English Edition
Dhivehi Edition

މިދުވަސްވަރު އަނެއްކާވެސް ރާއްޖޭގައި ތަފާތުވައްތަރުގެ ރޯގާތައް ފެތުރެން ފަށައިފިއެވެ. އެއީ އާންމުން ވަރަށްބޮޑަށް ސަމާލުވާންވީ ކަމެއް ކަމަށް ސިއްހީދާއިރާއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ. މިކަމާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ ރާއްޖޭގައި ތަފާތު ރޯގާތައް ފެތުރެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސްވައިންފުލޫވެސް ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެބަލި ފެތުރުމަކީވެސް ދުރުކަމެއް ނޫންކަމަށެވެ. އެހެންކަމުން ދުރާލައި އެބައްޔަށް ރައްކާތެރިވުމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ވަރަށްފަހުންވެސް ރާއްޖޭގެ އެކިސަރަހައްދުތަކަށް އެބަލި ފެތުރުނެވެ. އެހެންވީމާ މިއީ ވަރަށްސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ނަޖީބު ވިދާޅުވިއެވެ. ފަހަކަށް އައިސް އެންމެބޮޑަށް ރޯގާ ފެތުރިފައިވަނީ ތ. ހިރިލަންދޫގައެވެ. އެރަށުގައި ފެތުރުނީވެސް ސްވައިންފުލޫ ކަމަށް ލަފާކުރެވޭ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން އެރަށަށްދިޔަ ޓީމުންވަނީ ލަފާކޮށްފައެވެ. އެ ރޯގާއިން ރައްކާތެރިވުމަށް ކެއްސައި ކިނބިހި އަޅާއިރު ޓިޝޫފަދަ ވަސީލަތެއް ބޭނުން ކޮށްގެން އަނގަމަތި ނިވައި ކުރުމަށް ނަޖީބު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. ބޭނުންކުރި ޓިޝޫފަދަ ތަކެތި ރައްކާތެރި ކަމާއެކު ނައްތާލުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ. މިފަދަ ބަލިތަކުން ސަލާމަތްވުމަށް އާއްމު ސާފުތާހިރު ކަމަށް ސަމާލުކަން ދެއްވައި، ގިނަގިނައިން އަތްދޮވުމާއި ދިރިއުޅޭ މާހައުލު ސާފުކޮށް ބޭއްވުމަށްވެސް ހޮސްޕިޓަލުން އިލްތިމާސް ކުރެއްވިއެވެ.