English Edition
Dhivehi Edition

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށް ވުރެ ގިނަ ފަތުުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިންސްޓަރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،528،841 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން މިހާރު އެވްރެޖްކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 4،573 ގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 216،387 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 14 އިންސައްތައެވެ. ދެވަނާގައި އޮތީ ރަޝިއާއެވެ. އެ ގައުމުން ރައްޖެއަށް 186،114 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާރު، އިނގިރޭސިވިލާތުން 164،973 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސައުތް ކޮރިއާގެ އިތުރުން ސްވިޒަލޭންޑެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،205 ތަނަކަށް ހުއްދަދީފައިވާއިރު، މީގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1.201 ތަނަކުންނެވެ. އެއީ 167 ރިސޯޓާއި، 876 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ޓެގު