English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ނުވަތަ ނިމޭއިރު ހުޅުމާލޭގައި 3500 ހައުސިން ޔުނިޓް ހުންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ “ހިޔާ” މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ފާއިތުވި ސާދަވަރަކަށް އަހަރުތެރެއިން ފުރަތަމަ 10 އަހަރު ތެރޭގައި ހުޅުމާލެ ސިޓީގައި އަޅާފައި ވަނީ 2000 ހައުސިން ޔުނިޓް ކަމަށެވެ. އެހެންނަމަވެސް މިދައުރު ނިމޭއިރު ފުރަތަމަ ފިޔަވަހީގައި 3500 ހައުސިން ޔުނިޓް ބިނާކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ މިދައުރުގެ މުއްދަތު ހަމަވުމުގެ ކުރިން 3500 އެއްހާ ހައުސިން ޔުނިޓް ހުޅުމާލޭ ދެވަނަފޭސްއިން ނިމޭނީ އަންނަ އަހަރުންވެސް ބައެއް ލައިގެން ކަމަށެވެ.
ފުރަތަމަ 10 އަހަރުތެރޭގައި ހުޅުމާލޭ ފުރަތަމަ ފޭސްގައ އަޅާފައިވާ ހައުސިން ޔުނިޓް ތަކަމަށް ބަލާއިރު އެއީ އަހަރަކަށް 200 ޔުނިޓް ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވަނީ އެ އަދަދު އަހަރަކަށް 700 އަށް އިތުރުކޮށްފައެވެ. މިއީވެސް މިސަރުކާރުގެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.