English Edition
Dhivehi Edition

އައްޑޫސިޓީގެ ހުޅުދޫ ” ކޯނަރޕާކް” ކެފޭ ހިންގި އިމާރާތް ކުއްޔަށް ދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

މި އިމާރާތް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާ ތަން ހަވާލުކުރާ ގޮތަށެވެ.

މި އިމާރާތަކީ ރެސްޓޯރެންޓެއްގެ ގޮތުގައި ކުރިން ހުޅުދޫ އަންހެނުންގެ ކޮމިޓީގެ ނަމުގައި ހިންގާފައިވާ ތަނެކެވެ.

މި އިމާރާތް ކުއްޔަށް ދިނުމާގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން އިއްޔެ އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިތަނުގައި ކުރަންޖެހޭ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށް، މިތަނުގައި ކެފޭއެއް ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިތަން ބެއްލެވުމަށްފަހު ޕްރޮޕޯސަލް އެ އިދާރާއަށް ހުށަހެޅުއްވުން އެދޭކަމަށެވެ. އަދި އިމާރާތް ކުއްޔަށް ހިފާ ފަރާތުން އެ ތަނާއި ގުޅިފައިވާ ކުޑަކުދިންގެ ޕާކް ބަލަހައްޓައި އެތަން މަރާމާތުކޮށް އަދި ސާފުތާހިރުކޮށް ހަދަން ވާނެކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ކުއްޔަށް ހިފުމަށް ބޭނުންވާ މުއްދަތާއި، ކުލި އަދި ތަން ހިންގާނެގޮތުގެ ޕްލޭން ހިމަނާފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.