English Edition
Dhivehi Edition

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ވިސްނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތިނަދު އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ތިނަދޫ ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަނީ ސިޓީއެއްގެ ދަރަޖަ ދިނުމަށް ވިސްނައިގެން ކަމަށެވެ. އަދި އެ މަނިކުފާނު ދެން މި ރަށަށް ވަޑައިގަންނަވާނީ އެ ދަރަޖަ ދޭ ރަސްމިއްޔާތަށް ކަމަށެވެ.

މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދުއަކީ މުހިންމު ރަށެއް ކަަމަށާއި ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި ރަށުގައި ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ ކޮމަރޝަލް ޕޯޓަކާއި ތިނަދޫ ކައިރީގައި އެއަރޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށަށް ފުރަތަމަ ކަނޑައެޅީ 100 ހައުސިން ޔުނިޓް ނަމަވެސް 200 ޔުނިޓަށް ބަދަލުކޮށް، ހިއްކި ބިމުން ގޯތި ދޭން ލަސްތަކެއް ނުވެ ކައުންސިލުން އިއުލާން ކުރާނެ ކަމަށާއި މަގު ހެދުން ކުރިއަށްދާ ކަން ފާހަގަ ކުރެއްވި އެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމު ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

“އިންޖީނުގެ އެޅުން ކުރިއަށް ދަނީ. މިހެން ގޮސް އަޅުގަނޑަށް މި ލިސްޓް ކިއިދާނެ،” ރައީސް ވިދާޅުވި އެވެ.