English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި ނަން އިއްވާ މެމްބަރުން ތަޅުމުން ނެރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

ރޮޒައިނާގެ އިސްލާހަކީ މަޖިލީހުގެ މެމްބަރުން ގަދަކަމުން ތަޅުމުން ނެރެން ޖެހޭ ހާލަތްތުގައި އަންހެން ސެކިއުރިޓީން ފޮނުވައިގެން އެކަން ކުރަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ.

މި އިސްލާހު ހުށަހަޅުއްވާފައި މިވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފެއްޓެވުމުން، މަޖިލީހުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ނެވެ.

އެ ދުވަހު ރައީސް ސާލިހު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖުކޮށް، އަޑުގަދަ ކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައެއް މެމްބަރުންގެ ނަން އިއްވައި، ތަޅުމުން ނެރެފައެވެ.

އެކަމުގައި ހަރަކާތްތެރިވީ އަންހެން ސެކިއުރިޓީން ކަމަށްވާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން މަޖިލީހުން ނަން އިއްވާ މެމްބަރުން ނެރުމުގައި އަމަލުކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ރޮޒޭނާ ވަނީ މަޖިލީހުގެ ގަވާއިރުގެ 23 ވަނަ މާއްދާގެ (ބ) އަށް އިސްލާހު ހުށަހަޅާފައެވެ. މި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުން ނަން އިއްވައި ތަޅުމުން ނެރެން އަންގާ މެމްބަރުންގެ ތެރެއިން ފިރިހެން މެމްބަރުން ނެރޭނީ ފިރިހެން ސެކިއުރިޓީން ކަމަށެވެ. އަދި އަންހެން މެމްބަރުން ނެރޭނީ އަންހެން ސެކިއުރިޓީން ކަމަށެވެ.

މަޖިލީހުގެ މިދިޔަ ހަފްތާގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ފިރިހެން މެމްބަރުންތަކެއް ތަޅުމުން ނެރެން ޖެހުނީ އަންހެން ސެކިއުރިޓީން އަމިއްލައަށް ބޭނުންވެގެން ނޫން ކަަމަށެވެ. މަޖިލިސް ހުޅުވި ޖަލްސާގައި ހިނގައިދިޔަ އެ ހާދިސާއާ ގުޅުވައި އަންހެން ސެކިއުރިޓީން ބަދުނާމުކޮށް ހަޑިހުތުރު ބަހުން ސޯޝަލްމީޑިއާގައި ފުރައްްސާރަކޮށް ހެދުން އޭނާ ވަނީ ކުށްވެރި ކުރައްވައިފައެވެ.

މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ނެރެން އަންހެން ސެކިއުރިޓީން ހަރަކާތްތެރިވާން ޖެހުނީ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމުންނެވެ. ސައީދު އަތުގައި ހިފައި އަންހެން ސެކިއުރިޓީން އޭނާ ނެރެނިކޮށް ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ލަވަ ހަދައި ވެސް އާއްމުކޮށްފައިވެއެވެ.

އަންހެން ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރަނީ މަދު އަންހެނުންތަކެއް ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ އެފަދަ ދާއިރާތަކުގައި ތިބޭ މީހުން ބަދުނާމުކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުން އަގުވައްޓާލުން ބަލައިނުގަނެވޭ ކަމަށެވެ. މިއީ އެފަދަ ދާއިރާތަކުގައި ތިބި އަންހެންނަށް އަދި ނުކުންނަން ތިބި މީހުންނަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެެވެ.