English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ އާޖެންތީނާ އަދި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބައްދަލުކުރާނެއެވެ. ކްރޮއޭޝިއާ އަދި އާޖެންޓީނާ ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

މި ދެ ޓީމު ވަނީ 2018 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި ވެސް ބައްދަލު ކޮށްފައެވެ. ލިއޮނެލް މެސީ އާއެކު ކުޅުނު އާޖެންޓީނާ ވަނީ އެ ފަހަރު 3-0 އިން ކްރޮއޭޝިއާ އަތްދަށު ވެފައެވެ. އަދި ކްރޮއޭޝިއާ މުބާރާތް ނިންމާލީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެ ވަނަ ހޯދައިގެންނެވެ. ފައިނަލުގައި ކްރޮއޭޝިއާ ވަނީ ފްރާންސް އަތުން 2-4 ގެ ނަތީޖާ އިން ބަލިވެފައެވެ.

އާޖެންޓީނާ

މިއީ ފީފާ ވޯލްޑް ކަޕް ތާރީޚުގައި އާޖެންޓީނާއިން ކުޅޭ ހަތަރުވަނަ ސެމީ ފައިނަލް މެޗެވެ. އާޖެންޓީނާއިން މީގެ ކުރިން ސެމީ ފައިނަލުގައި ކުޅެފައިވަނީ 1930، 1990، 2014 ގެ ވޯލްޑް ކަޕްގެއެވެ. އާޖެންޓީނާއިން މިހާތަނަށް އެޓީމުން ކުޅުނު އެއްވެސް ސެމީ އަކުން ބަލިވެފައެއް ނުވެއެވެ. އެންމެފަހުން އެޓީމުން ސެމީފައިނަލްގައި ބައްދަލުކުރީ 2014ގެ ވޯލްޑް ކަޕުގައި ނެދަލޭންޑްސްއާ އެވެ.

އާޖެންޓީނާ މިފަހަރުގެ މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްގެންނެވެ.

މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އާޖެންޓީނާގެ ފުލްބެކް މާކޮސް އަކުންޔާ އާއި ގޮންޒާލޯ މޮންޓިއެލް އަށް ނުކުޅެވޭނެ އެވެ. އަކުންޔާގެ ބަދަލުގައި މި މެޗުގައި ކުޅޭނީ ނިކޮލަސް ޓަގްލިއަފީކޯ އެވެ.

ކްރޮއޭޝިއާ

މިއީ ކްރޮއޭޝިއާއިން ފީފާ ވޯލްޑް ކަޕުގެ ތާރީޚުގައި ސެމީ ފައިނަލް ކުޅޭ ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެތީމުން ސެމީގައި ކުޅެފައިވަނީ 1998 ވަނަ އހަރު ފްރާންސަްގައި ބޭއްވުނު ވޯލްޑް ކަޕްގައާއި އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕުގައެވެ. އޭގެ ތެރެއިން ކްރޮއޭޝިއާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލް މެޗެވެ.

ކްރޮއޭޝިއާ މިފަހަރުގެ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން 2-4 ގެ ނަތީޖާ އިން ބްރެޒިލް ބަލިކޮށްގެންނެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ވެސް އަދި ސަސްޕެންސަނުގެ މައްސަލއެއް ވެސް ކްރޮއޭޝިއާ ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

އާޖެންޓީނާ އާއި ކްރޮއޭޝިއާ މީގެކުރިން ފަސް ފަހަރެއްގެ މަތިން ބައްދަލުކޮށްފައި ވެ އެވެ. އޭގެތެރެއިން ކޮންމެ ޓީމަކުން ވެސް ދެ މެޗު ކާމިޔާބުކޮށްފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2018 ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ ކްރޮއޭޝިއާ އިންނެވެ. މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.