English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމުގައި ހިންގާ އީކުއޭޓަރ ވިލެޖްގެ އެންމެ މުހިއްމު އެއްބަޔަކީ އެތަނުގެ ވަށައިގެން އޮންނަ ބަގީޗާއާއި ތަނުގެ ފެހިކަން ކަމުގައި އެތަނަށް ޒިޔާރަތްކުރާ އެންމެން ގަބޫލުކުރާނެއެވެ. ވަކިން ޚާއްޞަކޮށް އެ ހޮޓަލުގެ މައި ދޮރާށިން ވަދެގެން އަންނައިރު ދެފަރާތުގައި އިންދާފައިވާ ރީތި ގަސްތަކާއި ގަސްތަކުގެ ތަރުތީބު ކަމާއި ވަށައިގެން އިންދާ ހައްދާފައި އޮންނަ ފެހި ވިނަގަނޑާއި އެތަނުގެ ސާފުކަމަކީ ގިނަ ބަޔަކު އެކަމަކަށް ތާރީފުކުރާ ކަންތައްތަކެެވެ. މިރީތި ކަމާއި ފެހިކަމަކީ އެތަނުގެ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފު ކަމުގައިވާ ސަރުދާރު މުޙައްމަދުގެ މުރާލިކަމުގެ ނަތީޖާއެވެ. ހަމައެއާއެކު ސަރުދާރު މުހައްމަދުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރާ ޓީމުގެ ހީވާގިކަމެވެ.

އައްޑޫސިޓީގެ ފޭދޫ ދަކަނދާގެ މުހައްމަދު އަލީ އާންމު ނަމުންނަމަ ސަރުދާރު މުޙައްމަދު، ޓޫރިޒަމް ދާއިރާގައި މަސައްކަތް ފެށީ އުމުރުން އެންމެ 16 އަަހަރުގައެވެ. ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެތަނުގައި ރޫމް ބޯއި އަކަށް މަސައްކަތް ކުރަން ލިބުނު ފުރުސަތާއެކު މި ދާއިރާއަށް ވަން މުހައްމަދުގެ އުމުރުން މިހާރު 65 އަހަރު ވަނީ ވެފައެވެ. އެހެންނަމަވެސް އަދިވެސް އޭނާގެ ޚިދުމަތަކަށް މަޑުޖެހުމެއް ނެތެވެ. ހިތްވަރަކަށް ބަދަލެއް ނާދެއެވެ. އެއީ އަދިވެސް ހަމަ ކުރީގައި ހެން ހީވާގި ކަމާއެކު މަސައްކަތް ކުރަމުން އައި މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖުގެ “ސަރުދާރު މުޙައްމަދެވެ”

“އެންމެ ފުރަތަމަ މިދާއިރާއަށް ވަނީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު. ގަމުން އިނިގިރޭސިން ފޭބުމުން ދެން ވަޒީފާ ގެއްލުނީ. އެހާ ހިސާބުން އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށް ރަށް ދޫކޮށް ދާން މަޖުބޫރުވި” މުހައްމަދުގެ މަސައްކަތް ފެށިގެން އައީ މިހާ ހިސާބުންނެވެ.

ވަޒީފާއެއް ހޯދުމުގެ މަގުޞަދުގައި މާލެއަށް ހިޖުރަކުރި އައްޑޫގެ ގިނަ މީހުންގެ ތެރޭގައި އޭރު މުހައްމަދުވެސް ހިމެނިގެން ދިޔައެވެ. މުހައްމަދަށް ވަޒީފާއެއް ލިބުނީ ވިލިވަރު ބިޔާދޫންނެވެ. އެތަނުގެ ފޯރމެން އެއްގެ ވަޒީފާގައި މުޙައްމަދު ހުރީ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓް، އޯޝަންރީފް ހުޅުވުމާ ހަމައަށެވެ.

“އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި. ދިރިއުޅެން ބޭނުންވީ އަމިއްލަ ރަށުގައި. އެހެންވެ ފުރުސަތު ފަހިވުމާއެކު ރަށަށް ބަދަލުވީ. އޭރު ފީނެކްސް އިން އޯޝަންރީފް ހިންގަމުން އައީ. އޯޝަންރީފްއިން ވެސް ފޯރމެންގެ ވަޒީފާ ހަމަޖެހިގެން ދިޔަ” މުހައްމަދު ކިޔައިދިނެވެ.

