English Edition
Dhivehi Edition

ސްކޫލްތަކުގެ ކިޔެވުން ނިމި ގިނަ ބަޔަކު އަހަރީ ޗުއްޓީއަށް ފުރައިގެން ދާން ފަށައިފިއެވެ. އެގޮތުން ގިނަ ގެތައް ފަޅުވެފައި ވެއެވެ. މިދަނޑިވަޅުގެ ފައިދާ ނެގުމަށް ކުށުގެ މާހައުލުގައި އުޅޭ މީހުން ތައްޔާރުވަމުން ދެއެވެ.

ދަތުރަކަށް ނުވަތަ ޗުއްޓީއަށް ރަށުން ފުރައިގެންދާއިރު ކޮންމެހެން ކޮށްލަން ޖެހޭ ކަންތައްތައް ހުރެއެވެ. އެގޮތުން ޗުއްޓީ ނިންމާލައިފައި އަންނައިރު ދިރިއުޅޭ ގެ ސަލާމަތުން ހުރުމަކީ ކޮންމެ މީހެއްގެވެސް އުންމީދެވެ. މިކަން މިގޮތަށް ވުމަށްޓަކައި ދުރާލާ އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. އެގޮތުން ގޭގެ ސެކިއުރިޓީ ނިޒާމަށް ބަދަލުތައް ގެންނަން ޖެހެއެވެ.

ފުރުމުގެ ކުރިން ގޭގެ އިންވެންޓްރީއެއް ހަދާލުމަކީ ސްމާރޓް މީހުންގެ ގޮތެކެވެ. ގަހަނާއާއި، އިލެކްޓޯނިކްސް ސާމާންތަކާއި އެހެނިހެން އަގު ހުރި ތަކެތި ހިމެނޭ ގޮތަށެވެ. އެގޮތުން އިންވެންޓަރީ ހަދާއިރު އެތަކެތީގެ ތަފްސީލް އާއި ސިރިއަލް ނަންބަރ ޖެހުން ވަރަށް މުހިއްމެވެ. މިގޮތަށް އިންވެންޓަރީއެއް ހެދުމުގެ ސަބަބުން ގެއިން ގެއްޗެއް ގެއްލި ފަހުން އެއެއްޗެއް ފެނުނު ނަމަވެސް ދެނެގަތުމަށް ފަސޭހަ ވާނެއެވެ.

އޮޓަމެޓިކް ލައިޓް ހަރުކުރުކަމީވެސް ބުއްދިވެރި ކަމެކެވެ. އެގޮތުން ވަގި ގަޑިއަކަށް ނިވި ދިއްލޭ ގޮތަށް ލައިޓްގެ ސެޓިން ބެހެއްޓުމުން ގޭގައި މީހުން އުޅޭކަމަށް ހީވާނެއެވެ. އޭގެ ސަބަބުން ގެއަށް އައިސްދާނެ ހަމަލާއަކުން ވަރަށް ބޮޑަށް ގެ ސަލާމަތް ކުރެވިދާނެއެވެ. މީގެ އިތުރުން ގޭގައި ބޭނުން ނުކުރާ އިލެކްޓިކް ސާމާނުތައް ނިއްވާލުމުން ކަރަންޓް ބިލަށް ވެސް ލުޔެއް ލިބިދާނެއެވެ. އަދި ބޮކިތަކުގެ ހާލަތު ދެނެގަނެ އަވަހަށް އަނދާނެހެން ހީވާ ބޮކިތައް ބަދަލުކޮށްލާފައި ދަތުރަށް ފުރުން މުހިއްމެވެ.

ގިނަ މެއިލް އާއި ނޫސް އަންނަ ގެއެެއްނަމަ އެތަކެތި އެދުވަސްވަރު ނުފޮނުވުމަށް އެފަރާތެއް ކައިރީގައި އެދެވެވިދާނެއެވެ. ނުވަތަ އިތުބާރު ކުރެވޭ އަވައްޓެރިއެއްގެ ކައިރީގައި އެތަކެތި ނެގުމަށް ބުނެފައި ބާއްވާށެވެ. ގިނަ ދުވަސްތަކެއް ވަންދެން ނޫސްފަދަ ތަކެތި ނުނަގާ ގޭގެ ފެންޑާމުގައި ހުންނަނަމަ ގޭގައި މީހުން ނޫޅޭކަން އެހެން ފަރާތްތަކަށް އެނގިދާނެއެވެ. ގޭގެ ގޯތި ތެރެ ސާފުކޮށް ކުނިކެހުމަށްވެސް އަވެއްޓެރިޔާ ކައިރީގައި ބުނެފައި ބާއްވާށެވެ. އަދި އަވަހަށް ދިގުވާ ޒާތުގެ ގަސްތައްކޮށުމާއި، ގަސްތަކުގައި ހުންނަ މާތައް ބިނދެލުންވެސް މުހިއްމެވެ. މިގޮތަށް ކަންތައް ކުރުމުން ގޭގައި މީހުން އުޅޭހެން ހީވާނެއެވެ.

ޗުއްޓީ ދަތުރަށް ނައްޓާލުމުގެ ކުރިން ގޭގެ ވަށައިގެން އެއްފަހަރު ހިނގާލުން މުހިއްމެވެ. އެގޮތުން ހުރިހާ ކުޑަދޮރެއް ރަނގަޅަށް ތަޅުލާފައި ހުރިތޯ ޔަޤީން ކުރުމާއި، އާދަޔާ ޙިލާފު ފާހަގަ ކުރެވޭ އެއްވެސް ކަމެއް ހުރިތޯ ބަލާލުން ރަނގަޅެވެ. އަދި އެފަދަ ކަމެއް ހުރިނަމަ އަވައްޓެރިޔާ ކައިރީގައި ބުނެލާފައި ބޭއްވުން ވެސް މުހިއްމެވެ. ފުރުމުގެ ކުރިން ބޭކާރު އެއްވެސް އިލެކްޓޯނިކް އެއްޗެއް ކަރަންޓަށް ޖަހާފައި ހުރިތޯ ބަލާލާށެވެ. އެގޮތުން ތްރީޕިން ނުވަތަ ޓޮޕެއް ނަމަވެސް ސޮކެޓަށް ޖަހާފައި ނުބަހައްޓާށެވެ. މީގެ އިތުރުން އެންމެ ފަހުގެ ކަމަކަށް މޯޝަން ޑިޓެކްޓަރ ފަދަ ތަކެތި އެކްޑިވޭޓް ކޮށްލާފައި ހުރިތޯވެސް ޔަޤީން ކުރާށެވެ.

އުފާވެރި ޗުއްޓީ ދަތުރަކަށް ދިޔުމުގެ ކުރިން މިފަދަ ކަންކަން ތަރުތީބުކޮށްފިނަމަ ފަހުން ދެރަކަމެއް ވުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ ގެދޮރު ސަލާމަތުން ހުރުމަށެވެ. އެހެންކަމަށް ވާނަމަ ޗުޔއްޓީއަށް ދިޔުމުގެ ކުރިން ގޭގެ ސެކިއުރިޓީ ވަރުގަދަ ކުރާށެވެ.