English Edition
Dhivehi Edition

ބޮލީވުޑްގެ ކުރީގެ މަޝްހޫރުތަރި ރާޖް ކަޕޫރްގެ ކާފަ ދަރިއަކަށްވުމުން ފަހްރުވެރިވާ ކަމުގައި ރަންބީރު ކަޕޫރް ބުނެފިއެވެ. އޭނާގެ ކުރިއަށް އޮށް ފިލްމު ޖައްގާ ޖާސޫސުގެ “ގަލްތީސޭ މިސްޓޭކް” ލަވަ ނެރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ރަންބީރު ބުނެފައިވަނީ ރާޖް ކަޕޫރް އާއި އޭނާގެ އެއްގޮތް ގިނަ ސިފަތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ. “މިއަދު އަހަރެން މި ހުރި ހިސާބަށް އާދެވުނީ ކާފަގެ ސަބަބުން.އަހަންނަށް ދާންވީ މިސްރާބު ދައްކައިދިނީ ކާފަ. އަބަދުވެސް އަހަރެން ކާފަމަތިން ހަނދާންކުރާނަން. “ރަންބީރު ބުންޏެވެ. ބަރްފީ އާއި ރޮކްސްޓާ ފަދަ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަންބީރުގެ ހުރިހާ އުއްމީދެއް މިހާރު ގުޅިފައިވާ ފިލްމަކީ ޖައްގާ ޖާސޫސް އެވެ. ފާއިތްވެ ދިޔަ ދެ އަހަރު ރަންބީރު ކުޅެފައިވާ ފިލްމުތަކަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައި ނެތް އިރު މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ހެދުމަށްޓަކައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ފިލްމުގައި ޑިޓެކްޓިވް އެއްގެ ރޯލުން ފެނިގެންދާ ރަންބީރު ބުނެފައިވަނީ މީ ކުރިން އޭނާ ކުޅެފައިވާ ފިލްމުތަކާއި ވަރަށް ތަފާތް ފިލްމެއްކަމުގައެވެ. “އަހަރެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދުމަށް. ބެލުންތެރިން ހިތްހަމަޖެހޭފަދަ މޮޅު ފިލްމަކަށް މި ފިލްމު ވާނެކަމަށް އުއްމީދުކުރަނީ” ރަންބީރު ބުންޏެވެ. ކެޓްރީނާ އާއި އެކު ރަންބީރު ކުޅެފައިވާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު 14 ވަނަ ދުވަހުގައެވެ