިރު ދުވަހު ގަމުން ފެށިގެން ހިތަދުއާ ދެމެދު ހުރިހާ ހިސާބަކުން ކަރަންޓް ކަނޑައިލާނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނެފައިވަނީ އެ މަސައްކަތަށް 3 ގަޑިއިރަށް ކަރަންޓު ކަނޑާލަންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކަރަންޓު ނޯންނަ ވަގުތުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިކަމަށްޓަކައި މައާފަށް އެދޭ ކަމަށްވެސް އެ ކުފުނިން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ އެދުވަހު ހެނދުނު 10 އިން މެންދުރުފަހު 1:00 އަށެވެ. “އެވަގުތުގައި ގަމުން ފެށިގެން ހިތަދުއާ ދެމެދުގެ އެއްވެސް ތަނެއްގައި ކަރަންޓް ނޯންނާނެ،” ފެނަކައިން ބުނެފައިވެއެވެ.

އައްޑޫގައި މިފަހަރު މިބަހައްޓަނީ ދެ މެގަވޮޓުގެ 2 އިންޖީނެވެ. އެ ދެއިންޖީނުން ޚިދުމަތްދޭން ފެށުމުން ލޯޑުބޮޑުވެގެން ކަރަންޓު ކަނޑައިލާކަށް ނުޖެހޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވަނީ ވިދާޅުވެފައެވެ.
ފެނަކައިން ކުރިން ލަފާކޮށްފައިވަނީ އާ ޖެނެރޭޓަރުތައް އިންސްޓޯލް ކުރުމަށްފަހު މިހިނގާ ޑިސެމްބަރުމަހު 10 ވަނަ ދުވަހު ޚިދުމަތްދެވޭނެ ކަމަށެވެ.