English Edition
Dhivehi Edition
ޢަބްދުﷲ ފާރޫޤު ޙަސަން
އެބޭކަލުންގެ ޙިމާޔަތުގެ ޔަގީންކަން އަރުއްވައި މަދީނާއަށް ވަޑައިގަތުމުގެ ދަޢުވަތު އެރުއްވިއެވެ. މިއީ އިސްލާމްދީނަށާއި މުސްލިމުންނަށް ހިޔާވަހިކަމުގެ މަންޒިލެއް ލިބުމުގެ ފެށުމެވެ. މުސްލިމުންގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އާރާއި ބާރުގެ މަރުކަޒަކަށް މަދީނާ ހަމަޖެހިގެން ދިއުމުގެ ފެށުމެވެ. މައްކާގެ ޒަމާންވީ ޝަރަފާއި، ޢިއްޒަތާއި އިޖްތިމާޢީ މަތިވެރި މަގާމުބީވެ ދިއުމުގެ މުޤައްދިމާއެވެ.

ޙައްޤުގެ ދަޢުވަތު ފެތުރުމަށްޓަކައި މަދީނާގައި އެކަށޭނަ ވެއްޓެއް ޤާއިމްވުމާއެކު އަރަހުށި މާތްﷲ އެކަލާނގެ ނަބިއްޔާއަށް މަދީނާއަށް ގެމަށް ވޮޑިގަތުމުގެ ހުއްދަ ދެއްވިއެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ މިތުރު أبوبكر رضى الله عنه ގޮވައިގެން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليـه وســلّم އާއި، އެކަލޭގެފާނުގެ އެކުވެރީން މައްކާއިން ނެރެލުމަކީ ޖާހިލިއްޔަތުގެ ލީޑަރުންގެ ނަޒަރުގައި އިސްލާމްދީނާއި، މުސްލިމުން އަބަދަށްޓަކައި ބިކަކޮށްލުމެވެ. ނަމަވެސް މާގިނަދުވަސް ތަކެއްނުވެ އެބައިމީހުންނަށް ފެނުނީ އިސްލާމީ ތަޙްރީކުގެ ވަރުގަދަ ކިއްލާއަކަށް މަދީނާ ބަދަލުވެގެން ދިޔަތަނެވެ. އެރަށުގައި މުސްލިމުން ދައުލަތެއްގެ ބިންގާއަޅައި އިސްލާމީ މުޖްތަމަޢަކީ އެބައެއްގެ ކުރިބައްދައި ނުލެވޭފަދަ ފަންވަރާއި ބުންވަރު ހުރި ބާރަކަށް ހަދައިލި ތަނެވެ. ކައު ސާހިބާ صلّى الله عليـه وســلّم މަދީނާގެ މުސްލިމުންގެ މެދުގައި އުޚުއްވަތުގެ ބިންގާ އަޅުއްވައި އެކަތައިގެ ފަރުބަދައެއްފަދަ ބާރަކަށް ހައްދަވައި ލެއްވިއެވެ. ޔަހޫދީންނާއި އެނޫންވެސް ގަބީލާ ތަކާއެކު ސިޔާސީ މުއާހަދާ ތަކެއް ކުރައްވައި މަދީނާގެ އައު އިސްލާމީ ދައުލަތުގެ އާރާއިބާރު ވަކީން ވަރުގަދަ ކުރެއްވިއެވެ. މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅި އެދައުލަތް ތަރައްޤީ ވަމުން، އާރުލަމުން، ނުފޫޒު ގަދަވަމުން