English Edition
Dhivehi Edition

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮަނަލް މެސީގެ ސޮއި ހޯދުމަށް ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން ހުށަހެޅި ރެކޯޑް މުސާރައެއް ކަމަށްވާ އަހަރަކު 400 މިލިއަން ޔޫރޯ ގެ ހުށަހެޅުން މެސީ ގަބޫލު ނުކުރިކަމަށް ދުނިޔޭގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ ދެ އަހަރުގެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާއިރު، މެސީ ހޯދުމަށް މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރާ ދެ ކުލަބަކީ ސައުދީގެ އަލް ހިލާލް އާއި މެސީގެ ކުރީގެ ކުލަބް ބާސާއެވެ. ނަމަވެސް ބާސާއިން މެސީއަށް އަދި އެއްވެސް ހުށައެލުމެއް ހުށައަޅާފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ބާސާގެ މާލީ ހާލަތު އަދި ތަންނުދޭތީ މެސީ ހޯދުމަށް އެ ކުލަބަށް ހުށައެޅުމެއް ހުށައަޅަން ވަނީ ނުކުޅެދިފައެވެ.

މި ސީޒަނަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާއިރު، މެސީ ކުލަބުގައި ބެހެއްޓުމަށް ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕީއެސްޖީން ވަނީ މެސީގެ މިހާރުގެ މުސާރައަށް އިތުރު ދެ އަހަރު ކުލަބުގައި މަޑުކޮށްދޭން ވެސް އެދިފައެވެ. ނަމަވެސް މެސީ އަދި މިކަމަށް ވަކި ގޮތެއް ނުނިންމާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަނަށް ފަހު މެސީ ބަދަލުވާނީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއަށެވެ. ބާސާއި ވަނީ މެސީ ހޯދުމަށް ޝައުގުވެރިވާކަމަށާއި އަދި އޭނާ ހޯދުމަށް އެ ކުލަބުން މަސައްކަތް ކުރާކަން ހާމަކޮށްފައެވެ. ނަމަވެސް ބާސާއަށް މެސީ އަށް އެއްވެސް ހުށައެޅުމެއް ހުށައެޅޭނީ މިހާރު އެ ކުލަބަށް ދިމާވެފައިވާ މާލީ މައްސަލަތައް ހައްލުވުމުންނެވެ.

ސައުދީން ހުށައެޅި ބޮޑު ހުށައެޅުމަށް މެސީ ނޫނެކޭ ބުނެފައިވާއިރު، އޭނާ އެ ހުށައެޅުމަށް ދެކޮޅު ހެދީ މެސީގެ ވިސްނުން އަދިވެސް ހުރީ ޔޫރަޕުގެ ލީގެއްގައި ކުޅެން ކަމަށްވާތީކަމަށް ރިޕޯޓުތައް ބުނެއެވެ. ޔޫރަޕް ދޫކޮށް އެހެން ހިސާބަކަށް ދިއުމުގެ ވިސްނުން މެސީ އަދި ނުގެންގުޅެއެވެ.

ކޮންމެ ގޮތެއްވިޔަސް މި ސީޒަނަށް ފަހު މެސީ އޭނާގެ މިހާރުގެ ކުލަބް ޕީއެސްޖީގައި މަޑުކުރާނެ ކަމަކަށް ނުބެލެވެއެވެ. އެއީ ގިނަ ސަބަބުތަކަކާއި ހުރެއެވެ. މެސީ އެނބުރި އޭނާގެ ކުރީގެ ކުލަބް ބާސަށް ބަދަލުވުމުގެ ވިސްނުން މިއީ އެއްސަބަބެވެ. އަނެއް ސަބަބަކީ ޕީއެސްޖީގެ ސަޕޯޓަރުންގެ އުނދަގޫ މެސީއަށް ބޮޑުވެފައިވުމެމެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުން ޕީއެސްޖީ ކެޓި މެޗަށް ފަހު އެޓީމުގެ ސަޕޯޓަރުންގެ އުނދަގޫ އަންނަނީ މެސީއަށް ފޯރަމުންނެވެ.