ފީނެކްސް އަދި ކްރެސްވޯލްޑް އިން އޯޝަންރީފް ހިންގި ދުވަސްވަރުން ފެށިގެން މިހާރު އީކުއޭޓަރ ވިލެޖުގެ ނަމަށް ބަދަލުވުމާ ހަމައަށް ވެސް މެދުނުކެނޑި މުހައްމަދު ވަނީ މިތަނަށް ޚިދުމަށް ކޮށްދީފައެވެ. ސަރުދާރެއްގެ ގޮތުން އޭނާގެ ޓީމު ގޮވައިގެން ހިންގުންތެރިކަމާއެކު ކުރާ މަސައްކަތް ތަނުގެ މެނޭޖްމަންޓުން ވެސް ބަލައިގަންނަނީ އުފަލާއެކުގައެވެ.

“ސަރުދާރު މުހައްމަދަކީ ވަރަށް ހިންގުންތެރި މީހެއް. ކަމެއް ހަވާލުކޮށްގެން އެކަމެއް ނުވާނެއޭ ދުވަހަކުވެސް ނުބުނާނެ. އަދި އެމަސައްކަތް ނިންމާނެ ގަޑި ކަނޑައަޅައި ބުނެ އެގަޑިއަކަށް މަސައްކަތް ނިންމުމަށް ވެސް ސަމާލުކަން ދޭނެ” އީކުއޭޓަރ ވިލެޖްގެ މިހާރުގެ މެނޭޖަރ މުހައްމަދު ވަހީދު ކިޔައިދެއްވިއެވެ.

ފޭދޫ ޑީއެންސީގެ ދުވަސްވަރު ފުޓްބޯޅަ އާއި ވޮލީގައިވެސް ފާހަގަކުރެވޭ ފަދަ މޮޅު ކުޅުމެއް ދައްކާފައިވާ މުހައްމަދު، ހަމައެކަނި އީކުއޭޓަރ ވިލެޖްގައި ވަޒީފާ އަދާކުރާތާވެސް މިހާރު 25 އަހަރު ވަނީ ވެފައެވެ. އެއީ އޯޝަންރީފްގެ ނަމުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތިއެވެ. މުހައްމަދުގެ މަސައްކަތުގެ ތެރޭގައި އޭނާގެ ޓީމު ގޮވައިގެން ތަން ސާފުކޮށް ބެލެެހެއްޓުމާއެކު ތަނުގެ ފެހިކަން އިތުރުކޮށްދީ ބަގީޗާ ބެލެހެއްޓުން ހިމެނެއެވެ.

އުމުރުން 65 އަހަރު ވީއިރު މިދާއިރާގައި މުހައްމަދަށް ކުރެވިފައިވާ ތަޖުރިބާތައް ގިނައެވެ. ތަފާތު ގިނަ މެނޭޖްމަންޓުގެ ދަށުން މަސައްކަތް ކޮށްފައިވާ މުހައްމަދު ބުނީ އީކުއޭޓަރ ވިލެޖްގެ މިހާރުގެ މެނޭޖްމަންޓާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް މިހާރު އެތަނުން ހޯދާ ކާމިޔާބީ ތަކަކީ ތަނުގެ ހުރިހާ މުވައްޒަފުން އެކަމަށްޓަކައި ނުހަނު އުފާކުރާ ކަމެއް ކަމަށެވެ.

“އީކުއޭޓަރ ވިލެޖްގައި ބޭއްވި ސަޓާ އެވޯޑްގެ ދުވަސްވަރަކީ އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ދުވަސްވަރު. ތަނުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރީ ކުރާހިތުން. ތަނަށް ލިބޭ މިފަދަ ކާމިޔާބީ އަކީ މުވައްޒަފުންނަށް ވެސް ލިބޭ ކާމިޔާބީ. ސަޓާ އެވޯޑާއެކު އީކުއޭޓަރ ވިލެޖް މިވަނީ ގިނަ ބަޔަކަށް އެނގިފައި. އެފަދަ ކަންކަން މިތަނުގައި ބޭއްވޭ ގޮތް ވުން އެއީ ވަރަށް އުފާވި ކަމެއް” މުހައްމަދު ކިޔައިދިނެވެ.

އުމުރުން ދުވަސްވިޔަސް މުހަައްމަދުގެ ހިތްވަރު އަދިވެސް ބައްޔެއް ނުވެއެވެ. މިހާރުވެސް އޭނާ ކުރާ މަސައްކަތް ކުރެވޭ ވަރަށް ހަށިގަނޑުގައި ވަރު އެބަހުއްޓެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް މުހައްމަދު ބޭނުންވަނީ އޭނަގެ ފަރާތުން އަމިއްލަ އަތޮޅަށް ޚިދުމަތް ކޮށް ދިނުމަށެވެ. ވަކިން ޚާއްޞަކޮށް އީކުއޭޓަރ ވިލެޖަށެވެ!