ދާތަން ދެކޭކަށެއް މައްކާގެ މުޝްރިކުންގެ ހިތްތަކަކަށް ފަސޭހައެއް ނުވިއެވެ. މަދީނާގައި މުނާފިޤުންނާއި ޔަހޫދީންނާ ގުޅިގެން އެދައުލަތުގެ ހީރަސްކަނޑައިލެވޭތޯ މަސައްކަތް ފެށިއެވެ. މުސްލިމުންނަށް އިންޒާރުކޮށް ބިރުގަންނަވަން މަސައްކަތްކުރިއެވެ. މަދީނާގެ އިސްލާމީ އާދައުލަތުގެ ސަރަހައްދަށް އަސްކަރީ ހަމަލަތައް އަމާޒު ކުރާން ފެށިއެވެ. ހަމައެއާއެކު މުސްލިމުންގެ ކުރިމަތީގައި މަސްޖިދުލްޙަރާމްގެ ދޮރުކޮޅުތައް ބަންދުކޮށްލިއެވެ. މަދީނާގެ އަންޞާރުންގެ ޒަޢީމެއްކަމުގައިވާ ސަޢުދު ބިން މުޢާޛު رضى الله عنه ޢުމުރާއަށް މައްކާއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އަބޫޖަހުލު އެކަލޭގެފާނާ ބައްދަލުވުމުން މަދީނާގެ މުސްލިމުންނަށް މަސްޖިދުލްޙަރާމްގެ ދޮރުކޮޅުތައް ބަންދު ކޮށްލާނެކަމަށް ވަނީ އިންޒާރުކޮށްފައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليـه وســلّم އެހައިތަނުން އިސްލާމީ ދައުލަތުގެ އަސްކަރީ ބާރެއް އުފައްދަވައި އެބާރު އިންތިޒާމް ކުރައްވަން ފެއްޓެވިއެވެ. މަދީނާގެ އިސްލާމީ ދައުލަތުގެ ސަރަހައްދު ރައްކާތެރި ކުރެއްވުމަށާއި ވަށައިގެންވާ ސަރަހައްދުގައި ދުޝްމިނުން ހިންގާ ޙަރަކާތްތަކުގެ ޚަބަރު ހޯއްދެވުމަށް ބުރުޖަހާ އަސްކަރީ ގެމަތައް ފޮނުއްވާން ފެއްޓެވިއެވެ. ނަތީޖާއަކަށްވީ ޤުރައިސުންގެ ހިތްތަކުގައި ބިރުވެރިކަމުގެ ރަނގަބީލު ޖެހެން ފެށުމެވެ. އެބައިމީހުންގެ ވިޔަފާރިއަށް ނުރައްކާވެއްޖެކަން އިހުސާސްވުމެވެ. ޤުރައިޝުންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތަކީ ވިޔަފާރިއެވެ. މަދީނާ އޮތީ އެބައިމީހުން ޝާމުކަރަޔަށް ކުރާ ވިޔަފާރި ދަތުރުތަކުގެ މަގުމަތީގައެވެ. އެހެންކަމުން އެބައިމީހުންގެ ވިޔަފާރިޔަށް ހުރަސް އެޅުމަކީ މަދީނާގެ ސަރުކާރަށް ދާދި ފަސޭހަކަމެއްކަން ވިސްނުނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليـه وســلّم އާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީން މައްކާގައި ތިއްބެވިއިރު މުޝްރިކުންގެ ވަކިދަށުގައި ތިއްބެވިއެއްކަމަކު ހިޖުރަޔަށް ފަހު އެބޭކަލުން ވަނީ ޤުރައިޝުންގެ ވަކިތަކުން ސަލާމަތްވެ ވަޑައި ގެންފައެވެ. މައްކީ ދައުރުގައި އިތުރު ސާހިބާއަކީ ހަމައެކަނި އިސްލާމީ ދަޢުވަތުގެ ދާޢީ އެވެ. ނަމަވެސް މަދީނާށް ވަޑައިގަތުމަށް ފަހު އެކަލޭގެފާނަކީ މަދީނާގެ ދައުލަތުގެ އިސްވެރިޔާއެވެ. މައްކީ ދައުރުގައި އެކަލޭގެ ފާނަކީ އަނިޔާލިބިވަޑައިގަންނަވަމުން ދިޔަ ބޭކަލެކެވެ. އޭރު އެކަލޭގެފާނުގެ ގޮތްކޮޅަކީ އަނިޔާވެރިކަން ބަރުދާސްތު ކުރެއްވުމެވެ. ނަމަވެސް މަދީނާގައި އެކަލޭގެފާނު ހުންނެވީ އަނިޔާވެރި އަތްތައް ބިންދައި ލެއްވުމުގެ ބާރުލިބިވަޑައިގެންނެވެ. ޙައްޤުގެ ދަޢުވަތަށް ހުރަސްއެޅުމުގެ ގޮތުން އިތުރު ސާހިބާއަށާއި މުސްލިމުންނަށް ޤުރައިޝުން ކޮށްފައިވާ އަނިޔާތަކާއި އިތުރު ސާހިބާ ޝަހީދުކޮށްލަން ރޭވި ރޭވުމުގެ ސަބަބުން އެބައިމީހުންގެ ލޭއޮހޮރުވުމުގެ މިޒާޖުވަނީ ފަރުދާއިން ބޭރުވެފައެވެ. މަދީނާގެ އިސްލާމީ ދައުލަތާ ދެކޮޅަށް ހިންގާންފެށި މުއާމަރާތަކުގެ ސަބަބުން އެއުރެންނަށް ނިކުމެވިފައިވަނީ އަސްކަރީ ކުރިމަތިލުމެއް ނުހިނގައި ފަރުނުޖެހޭނެ މަގެއްގެ މައްޗަށެވެ. ކައު ސާހިބާ صلّى الله عليـه وســلّم އިންސާނިއްޔަތުގެ އާދައުރެއް ބިނާ ކުރެއްވުމަށްޓަކައި މަދީނާއަށް ޖަމާކުރެއްވި މަދުމީސްކޮޅު ސުންނާފަތިވާން ދޫކޮށްލެއްވުމަކީ އެކަލޭގެފާނު ތޭރަ އަހަރުވަންދެން ރޭދުވާ އެއްކޮށްލައްވައިގެން ކުރެއްވި ބުރަ މަސައްކަތްޕުޅު ވެއްޔާމޮޑެވެން ދޫކޮށްލެއްވުމެވެ. އެމީސްކޮޅުގެ މައްޗަށް ބިނާކުރައްވައި ބިންގާ އެޅުއްވި ހެޔޮކަމުގެ ދައުލަތް ވީދައި ކުދިކުދި ކުރުމުގެ ފުރުސަތުދެއްވުމެވެ. އެކަލޭގެފާނު ބިނާކުރައްވަން ފައްޓަވާފައިވާ އެއްކައުވަންތަކަމާއި، ޢަދުލު އިންސާފުގެ ނިޒާމު ފުރިހަމަޔަށް އާރާސްތު ކުރެއްވުމަކީ ލާޒިމުކަމެކެވެ. އެކަލޭގެފާނު ރުވާލައްވައިފައިވާ ތައުޙީދުގެ ބަގީޗާ ހެދިފޯދި މަލާއި މޭވާ އަޅަންދެން ރައްކާތެރިކުރައްވައި ބެލެހެއްޓެވުން މުހިންމުވެ، އެބަގީޗާ ސުންނާފަތިކޮށްލުމުގެ މަޤްޞަދުގައި ޢަރަބިކަރައިގެ އެތެރެއާއި ބޭރުން އުފެދެން ފަށަފައި ހުރި ޠޫފާނުތަކަށް ސަމާލުވެ ވަޑައިގަތުން ކޮންމެހެންވެސް ލާޒިމެވެ. ދިމާވާ ކޮންމެ ނުރައްކަލެއް ދުރާލައި ވިސްނައިވަޑައިގެން އެންމެ އެކަށޭނަ ވަގުތުގައި އެކަމެއް ހުއްޓުވުމަށް ފިޔަވަޅު ނާޅުއްވައިފިނަމަ އެކަންވާނީ ލީޑަރޝިޕެއްގެ އިންތިހާ ދަރަޖައިގެ ފަރުވާކުޑަކަން ކަމުގައެވެ. އެފަދަ ނުރައްކަލެއް ހުއްޓުވުމަށްޓަކައި އަޅުއްވާ ކޮންމެ ފިޔަވަޅެއް ވެސް އެކަމަށް އެންމެ އެކަށޭނަ ވަގުތުގައި އަދި ކީއްތޯއެވެ. އެންމެ މުނާސަބު އަވަސް ފުރުސަތުގައި އަޅުއްވަން ޖެހެއެވެ. ވިދުވަރެއްފަދަ ހަލުވި ދުވެލީގައި ކުރިޔަށްދާ ޒަމާން އެކެއްގެ އިންތިޒާރަކު ވެސް މަޑުކޮށްގެން ހުއްޓިއެއް ނޯވެއެވެ. އެކަކު އާދޭތޯ ބަލާކަށެއްވެސް މަޑެއްނުކުރެއެވެ. ކޮންމެ ތަޙްރީކެއް ވެސް އަދި ކޮންމެ ދައުލަތެއް ވެސް އެ ދައުލަތަކާ ނުވަތަ ތަޙްރީކަކާ ވާދަކުރާ ފަރާތްތަކާމެދު ފާރަވެރިވެ ބަލަންޖެހެއެވެ. ކޮންބަޔަކު ތިބީ ކިހައި ކުރިޔެއްގައިކަން ނުވަތަ ކިހައި ފަހަތެއްގައިކަން ރަނގަޅަށް ދަންނަން ޖެހެއެވެ. އިންސާނިއްޔަތުގެ މުޙުސިން صلّى الله عليـه وســلّم އެކަލޭގެފާނުގެ ދުރުވިސްނި ވަޑައިގަންނަވާ މިތުރު ޞަޙާބީންނަށް ހިޖުރައިގެ ބާބަށްފަހު ދެން ފެށޭ ބާބެއް ވެގެންދާނީ ޖިހާދުގެ ބާބަކަށްކަން ފުރިހަމަޔަށް މޭރުންވެ ވަޑައިގަންނަވައެވެ. އެބޭކަލުންގެ މިޝަނާއިގެން އެބޭކަލުންނަށް ކުރިޔަށް ވަޑައިގެންނެވޭނީ ޤުރައިޝުންގެ ކަނޑިތަކުގެ ވިދުވަރުގެ ތެރެއިންކަން ކަށަވަރުވެ ވަޑައިގަންނަވައެވެ. އެހެންކަމުން ކުރިންވެސް ދެންނެވިފަދައިން މުހާޖިރުން މަދީނާގައި ރަށްވެހި ކުރައްވައި ނިމި ވަޑައިގެން މަދީނާގައި ވެރިކަމުގެ މަބްދައުތައް ރާވައި ލެއްވެވޭއިރަށް ރިޔާސަތެއްގެ ވަލިއްޔުލް އަމުރެއްގެ ޙައިޘިއްޔަތުން އިތުރު ސާހިބާ صلّى الله عليـه وســلّم ދިފާޢީ އިންތިޒާމުތަކަށް ފުރިހަމަޔަށް ސަމާލުވެ ވަޑައިގެންނެވިއެވެ. ޖިހާދުގެ އިސްލާމީ ނަޒަރިއްޔާ ޝައްކެއްވެސް