English Edition
Dhivehi Edition

ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ސްކޫލުގެ “ސްޓެމް ފެއަރ 2022” ރަސްމީގޮތުން ހުޅުވައިދެއްވަމުން ނައިބު ރައީސް ވިދާޅުވީ ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަމަށެވެ.

އެގޮތުން ކުދިން އަމިއްލައަށް ކަންކަންކުރުމަށް ފުރުޞަތު ދިނުމުން، ދަރިވަރުން ގުޅިގެން މަސައްކަތްކުރުމާއި. މައްސަލަތައް ޙައްލުކުރުމުގެ ހުނަރުފަދަ ގިނަ ހުނަރުތައް ދަރިވަރުންނަށް ލިބިގެންދާކަން އެމަނިކުފާނު ވިދާޅުވިއެވެ

ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް މި ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގިނަ ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާކަމަށެވެ.

ނައިބު ރައީސް ވަނީ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލްތަކުން އަދި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

އިސްކަންދަރު ސްކޫލުގެ “ސްޓެމް ފެއަރ 2022” ކުރިޔަށްގެންދަނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. އެ ސްކޫލުގެ ކީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ފެއަރގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވާއިރު ފެއަރގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެކެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެއަރއަށް ޒިޔާރަތްކުރައްވައި ފެއަރގައި ދަރިވަރުން ބައިވެރިކޮށްފައިވާ އުފެއްދުންތައް ބައްލަވާލައްވާފައެވެ.