English Edition
Dhivehi Edition

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުން ބްރެންޓްފޯޑް މޮޅުވެއްޖެއެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗު ބްރެންޓްފޯޑުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ބްރެންޓްފޯޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ 19 ވަނަ މިނެތުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެޓީމުން މި މެޗުގެ ލީޑު ނެގީ އިބްރަހިމާ ކޮނާޓޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ޔޫނޭ ވިސާވެސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް މި ލަނޑު ވީއޭއާރު ބެލުމަށް ފަހު ވަނީ ކެންސަލްކޮށްފައެވެ.

ބްރެންޓްފޯޑުން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 42 ވަނަ މިނެޓުގައެވެ. އެޓީމަށް ލީޑު ފުޅާކޮށްދިން މި ލަނޑު ޖަހައިދިނީ ޔޫނޭ ވިސާއެވެ. އޭނާ މި ލަނޑު ޖެހީ މަތިއެއް ޖެންސެން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ދެ ލަނޑުގެ ލިޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ބްރެންޓްފޯޑުން ނިންމާލިއިރު، ފަހު ހާފުގެ ކުޅުން ފެށިގެން 42 ވަނަ މިނެޓުގައި ލިވަޕޫލުގެ ފޯވާޑް ޑާވިން ނޫނޭސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް މި ލަނޑު ވީއޭއާރު ބެލުމަށް ފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ލިވަޕޫލުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ 50 ވަނަ މިނެޓުގައި އަލެސް އޮކްސްލޭޑް ޗެމްބަލެއިން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖެހީ އަލެކްސެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ބެރެންޓްފޯޑުން އެޓީމުގެ ތިން ވަނަ ލަނޑު ޖަހާ ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 84 ވަނަ މިނެޓުގައި ބްރައިޔަން އެމްބެއުމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭގެ މި ނަތީޖާއާއި އެކު ބްރެންޓްފޯޑުން ވަނީ ތާވަލްގެ ހަތް ވަނައަށް ޖެހިލާފައެވެ. އެޓީމުން ތާވަލްގެ ހަތްވަނައަށް ޖެހިލީ ކުޅުނު 18 މެޗުން ލިބުނު 26 ޕޮއިންޓާއި އެކުގައެވެ. ބްރެންޓްފޯޑު އަތުން މި މެޗުން ބަލިވި ލިވަޕޫލް އޮތީ ކުޅުނު 17 މެޗުން ލިބުނު 28 ޕޮއިންޓާއި އެކު ތާވަލްގެ ހަވަނާގައެވެ.