ނެތެވެ. ޢަދާވަތްތެރި ބާރުތަކާ ދެކޮޅަށް ކުރެވޭ ޖިހާދަކީ ދައުލަތެއްގެ ޠަބީޢީ އެންމެއިސް މަސްއޫލިއްޔަތެވެ. ދައުލަތުގެ ސަރަހައްދުގައި ހިނގާ ޖިނާއީ ކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ބާރުތައް ތަންޒީމުކުރުމާއި ޢަދުލު އިންޞާފު ޤާއިމު ކުރުމަށްޓަކައި ޝަރުޢީ ނިޒާމެއް ގާއިމު ކުރުންފަދަ މުހިއްމު މަސްއޫލިއްޔަތެކެވެ. ޚާއްޞަކޮށް އިންޤިލާބީ ނަޒަރިއްޔާއެއްގެ މައްޗަށް އަލަށް ބިންގާ އެޅުނު ދައުލަތެއްގައި ދިފާޢީ އިންތިޒާމްތަކުގެ ބޭނުންތެރިކަން ވަކީން ބޮޑެވެ. އެކަމުގެ މުހިއްމުކަން އިތުރުވާ އެއް ސަބަބަކީ އެދައުލަތަކީ އައު އިޖުތިމާޢީ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވުނު އިންޤިލާބީ ދައުލަތަކަށް ވާކަމެވެ. އިންޤިލާބާ ދުޝްމިނުބާރުތައް އެދައުލަތާ ދެކޮޅަށް ސަފުތައް ރުކުރުވާ ލާނެކަމީ ކަށަވަރު ކަމަކަށްވާތީއެވެ. އެހެންކަމުން އެފަދަ ބާރުތަކާއި ކުރިމަތިލުމުގައި ހަމައެކަނި ދިފާޢުކޮށްލަކޮށްލައި ތިބެގެން ފަރުޖެހޭކަށެއް ނޯވެއެވެ. އިންޤިލާބާ ދުޝްމިނު ބާރުތައް ކަފާސްކޮށްލައި ވިއްސިވިހާލިކޮށްލައިގެން މެނުވީ އިންޤިލާބީ ބާރަކަށް އެބާރެއްގެ ވުޖޫދާއި އެބާރެއްގެ ކީރިތި މޫރިތިކަން ދެމެހެއްޓޭކަށެއް ނޯންނާނެއެވެ. އެހެންކަމުން ޖިހާދުގެ އިސްލާމީ ނަޒަރިއްޔާއަކީ ބަޔަކު މުސްލިމުންނާ ޙަމަލާދިނުމުން ނާޗާރުވެތިބެ އެޙަމަލާއެއް މަތަކުރެވޭތޯ ކުރިޔަށް އެއް ފިޔަވަޅު ފަހަތަށް ދެ ފިޔަވަޅު އެޅުމެއްނޫނެވެ، އަދި ކީއްތޯއެވެ. ޖިހާދުގެ އިސްލާމީ ނަޒަރިއްޔާ މަގު ދައްކަނީ އިސްލާމީ އިންޤިލާބުގެ ލީޑަރ އޭނާގެ ސަރުކާރު ކުރިމަތި ވެދާނެ ކޮންމެ ނުރައްކަލަކުން ފުރިހަމަޔަށް ރައްކާތެރި ކުރެއްވުމަށެވެ. އެކަމަށްޓަކައި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ޖާނާއި މާލުން ޤުރުބާން ވެވަޑައި ގަތުމަށެވެ. ހަމައެއާއެކު މާތްﷲ އަޅުތަކުން އަނިޔާއާއި ޖާހިލުކަމާއި އިޤްތިޞާދީ ހަސްފަސްނެތުމާއި އަޚްލާޤީ ނިކަމެތިކަމުން ސަލާމަތް ކުރައްވައި އެއިންޤިލާބު