English Edition
Dhivehi Edition

ސައުދީ އޯލްސްޓާ ޓީމު ބަލިކޮށް ރިޔާދު ސީޒަން ކަޕް ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

ރޭ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 4-5 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް ޕީއެސްޖީންނެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީން މެޗުގެ ލީޑުނެގިއިރު، މި ލަނޑު ކާމިޔާބު ކުރީ ލިއޮނެލް މެސީއެވެ. ސައުދީ އޯލްސްޓާ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ޕެނަލްޓީ ސައުދީ އޯލްސްޓާ ޓީމަށް ލިބުނީ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މި މެޗުގެ 39 ވަނަ މިނިޓްގައި ޕީއެސްޖީގެ ފުލްބެކް، ހުއާން ބެނާޓަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ޕީއެސްޖީން ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ޕީއެސްޖީން ވަނީ މެޗުގެ 43 ވަނަ މިނިޓްގައި ލަނޑު ޖަހާ އަލުން ލީޑު ނަގާފައެވެ. ޕީއެސްޖީއަށް އަލުން ލީޑުނެގި މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން މާކީނިއޯސް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ނޭމާ ފޮނުވާލި ޕެނަލްޓީ ރިޔާދު ސީޒަން ޓީމުގެ ކީޕަރު، މުހައްމަދު އުވައިސް ވަނީ މަތަކޮށްފަ އެވެ.

ސައުދީ އޯލްސްޓާ ޓީމުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑުވެސް އެޓީމަށް ޖަހައިދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ދެ ވަނަ ފަހަރު ލިބުމުން ރޮނާލްޑޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 54 ވަނަ މިނިޓްގައި، ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ސާޖިއޯ ރާމޯސް ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހާފައެވެ. އޭގެ ދެ މިނިޓް ފަހުން، ސައުދީ އޯލްސްޓާ ޓީމަށް މެޗުގައި ތިން ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޑިފެންޑަރު ހިޔުން ސޫ ޖަންގްއެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ކޯނަރެއްގައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޕީއެސްޖީން މެޗުގެ 60 ވަނަ މިނިޓްގައި އަލުން ލީޑުނެގީ ޕެނަލްޓީ އަކުން އެމްބާޕޭ ޖެހި ލަނޑުންނެވެ. މިއީ މެސީ ފޮނުވާލި ހަމަލާއެއް ސައުދީ އޯލްސްޓާ ޓީމުގެ އަލީ ބޫލާހީ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޕީއެސްޖީން އެޓީމުގެ ފަސް ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ހޫގޯ އެކިޓިކޭ އެވެ. ސައުދީ އޯލްސްޓާ ޓީމަށް ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އެންޑަސަން ޓަލިސްކާއެވެ.

ރޭގައި ކުޅުނު މި ޚާއްޞަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައި ސައުދީ އޯލްސްޓާ ޓީމަށް ދެ ލަނޑު ޖަހައިދިން ރިޔާދު ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.