English Edition
Dhivehi Edition

މި ހިނގާ ދައުރަކީ އައްޑޫ ސިޓީގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގެމުންދާ ދައުރުކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ، އައްޑޫ ސިޓީގެ ތަރައްޤީ އާއި އަދި އެ ސިޓީއަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއި އެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

މި ގޮތުން ސިޓީ ކައުންސިލުން ބުނީ މުޅި ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތަކާ އަޅާކިޔާއިރު އައްޑޫ ސިޓީގައި ވަރަށް ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަމަށެވެ. އެގޮތުން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމޭއިރު، އައްޑޫގެ ހުރިހާ މަގެއް އޮންނާނީ ޒަމާނީ ފެންވަރަށް ހަދައި ނިމިފައިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި އިތުރު ކަންކަމުގެ ތެރޭގައި، ކައުސިލްގެ ބަޖެޓުގެ ދަތިކަމާއި، އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައެވެ. މިގޮތުން، ތަޢުލީމާއި ޞިއްޙީ ދާއިރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އޭއީއެޗްގެ ދަށުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރެވި އިތުރުކުރެވެމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި، އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.