ފުރިހަމަކުރެއްވުމަށްޓަކައި އިންޤިލާބާ ދުޝްމިނު ބާރުތައް ކަކޫމައްޗަށް ތިރިކޮށްލެއްވުމަށެވެ. އިންޤިލާބީ ނަޒަރިއްޔާއެއްގެ މައްޗަށް ބިންގާ އެޅޭ ދައުލަތެއް ކުރިމަތީގައި މިނޫންގޮތެއް ނޯންނާނެއެވެ. މި މައިގަނޑު ނަމުގައި ވަރަށްވެސް ޙަޤީޤަތާ ޚިލާފު ކުށް ބަޙުޘެއް ހުނޅަގު އޮރިއެންޓަލިސްޓުންވަނީ އިޖާދުކޮށްފައެވެ. ތިމާމެންގެ އަމިއްލަ ނަފުސު ފުރިހަމަޔަށް ދަސްނުވެތިބެ “ފަރަންޖީކުލަ” ޖެހިފައި ތިބޭ ބައެއް މުސްލިމުން ވެސް ވަނީ އެބަޙުޘާ އެއްކޮޅުވެފައެވެ. އެ ބަޙުޘަކީ މަދީނާގެ އައު ދައުލަތުގެ އަސްކަރީ ހަރަކާތްތަކަކީ ކަނޑީގެ ބާރުގައި މީސްތަކުންގެ ސިކުނޑިތަކަށް ދީނެއް ވެއްދުންކަމުގައި ހަދަން ހުޅަނގުން އީޖާދުކުރި ބަޙުޘެކެވެ. ޙަޤީޤަތަށް ނަޒަރު ހިންގާއިރު މުސްލިމުން މަދީނާގައި ބިނާކުރި ދައުލަތުގެ އަސްކަރީ ހަރަކާތްތަކަކީ އަލަށް އުފަންވެ ނުވަރޭފެނުތެރޭގައި އޮތް ދައުލަތެއްގެ ޖޯގްރަފީ ސަރަހައްދާއި، ނަޒަރިއްޔާތީ އިންތައް ޙިމާޔަތްކުރުމުގެ ހަރަކާތެކެވެ. އެދައުލަތުގެ މުވާޠިނުންގެ ޖާނާއި މާލު ދުޝްމިނުންގެ ކިބައިން ދިފާޢުކުރުމަށްޓަކައި ރާވައިލެވުނު އަސްކަރީ ހަރަކާތްތަކެކެވެ. މުސްލިމުން އެދައުލަތެއްގެ ބިންގާއެޅީ ތޭރަ އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ހައިރާންވެ އަންތަރީސްވާފަދަ ޖާނީ ޤުރުބާންތަކަކާއި މާލީ ފިދާވުން ތަކަކަށްފަހުގައެވެ. އުފަން ބިމުގައި ހައްޓަށްނޭވާ ނުފެތިގެން ޢަރަބިކަރަ ދޫކޮށް ޙަބަޝާގައިވެސް އެތައްދުވަހަކު ބީރައްޓެހިކަމުގައި ގަނަތެޅުމަށްފަހުގައެވެ. މުސްލިމުން މަދީނާއަށް ޖަމާވީ އަނިޔާވެރިކަމުގެ ކޯރަކަށް ގެނބި ނޭފަތުކުރި ނުހިކޭގޮތް ވުމުންނެވެ. ގެދޮރާއި އަމިއްލަ މިލްކިއްޔާތު ދޫކޮށްލުމަށް ފަހުގައެވެ. މަޤުޞަދަކަށް ވެފައި އޮތީ އަމިއްލަ ޒަމީރު ގަބޫލުކުރާފަދަ ޙަޔާތުގެ ނިޒާމެއް ބިނާކުރުމެވެ. މުޅި ދުނިޔެއަށް އަމާންކަމާއި ސަލާމަތުގެ މަގުދެއްކުމެވެ. މުސްލިމުން ބިނާކުރި އެދައުލަތުން އިންސާނިއްޔަތު އަލުން ބިނާކުރަން ފެށުމާއެކު އަމިއްލަ އެދުމުން ފުރިފައިތިބި ހަސަދަވެރި ދުޝްމިނު ބާރުތަކުން ދިމާކުރީ އެދައުލަތް ފެންކޮށީގައި ވަނިކޮށް ކަފުންކޮށް ވަޅުލުމަށެވެ. މުސްލިމުން ދުނިޔޭގެ ތާރީޚުގައި ލިޔާންފެށި ރަން އަކުރުގެ ބާބު ލިޔަން ފެށުމާއެކު އެއްފަރާތުން މަދީނާގެ ޔަހޫދީންނާއި މުނާފިޤުން އަނެއް ފަރާތުން ޤުރައިޝުންނާއި އެއުރެންގެ އެކުވެރި ޤަބީލާތަކުން ބަނޑާއި ބުރަކަށީން އަޑުކިޔަންދެން ހިފައިލީ އެތާރީޚުގެ އެންމެ ސަފުހާއެއް ވެސް ލިޔެވުނަ ނުދިނުމަށެވެ. މާގިނަ ދުވަސްތަކެއް ފާއިތު ނުވަނީސް އޭރުގެ ދުނިޔޭގެ ބޮޑު ދެބާރުން ވެސް ކަމަރު ބަނދެލީ މުސްލިމުންނަށް އެބައިމީހުން އަމިއްލަ ތާރީޚެއް އުފެދުނަ ނުދިނުމަށެވެ. ޝައްކެއްވެސްނެތެވެ. ދީނަކީވެސް އިސްލާމީ ތަޙްރީކުގެ ވަރަށް މުހިންމު އަސާސީ އެއްބައެވެ. ނަމަވެސް ހަމައެކަނި ދީނުގެ ދާއިރާއަށް ބަލާއިރު މަދީނާގެ އިސްލާމީ ދައުލަތުން ވަނީ ޣައިރު މުސްލިމުންނަށް ދީނީ މިނިވަންކަން ފުރިހަމަޔަށް ކަށަވަރުކޮށްދީފައެވެ. މަދީނާގެ ޔަހޫދީންނަށާއި މުޝްރިކުންނަށް ދީނުގެ މިނިވަންކަންދީފައެވެ. މަދީނާގެ ޤާނޫނު އަސާސީން (މަދީނާގެ މީޘާޤުން) އެކަން ސާބިތުވެއެވެ. މުސްލިމުން ކަނޑިއުރައިން ދަމައިގަތީ އެބައިމީހުންގެ ޖާނާއިމާލާއި ވަޒަނާއި ދައުލަތާއި މިނިވަންކަމާއި ދީނީ ދަޢުވަތު ދިނުމުގެ ޙައްޤު ޙިމާޔަތް ކުރުމަށެވެ. މުސްލިމުންގެ އަސްލު މައްސަލައަކީ، އެބައިމީހުން ބިންގާއެޅި މުޤައްދަސް ސިޔާސީ ހައިއަތު ހިމާޔަތްކުރުމެވެ. ޢަރަބި އުންމަތަށާއި މުޅި އިންސާނިއްޔަތުގެ ހެވާއި ލާބައާއި މަންފާއަށްޓަކައި ބިންގާއެޅި ދައުލަތް ދިފާޢު ކުރުމެވެ. މާތްﷲ އަށް އަޅުކަންކުރުމުގެ އަޚްލާޤުގެ ބިންގަލުގެ މަތީގައި ސިޔާސީ ޙަރަކާތްތައް އިންތިޒާމު ކުރުމުގެ ރަން ދައުރެއް ފެށުމެވެ. ގުރައިޝުންނާއި ޔަހޫދީންނާއި ބަދަވީ ޤަބީލާތަކުން ކެތްމަދުވެފައި ތިބީ މުސްލިމުންގެ އެނަޒަރިއްޔާ އޮއިސެއްލަޔަށް ވައިސެއްލަޔަށް ބައްސައި ލުމަށެވެ. (ނުނިމޭ)

  • މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.